ރައްޔިތުން

މުހައްމަދު މޫސާ: އުމުރު ހުސްވަނީ ބޯހިޔާވަހިކަމެއް ނުލިބި ހިތްދަތިކަމުގައި

ރައްޔިތުންގެ ނޫސް

ލިޔުންތެރިޔާ

މުހައްމަދު މޫސާ: އުމުރު ހުސްވަނީ ބޯހިޔާވަހިކަމެއް ނުލިބި ހިތްދަތިކަމުގައި

އަޙުމަދު މޫސާ -- ފޮޓޯ: ރައީސް އޮފީސް

ރައީސުލްޖުމްހޫރިއްޔާ، ޑރ. މުޙައްމަދު މުޢިއްޒު ގަލޮޅުގެ ރައްޔިތުންނާއި ބައްދަލުކުރެއްވުމަށް ބޭއްވި ބައްދަލު ކުރުމުގައި، އދ. މާމިގިއްޔަށް އުފަން މިހާރު އުމުރުން 70 އަހަރުވެފައިވާ މުޙައްމަދު މޫސާ، ކަރުނަޔާއެކު ޙިއްޞާކުރީ، އޭނާގެ ޙަޔާތުގެ ވާހަކައެވެ. މާލޭގައި ހޭދަކުރަންޖެހުނު ދަތި ދިރިއުޅުމުގެ ވާހަކައެވެ.

މުޙައްމަދު މޫސާގެ ކަންބޮޑުވުމަކީވެސް ބޯހިޔާވަހިކަމެއް ނުލިބުމެވެ. ލިބުނު ފުރުޞަތުވެސް، ހާލަތު މެދުވެރިވި ގޮތުންނާއި، އުސޫލުތައް އޮތް ގޮތުން ގެއްލިގެން ދިޔުމެވެ.

މުޙައްމަދު މޫސާ ބުނާ ގޮތުގައި އޭނާ، މާލޭގައި ދިރިއުޅެންފެށީ ރައީސް އިބްރާހީމް ނާޞިރުގެ ވެރިކަމުންް ފެށިގެންނެވެ. ރައީސް ނާސިރު ރާއްޖޭގެ ރައީސްކަމަށް ވަޑައިގެންނެވިއިރު، މާލޭގެ އާބާދީ އަކީ 11000 އެވެ. 1978 ވަނަ އަހަރު އެމަނިކުފާނު ވެރިކަމުން ވަކިވެވަޑައިގެންނެވި އިރު، މާލޭގެ އާބާދީ 29000އަށް އަރައިފިއެވެ. ރައީސް ނާޞިރުގެ ދައުރުގައި، މާލޭގެ ގޯތި ގެދޮރުގެ ދަތިކަން ހައްލު ކުރެއްވުމުގެ ގޮތުން އޭރު މާލޭގައި ހުރި، ޒަމާންވީ ބައެއް މިސްކިތްތަކާއި ޤަބުރުސްތާނުތައް ނަގައި އެތަންތަނުން އާއްމުންނަށް ގޯތި ދެއްވިއެވެ. ރައީސް މައުމޫނުގެ ވެރިކަމުގައި މާލޭގެ ބިން ހިއްކަވައި، މާލެއިންވެސް ވަރަށް ގިނަ ބަޔަކަށް ގޯތި ދެއްވިއެެވެ. އެހެން ނަމަވެސް އެއިން އެއްވެސް ފަހަރެއްގައި މުޙައްމަދު މޫސާއަކަށް ގޯއްޗެއްގެ ނަޞީބެއް ލައްވައެއް ނުލައެވެ.

މުޙައްމަދު މޫސާ ބުނި ގޮތުގައި އޭނާއަށް ހުޅުމާލެއިން ގޯތި ދޫކުރި ބުރުގައި ގުރުއަތުން ހޮވި ގޯއްޗެއް ލިބޭނެކަމަށް ކަނޑައެޅިއެވެ. އެހެން ނަމަވެސް އެގޯތި ނުލިބުނީ، އަލަތު ދަރިފުޅުގެ ބޭސްފަރުވާއަށް ރާއްޖެއިން ފުރައިގެން ދާންޖެހުނު އިރު، ގޯތީގެ ކަންކަން ހަމަޖައްސަން ސިޓީއެއް ލިޔެދޭނެ މީހަކު ނެތުމުންނެވެ.

މުހައްމަދު މޫސާ ބުނީ، އޭނާއަށް ގުރުއަތުން ގޯތި ލިބުނީ، ދަރިފުޅުގެ ބޭސްފަރުވާއަށް ސްރީލަންކާއަށް ފުރަން އޮތް ދުވަހުގެ ކުރީ ދުވަހުގައި ކަމަށެވެ. އަދި ޖެހިގެން އައި ދުވަހު ފުރަން ދަމުން އެޗްޑީސީއަށް ވަތް ކަމަށާއި، އެހެން ނަމަވެސް އެތަނުން ބުނީ، ސިޓީއެއް ލުމަށް ކަމަށެވެ.

"ފުރަން ދަމުން އަޅުގަނޑު، އެޗްޑީސީއެއްތޯ ތަނަކަށް ވަނީ، އެއީ މަސްވެރިންގެ ޕާކާއި ދިމާގައި ހުރި ތަނެއް. ވަދެ އެކުއްޖާގެ ހާލަތުވެސް ބުނީމާ ބުނަނީ، ސިޓީއެއް ލާށޯ، ސިޓީއެއް ލާށޯ. އަޅުގަނޑު ބުނެފިން ތިޔަ ބޭފުޅުން ސިޓީއެއް ލިޔެލާފައި ދެއްވާށޭ އަޅުގަނޑު ސޮއި ޖަހާލައި ދޭނަމޭ. އެހެރަ ދޭއް ޖަހަނީއޭ. އަޅުގަނޑު ފްލައިޓަށް އަރަންޖެހެޔޭ. އެއީ އަޅުގަނޑުގެ ފުރަތަމަ ކުއްޖާ. ރޮއިފާ ކަލާކޮށްޓަކާ ބުނީމާވެސް އެމީހުން ގޮތް ދޫނުކޮށް އެމީހުން މިބޭބެ ފޮނުވާލީ." އަސާރާއި އެކު މުޙައްމަދު މޫސާ އޭނާއަށް ގޯތި ގެއްލުނު ގޮތް ކިޔައިދިނެވެ.

މުހައްމަދު މޫސާ ބުނީ، އޭނާ ދަރިފުޅުގެ ބޭސް ފަރުވާއަށް ފަހު، ލަންކާއިން އައިސް އަތުގައި ހުރި އެއްޗެއް ވިއްކާފައި ގޯތި ހޯދަން ދައްކަންޖެހޭ ފައިސާ ދައްކަން އޭނާ އެޗްޑީސީއަށް ދިޔައީމާ އެޗްޑީސީން އޭނާއަށް އެންގީ، ވަގުތު ފާއިތުވެއްޖެކަމަށް ކަމަށާއި ގޯތި ދެން ނުލިބޭނެ ކަމަށެވެ.

އަހުމަދު މޫސާގެ އުމުރުން މިހާރު 70 އަހަރު ވެފައި ވާއިރު، އޭނާގެ 7 ކުދިންނާއި، 2 ކާފަދަރިން އެބަތިއްބެވެ. އެހެން ނަމަވެސް އުމުރު ހުސްވާއިރުވެސް މާލެ ސަރަހައްދުން ބޯހިޔާވަހިކަމެއް އޭނާއަށްވެސް ދަރިންނަށްވެސް ނުލިބުނު ކަމީ، އޭނާގެ އެންމެ ބޮޑު އެއް ހިތާމައެވެ.

share

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

0/1000 އަކުރު

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ. އަދަބުވެރި ގޮތުގައި ބަހުސް ކުރައްވާ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް