ހިރިލަންދޫ ސްކޫލުގެ އަލިމަސް ޔޫބީލް ފާހަގަކުރުމަށް ޚާއްޞަ ހަރަކާތްތަކެއް
ރައްޔިތުންގެ ނޫސް
ލިޔުންތެރިޔާ
ހިރިލަންދޫ ސްކޫލްގެ ދަރިވަރުން --
ތ. ހިރިލަންދޫ ސްކޫލުގެ އަލިމަސްޔޫބީލް ފާހަގަކުރުމުގެ ގޮތުން ޚާއްޞަ ހަރަކާތްތަކެއް ފަށައިފިއެވެ.
މިހަރަކާތްތަކުގެ ތެރޭގައި ހިމަނައިގެން ކުރިޔަށް ގެންދާ ބައެއް ހަރަކާތްތައް މިހާރު ވަނީ ނިމިފައެވެ. މިގޮތުން މިހަރަކާތްތައް ފަށާފައި ވަނީ، މިމަހުގެ 10 ވަނަ ދުވަހު ބޭއްވި ސްކޫލުގެ ބެލެނިވެރިންނާއި ދަރިވަރުންނާއި މުދައްރިސުންގެ ހިނގާލުމުންނެވެ. މީގެ އިތުރުން، އަންހެނުންގެ ވޮލީ މެޗެއްވެސް އެދުވަހު ވަނީ ކުޅެފައެވެ. އަދި 11 އޮގަސްޓު ހަވީރު އޮޕްޓްކަލް ރޭސް އަދި އެރޭ ކުއްލި މައުޟޫއައް ވާހަކަ ދެއްކުމާއި ސުވާލު މުބާރާތް ވެސް ބާއްވާފައި ވެއެވެ.
މީގެ އިތުރުން އަލިމަސް ޔޫބީލް ފާހަގަކުރުމުގެ ހަރަކާތްތަކުގެ ތެރޭގައި ހިމަނައިގެން އިއްޔެ ވާދެމުމުގެ ހަރަކާތެއްވެސް ކުރިޔަށް ގެންގޮސްފައި ވާއިރު، މިރޭ މަދަހަ މުބާރާތެއް އޮންނާނެއެވެ. އަދި މާދަމާ ހަވީރު ފިރިހެން ފުޓްސެލް މެޗެއް ކުޅޭއިރު، މާދަމާ ރޭ ޑުރާމާ މުބާރާތާއި، އަލިމަސް ޔޫބީލްގެ މި ހަރަކާތްތަކުގެ ނަތީޖާ ފާޅުކުރުމުގެ ރަސްމިއްޔާތުވެސް ބާއްވާނެއެވެ.
ހިރިލަންދޫ ސްކޫލްގެ ޕްރިންސިޕަލް އަހްމަދު ޝައްމޫން ވިދާޅުވީ، ހިރިލަންދޫ ސްކޫލުގެ އަލިމަސް ޔޫބީލް ފާހަގަ ކުރުމުގެ ހަރަކާތްތައް ކުރިޔަށް ގެންދިޔުމަށް ހަމަޖައްސާފައި ވަނީ ދެ ބަޔަކަށް ބަހާލައިގެން ކަމަށެވެ. އޭގެ ސަބަބަކީ، އަލިމަސް ޔޫބީލްގެ ތާރީޚާއި އޯލެވެލް އަދި އޭލެވެލް އިމްތިހާނު އޮންނަ ދުވަސްވަރާއި ދިމާވުމެވެ. މިގޮތުން އަލިމަސްޔޫބީލް ފާހަގަކުރުމުގެ ހަރަކާތްތައް ދެން ކުރިޔަށް ގެންދާނީ 2027 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ ތެރޭގައި ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
ހިރިލަންދޫ ސްކޫލުގެ އަހަރީ ދުވަހަކީ، ކޮންމެ އަހަރެއްގެވެސް އޮކްޓޫބަރު މަހުގެ 28 ވަނަ ދުވަހެވެ. މިއަހަރުގެ އޮކްޓޫބަރު މަހުގެ 28 ވަނަ ދުވަހު، ހިރިލަންދޫ ސްކޫލަށް 75 އަހަރު ފުރޭނެއެވެ.
ހިރިލަންދޫ ސްކޫލް ހުޅުވި، ރަސްމީ ތަޢުލީމުދޭން ފެށުނީ 1951 ވަނަ އަހަރު އޮކްޓޫބާރ މަހުގެ 28 ވަނަ ދުވަހުގައެވެ. ހިރިލަންދޫ ސްކޫލުން ފުރަތަމަ ސެކެންޑަރީއައް ކިޔަވައިދެން ފެށީ 2005 ވަނަ އަހަރުގައެވެ. އަދި އެސްކޫލުގެ ދަރިވަރުން ފުރަތަމަފަހަރަށް ޖީސީއީ އޯލެވެލް އިމްތިހާނު ހަދާފައި ވަނީ 2007 ވަނަ އަހަރުގައެވެ.
ޚަބަރު ލިޔުނީ: ޢަލީ ފާއިމް - ރަށުރިޕޯޓަރ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް