ވާހަކަ

ކުރު ވާހަކަ: ބީވުމުން

ރައްޔިތުންގެ ނޫސް

ލިޔުންތެރިޔާ

ކުރު ވާހަކަ: ބީވުމުން

ކުރު ވާހަކަ: ބީވުމުން

ޤާޟީ ހުކުމް އިއްވުމާއި އެކު ރާޒީއަކަށް ނުހިފެހެއްޓުނެވެ. އަޑުން އަޑުނަގައި ރޮއެގެންފިއެވެ. އޭނާގެ ހިތް ކުދިކުދިވީއެވެ. އުއްމީދުތައް ވިއްސި ވިހާލިވީއެވެ. ހަޔާތުގެ އެންމެ ފަހު އުއްމީދު ގެއްލުނީއެވެ. ދިރިހުރުމަށް ދިއްލި ހުޅުކޮޅު ނިވުނީއެވެ.

"ނޫނެކެވެ! ތިއީ ނިޔާއެއް ނޫނެވެ. އަނިޔާއެކެވެ." ޤާޟީގެ އަޑު ނުކެނޑެނީސް ރޮއެގެންފައި ރާޒީ ހަޅޭކަވައިގަތް އަޑުން ކޯޓު ރޫމް ދިޔައީ ގުގުމައިގެންނެވެ. އެއާއިއެކު ގާޟީ އަމުރު ކުރީ ރާޒީއަށް ހިމޭން ވާށެވެ. ނޫންނަމަ ކޯޓު ހުރުމަތް ކެނޑުމުގެ ކުށުގައި ޖަލަށްދާން ޖެހިދާނެ ކަމަށެވެ.

"ޖަލަށް ކީއްކުރަންތޯއެވެ. ދަންޖައްސާ މަރާލަން ހުކުމް އިއްވި ނަމަވެސް ތިޔައިއްވި ނިޔާއިން އެޅި ވޭނެއް މިހިތަކު ނާޅާނެއެވެ." ރާޒީވެސް ޤާޟީއަށް ރައްދު ދިނެވެ.

ދެން އައީ ދެވަނަ ހުކުމުގެ ހިނދުކޮޅެވެ. ކޯޓު ޙުރުމަތް ކެނޑުމުގެ ކުށުގައި 10 ދުވަހުގެ ޖަލު ހުކުމެއް ރާޒީގެ މައްޗަށް އިއްވީއެވެ. ކޯޓު ރޫމުގައި ތިބި ފުލުހުންގެ އޮފިސަރުން އައިސް ރާޒީ ވަށާލިއެވެ. އާއިލާގެ މީހުންގެ ތެރެއިން ކޯޓު ރޫމުގައި ތިބި ރާޒީގެ މަންމަ އާއި ބައްޕަ އަދި ދައްތަމެން ތިބީ ރޮވިފައެވެ. ހިތާމައިގެ މައްޗަށް ހިތާމައެވެ.

އޮފިސަރުންގެ ބެލުމުގެ ދަށުން ރާޒީ ކޯޓު ރޫމުން ނެރުނު އިރު، މަލާމާތުގެ ހިނިތުންވުމަކުން މައިދަތަ ހުރީ ރާޒީއަށް ބަލަހައްޓައިގެންނެވެ. ބަފައިބެ އާއި އެއާއިލާގެ އެހެން މީހުންވެސް ތިއްބެވެ. އެމީހުން ތިބީ އުފަލުންނެވެ. އެމީހުން ބޭނުންވާ ގޮތަށް މައްސަލަ ނިމުނީއެވެ. 

ފެމިލީ ކޯޓުގައި އެނިމުނީ ހަޟާނާތުގެ މައްސަލައެކެވެ. ވިހޭ ގޭތެރޭ މަންމަ މަރުވުމުން، މަންމަގެ މަންމަ، ދަރިފުޅުގެ މާމަ، ދަރިފުޅު ހޯދުމަށް ކޯޓުގައި ދައުވާކުރީއެވެ. އިސްލާމީ ޝަރީއަތާއި އަމަލު ކުރެވެމުން އަންނަ ހަޟާނާތުގެ މައްސަލަތަކުގައި، ދަރިފުޅު ހަވާލުކުރާނެ އެންމެ އިސްމީހަކީ މަންމަގެ މަންމައެވެ. ދަރިފުޅުގެ މަންމަ ފަރާތުގެ މާމައެވެ. ރާޒީގެ މައިދައިތައަށް އެކަން އެނގެއެވެ. އަދި ކޯޓަށް ގޮސްފިނަމަ މައްސަލަ ނިމޭނީ އޭނާގެ ކޮޅަށްކަންވެސް އެނގެއެވެ.

ރާޒީގެ ހިއްވަރެއް ނެތެވެ. ދެފައިން ވާގި ދޫވެއްޖެއެވެ. އޭނާ ވެއްޓެން ދިޔަ ވަގުތު ހިފެހެއްޓީ ފުލުހުންނެވެ. އެމީހުން ރާޒީ އަތުލަފިކޮށްގެން ގެންގޮސް އެރުވީ އެމްބިއުލާންސަކަށް ނޫނެވެ. ޖިޕަށެވެ. ގެންދިޔައީ ހޮސްޕިޓަލަކަށް ނޫނެވެ. ޖަލަށެވެ.

އެއީ ރާޒީގެ މައިދައިތަ އާއި ބަފައިބެގެ ރޭވުމުގައި އޮތް ގޮތެވެ. ކޯޓު ހުރުމަތް ކެނޑުމުގެ ހުކުމެއްގައި ރާޒީ ޖަލަށް ލުމެވެ. ދެން އޮތީ ރާޒީ ޖަލުން ދޫކޮށްލުމުގެ ކުރިން ދަރިފުޅު އޭނާއަށް ދުވަހަކު ލޮލުން ނުފެންނާނެ ހިސާބަށް ދުރަށް ގެންދިޔުމެވެ. ރާޒީގެ ޙަޔާތުން ދަރިފުޅު މުޅިން ވަކިކޮށްލުމެވެ.

ރާޒީ އާއި ނާޝް ދިމާވީ ރިސޯޓުންނެވެ. ރާޒީއަކީ، ރިޒޯޓުގެ މެއިން ރެސްޓޯރެންޓްގެ ވޭޓަރެކެވެ. ރާއްޖެ ތެރޭގެ އާދައިގެ އާއިލާއަކަށް އުފަން އާދައިގެ ވަޒީފާއެއްގައި ހުރި މީހެއް ނަމަވެސް، އޭނާ ގެ ބުރު ސޫރައާއި ރީތި ކަމަކީ، ދެކޭ މީހުންގެ ހިތްތައް އޭނާގެ މައްޗަށް ލަންބުވާލާނެ ކަމެކެވެ. ނާޝްއަށްވެސް ވީ އެހެންނެވެ. ފުރަތަމަ ނަޒަރުން ރާޒީދެކެ ލޯބި ވެވުނީއެވެ. ދެމީހުންގެ ދެމެދުގައިވާ ފަރަޤާއި އާއިލީ ހައިސިއްޔަތާއި، މައިން ބަފައިންނާއި މުޖުތަމައު ދެކޭ ގޮތަށް ލޯމަރާލީއެވެ.

ރާޒީއަށް އެތައް އަންހެންކުދިންނެއްގެ ހުށައެޅުންތައް ލިބެއެވެ. ދިވެހިންނާއި ބިދޭސީންގެ ފަރާތުންވެސް މެއެވެ. އޭގެ ތެރޭގައި މުއްސަނދި އެތައް އާއިލާއެއްގެ ކުދިން ތިއްބެވެ. އެމީހުންގެ އަދާތަކާއި ހުށައެޅުންތަކުން ރާޒީގެ ހިތެއް ނުލެނބުނެވެ. އެއަށްވުރެ ބޮޑަށް އޭނާގެ ހިތް އޮތީ ޒަޚަމްވެފައެވެ.

ރާޒީގެ ފުރަތަމަ ލޯބިވެރިޔަކީ، އަސްމާއެވެ. އެއީ ޅަދުވަހުގެ ރަހުމަތްތެރިއެކެވެ. އެދުރުދައިތަގެއާއި ސްކޫލުގައި، ރަށުގެ ހޭޅިފަށާއި ފުއްޓަރުގައި، ދަނޑުމައްޗާއި، ތުނޑީގައި ދެމީހުން ދުވަސްތައް ހޭދަކުރީ އެކީގައެވެ. ޅަދުވަހުގެ އެކުވެރިކަންވެސް ޒުވާން ވަމުން އައި ލޭގެ ހޫނާއި އެކު އިޝްޤީ ލޯތްބަށް އޮތީ ބަދަލުވެފައެވެ. ސްކޫލު ނިމުނު އިރު ދެމީހުންވެފައި ތިބީ އެކަކު އަނެކަކާއި ވަކިން ދިރިނޫޅެވޭނެ ދެލޯބިވެރިންނަށެވެ.

ކުޑައިރުއްސުރެ އެކުގައި އުޅެ ބޮޑުވި ރާޒީ އާއި އަސްމާގެ ގުޅުމާއި މެދު ދެފަރާތުގެ އާއިލާވެސް ތިބީ ރުހިގެންނެވެ. އެހެންކަމުން ބައްދަލުވެ އުޅުމަކަށް އެކުގައި ތަންތަނަށް ގޮސް ހެދުމަކަށް އެދެމީހުންނަކަސް ހުރަހެއް ނެތެވެ. ރާޒީ އާއި އަސްމާގެ ގުޅުން ރަށުގެ އެންމެން ދަނެއެވެ. އެކަމާއި މެދު ނަފުރަތުވާ ނުވަތަ ހަސަދަވެރިވާ މީހަކު ނެތެވެ. ރަށު ސްކޫލުން އެންމެ މަތީ ވަނައިގައި ފާސްވަމުން އައި ދެކުދިން އޯލެވެލް ނިންމާލީވެސް އެންމެ ގަދަ ދިހަ ކުދިންގެ ތެރޭގައި ހިމެނިގެންނެވެ.

ރާޒީ އާއި އަސްމާ ނިންމައިގެން ތިބީ އޭލެވެލް ނިމުމުން އަވަހަށް ކައިވެނިކުރާށެވެ. އޭގެ ފަހުން ދެމީހުން އެކުގައި ރާއްޖެއިން ބޭރަށް ކިޔަވަން ދާށެވެ. އެކަމަކު އެމީހުންގެ ޕްލޭނާއި ތަޤުދީރު ދެކޮޅު ހެދީއެވެ. އާއިލާގެ މީހުންނާއި އެކު ފަޅުރަށަށް ދަތުރުގޮސް އުޅެނިކޮށް އަސްމާ ގެނބުނީއެވެ. އޭނާ ގެނބުނީ ފުންވިލުގެ ތެރެއަށް އޮޔާ ގެންދިޔަ އާއިލާގެ ކުޑަކުއްޖަކު ސަލާމަތްކޮށްދޭން އުޅުމުގެ ތެރޭގައެވެ. އެކުއްޖާ ސަލާމަތްވިއެވެ. ގެއްލުނީ އަސްމާގެ ފުރާނައެވެ.

އަސްމާ ގެނބުނު ޚަބަރު ރާޒީއަށް ލިބުނީ އަސްމާގެ އާއިލާގެ އެހެން ފިރިހެނުންނާއި އެކު މަސްހިފަން ފަޅުތެރޭގައި އުޅެނިކޮށެވެ. ރާޒީ އާއި އަސްމާގެ ބޭބެމެންނަށް އާދެވުނު އިރު، އަސްމާ އޮތީ ވިލުގެ އަޑީގައެވެ. ވިލަށް ފުންމާލައި އަސްމާ ނެގީވެސް ރާޒީއެވެ. އެއްގަމަށް އަރުވައި ސީޕީއާރްދީ ހެދީވެސް ރާޒީއެވެ. އެކަމަކު ވިންދު ހުސްވަމުން ހުސްވަމުން ދިޔަ އަސްމާ ލޯހުޅުވައެއް ނުލިއެވެ. ރާޒީގެ އަތުން އަސްމާ ބީވީއެވެ.

އެހިތާމައިގައި ރާޒީގެ ހަޔާތް ބަނަވީއެވެ. އުއްމީދުތައް ގެއްލުނީއެވެ. އާއިލާ އާއި ރަށްދޫކޮށްލައި، ރިޒޯޓެއްގެ އާދައިގެ ވަޒީފާއަކަށް އޭނާ އައީ އެހެންވެއެވެ.

ރިޒޯޓުގައި ރާޒީ އުޅެމުން އައީވެސް އެކަހެރި އެކަނިވެރި ދިރިއުޅުމެކެވެ. ވަޒީފާގައި އޭނާ ކުރަންޖެހޭ ކަމެއް ނޫނީ ނުކުރެއެވެ. ކޮންމެހެން ވާހަކަ ދައްކަންޖެހޭ މީހަކާއި ނޫނީ ވާހަކައެއް ނުދައްކައެވެ. އޭނާގެ ބަސްމަދުވެފައި ހިމޭނެވެ. މަޑުމައިތިރިވެފައި ކިޔަމަނެވެ. ރިޒޯޓުގެ މެނޭޖްމެންޓުގެ ހުރިހާ ސްޓާފުންވެސް އަދި ފަތުރުވެރިންނަށްވެސް ރާޒީ ކަމުދެއެވެ. އެ އެންމެންގެވެސް އޮންނަނީ އެއް ޝަކުވާއެކެވެ. ރާޒީއަކީ، ވާހަކަ ދައްކައި ހީ ސަމާސާކޮށް އުޅޭ މީހެއް ނޫންވީމައެވެ. ރާޒީގެ ހަޔާތުގެ އުފާތަކާއި ހިނިތުންވެސް މަރުވެ ވަޅުލެވިއްޖެ ކަމެއް އެހެން މީހުންނަކަށް ނޭނގެއެވެ. ރާޒީ އޭނާގެ އަމިއްލަ ހަޔާތުގެ އެއްވެސް ވާހަކައެއް ހިއްސާއެއް ނުކުރެއެވެ.
(ނިމުނީ)

ނޯޓް: މި ވެބްސައިޓްގައި މިރޯދަމަހު ކޮންމެ ދުވަހަކުވެސް ކުރުވާހަކައެއް ޝާއިޢު ކުރަމުން ގެންދާނެއެވެ.
މިވާހަކަތައް ކިޔުންތެރިންނަށް، ކަމުދާނަމަ އަދި މިވެބްސައިޓް ދެމެހެއްޓުމަށްޓަކައި، މާލީ އެހީތެރިކަން ދެއްވަން ބޭނުންފުޅުވަ ނަމަ، ކިޔުންތެރިން ދެއްވާ އެހީ، ޖަމާކުރައްވާނީ "ސުލައިމާން މީޑިއާ"ގެ ބީއެމްއެލް އެކައުންޓް: 7730000814787 އަށެވެ. އަދި ކިޔުންތެރިން ދެއްވަން ބޭނުންފުޅުވާ، ޚިޔާލެއް އޮތް ނަމަ ވައިބާ ކުރައްވާނީ، ރައްޔިތުންގެ ނޫހުގެ ހޮޓްލައިން، 9415149 އަށެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް