ސަވާހިލި އައްޑޫސިޓީ ކައުންސިލުގެ އިޙްތިސާސްއިން ވަކިކުރުމަކީ ތަރައްޤީއަށް ހުރަސްއެޅުން
ރައްޔިތުންގެ ނޫސް
ލިޔުންތެރިޔާ
އައްޑޫ ސަވާހިލި -- ފޮޓޯ: ސޯޝަލްމީޑިއާ
އައްޑޫ ސިޓީކައުންސިލްގެ އިޙްތިސާސްގެ ދަށުގައި އޮތް، ސަވާހިލި އައްޑޫސިޓީ ކައުންސިލުގެ އިޙްތިސާސްއިން ވަކިކުރުމަކީ ތަރައްޤީއަށް ހުރަސްއެޅުންކަމުގައި އިދިކޮޅުޕާޓީ އެމްޑީޕީން ބުނެފިއެވެ.
އައްޑޫ ސިޓީކައުންސިލަކީ، އެމްޑީޕީގެ މެމްބަރުން އިންތިޚާބުވެފައިވާ ކައުންސިލެކެވެ.
ސަރުކާރުގެ ނިންމުމަށް ފާޑުކިޔައި އެމްޑީޕީން އާއްމުކޮށްފައިވާ ބަޔާނުގައި ބުނެފައި ވަނީ، ބޮޑު އަޣުލްބިއްޔަތަކުން އާ ދައުރަކަށް އިންތިޚާބުވި ސިޓީ ކައުންސިލުން، އައްޑޫސިޓީގެ 5 އަހަރު ދުވަހުގެ ތަރައްޤީގެ ޕްލޭން އެކުލަވާލުމަށް ޤާނޫނުން މަތިކޮށްފައިވާ ޒިންމާ އަދާކުރަމުންދާ ދަނޑިވަޅެއްގައި، އައްޑޫ ސިޓީ ކައުންސިލާއި، އަދި އައްޑޫ ރައްޔިތުންގެ އެއްވެސް މަޝްވަރާއެއްނެތި އެ ސިޓީގެ އިޚްތިސާސްގައިވާ ސަވާހިލި ކައުންސިލްގެ އިޚްތިސާސް އިން ވަކި ކުރުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ.މުއިއްޒު ލާމަރުކަޒީ ޤާނޫނުގެ މަޤްސަދާ ސީދާ ޚިލާފަށް، އަދި އައްޑޫ ރައްޔިތުންގެ ނިންމުމާ ކަނޑައެޅިގެން ދެކޮޅަށް، އަދި އައްޑޫ ތަރައްޤީއަށް ހުރަސްއެޅުމަށް ހިންގާފައިވާ ހަޑިހުތުރު އަމަލެއް ކަމުގައި އެޕާޓީން ދެކޭ ކަމަށެވެ.
އެމްޑީޕީގެ ބަޔާނުގައި ބުނެފައި ވަނީ، ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ޤާނޫނުގައި ރަށްތަކާ ސިޓީތަކުގެ އިޚްތިސާސް ކަނޑައެޅުމުގެ ބާރު ރައީސުލްޖުމްހޫރިއްޔާއަށް ލިބިދީފައިވަނީ ޤާނޫނުގައި ކަނޑައަޅާފައިވާ އިންތަކުގެ ތެރޭގައި ބޭނުންކުރުމަށެވެ. އަދި އެ ބާރު ބޭނުންކުރަންވާނީ އެރަށެއް ނުވަތަ ސިޓީއެއްގެ ރައްޔިތުންގެ މަޝްވަރާއާއި އެކުގައިކަމުގައި ސާފުކޮށް ޤާނޫނުގައި ބަޔާންކޮށްފައިވާކަންވެސް އެމްޑީޕީގެ ބަޔާނުގައި ފާހަގަކޮށްފައި ވެއެވެ.
އެމްޑީޕީގެ ބަޔާނުގައި ބުނެފައި ވަނީ، ރަށެއް ނުވަތަ ސިޓީއެއްގެ ތަރައްޤީ ޕްލޭނާއި ބިނާވެށި ޕްލޭނެއް އެކުލަވާލުމަށްފަހު، އެ ޕްލޭންތަކަށް އެއްވެސް ބަދަލެއް ގެންނަންވާނީ ރައްޔިތުންންގެ މަޝްވަރާއާއި އެކު ކަމަށް ލާމަރުކަޒީ ޤާނޫނުގައި ކަނޑައަޅާފައި އޮތުމުގެ މާނައަކީ، ރަށެއް ނުވަތަ ސިޓީއެއްގެ އިޚްތިސާސްއަށް ބަދަލުގެނައުމަށް ރައީސުލްޖުމްހޫރިއްޔާ އަށް ލިބިދީފައިވާ ބާރަކީ ހިތުހުރިގޮތަކަށް ބޭނުންކުރެވޭނެ ބާރެއްނޫންކަން ކަމުގައިވެސް އެމްޑީޕީގެ ބަޔާނުގައި ބުނެފައި ވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް