އެހީއަށް އެދުނު އީރާނުގެ މަނަވަރު ޓްރިންކޮމަލީ ބަނދަރަށް ވައްދައިފި
ރައްޔިތުންގެ ނޫސް
ލިޔުންތެރިޔާ
އީރާންގެ މަނަވަރު އައިރިސް ބުޝެހްރް -- ފޮޓޯ: ނިއުސްވަޔަރ
އެހީއަށް އެދުނު އީރާނުގެ މަނަވަރު، އައިރިސް ބުޝެހްރް ސްރީލަންކާގެ ޓްރިންކޮމަލީ ބަނދަރަށް ވައްދައި އޭގައި ތިބި 208 ސިފައިން ސްރީލަންކާއަށް ބާލައިފިއެވެ.
އެކަމާއި ގުޅޭ ގޮތުން ސްރީލަންކާގެ ރައީސް އަނޫރާ ކުމާރަ ޑިސެނަޔަކަ ވަނީ، ސްރީލަންކާގެ ޤައުމީޓީވީ މެދުވެރިކުރައްވައި ބަޔާނެއްވެސް ދެއްވާފައެވެ. ސްރީލަންކާގެ ރައީސް ވިދާޅުވީ، ސްރީލަންކާގެ ބަނދަރަށް އެމަނަވަރު ވައްދާފައި ވަނީ، އޭގައި ތިބި ފަޅުވެރިންގެ ފުރާނަ ސަލާމަތްކޮށްދިނުގެ ގޮތުން ކަމަށެވެ. އައިރިސް ބުޝެހެރްއަކީވެސް، އިންޑިއާގެ ވިޝާކަޕަޓްނަމްގައި ފެބުރުއަރީ މަހުގެ މަހުގެ 15އިން 25އަށް ކުރިޔަށް ގެންދިޔަ، ބައިނަލްއަގުވާމީ ފްލީޓް ރިވިއުގައި ބައިވެރިވުމަށްފަހު އެނބުރި އީރާނަށް ދިޔުމަށް ފުރި މަނަވަރެކެވެ. އެމަނަވަރާއެކުގައި ދަތުރު ކުރި، އީރާނުގެ މަނަވަރު އައިރިސް ޑެނާއަށް އެމެރިކާގެ ސަބްމެރީނަކުން ބުދަދުވަހުގެ ފަތިހު ދިން ޓޯޕިޑޯ ހަމަލާއެއްގައި އެމަނަވަރު އަޑިޔަށް ދިޔައިރު، ސަލާމަތްވީ 32 ފަޅުވެރިންނެވެ. އެމީހުން ސްރީލަންކާއަށް ގެނެސް ކަރަޕިޓިޔާ ޓީޗިންގ ހޮސްޕިޓަލްގައި ފަރުވާ ދެމުން އަންނައިރު، މަރުވި 84 ފަޅުވެރިއެއްގެ ހަށިގަނޑުވެސް ވަނީ، ސްރީލަންކާގެ ގާލީއަށް ގެންގޮސްފައެވެ.
ސްރީލަންކާގެ މީޑިއާތަކުގައި ރިޕޯޓްކޮށްފައިވާ ގޮތުގައި، ފެބުރުއަރީ މަހުގެ 26 ވަނަ ދުވަހު އީރާންގެ ފޮރިން މިނިސްޓްރީން ލަންކާގެ ފޮރިން މިނިސްޓްރީއަށް، އީރާނުގެ 3 މަނަވަރެއް ސްރީލަންކާއަށް ވަނުމަށް ހުއްދައަށް އެދިފައިވެއެވެ. އެއީ ދެ ޤައުމުގެ ދެމެދުގައި އޮތް ގުޅުމުގެ ތެރެއިން މާރިޗުމަހުގެ 9 އިން 13އަށް ސްރީލަންކާއަށް އެމަނަވަރުތައް ޒިޔާރަތް ކުރުމަށް ހުށައަޅާފައި އޮތް ހުށައެޅުމެކެވެ. އެކަމަށް އީރާނުން އެދި ހުށައަޅާފައި ވަނީ ފެބުރުއަރީ 29 ވަނަ ދުވަހު އެމެރިކާ އާއި އިޒްރާއީލުން ކުއްލި ގޮތަކަށް އީރާނަށް ހަމަލާދީ ހަނގުރާމަ ފެށުމުގެ ކުރިންނެވެ.
އަދި ފެބުރުއަރީ މަހުގެ 27 ވަނަ ދުވަހު، އައިރިސް ބުޝެހްރްގެ ޑެކްމަތިން ފަޅުވެރިއަކު ވެއްޓި އަނިޔާވުމާއި ގުޅިގެން އޭނާއަށް ފަރުވާދިނުމަށް އިތުރު ފަޅުވެރިއަކާއެކު ސްރީލަންކާގެ އެއާފޯސްއިން ސްރީލަންކާއަށް ގެނެސްދީފައި ވެއެވެ.
އައިރިސް ބުޝެހްރް ސްރީލަންކާގެ ބަނދަރަށް ވަނުމުގެ ހުއްދަައަށް އަލުން އެދުނީ، އެ މަނަވަރުގެ އިންޖީނަށް ދިމާވި މައްސަލައަކާއި ގުޅިގެން ކަމަށްވެސް ރިޕޯޓްކޮށްފައި ވެއެވެ.
އީރާންގެ މަނަވަރަށާއި އޭގައި ތިބި 208 ފަޅުވެރިންނަށް ސްރީލަންކާއިން ހިމާޔަތްދީ އެހީތެރިކަން ފޯރުކޮށްދިން އިރު، އައިރިސް ޑެނާއަށް ދިން ހަމަލާއާއި ގުޅިގެން، އިންޑިއާ އާއި ދިވެހިރާއްޖެއިން އެހީ ނުވި މައްސަލައިގައި ވަނީ ފާޑުކިޔުންތައް އަމާޒުވެފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް