ކުނި އުކައި ދިނުން މެދު ކަނޑާލާފައިވާތީ މޭޔަރު ކަންބޮޑުވުން ފާޅުކުރައްވައިފި
ރައްޔިތުންގެ ނޫސް
ލިޔުންތެރިޔާ
މާލެ ސިޓީގެ ކުނި މެނޭޖުކުރުމުގެ ޒިންމާއާ ޙަވާލުވެފައިވާ މެމްކޯއިން ދެމުން އައި، ކުނި އުކުމުގެ ޚިދުމަތް މެދުކަނޑާލާފައި ވާތީ، މާލޭ ސިޓީގެ މޭޔަރު އާދަމް އާޒިމް ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ.
އާޒިމް ވިދާޅުވީ، އެމަނިކުފާނު ކަންބޮޑުވެ ވަޑައިގަންނަވަނީ، މާލެ ސިޓީ ގޮޑުވެ، ސާފުތާހިރުކަން ގެއްލި، ބަލި މަޑުކަމެއް ފެތުރި، ބޮޑު ކާރިސާއަކަށް މަގުފަހިވެދާނެކަމުގެ ބިރު އޮތުމުން ކަމަށެވެ. އާޒިމް ވިދާޅުވީ، ކުނި އުކުން ފަދަ ޢާއްމު ދިރިއުޅުމާ ވަރަށް ބޮޑަށް ގުޅިފައިވާ މި ފަދަ ޙައްސާސް ކަންކަމުގައި، ދިމާވެދާނެ ހާދިސާއަކަށް ފުރިހަމައަށް ތައްޔާރުވެ، އެ ފަދަ ދަނޑިވަޅުތަކުގައި ޢަމަލުކުރާނެ ދެވަނަ ގޮތެއް ރޭވިފައި އޮންނަން ޖެހޭނެކަމަށް ދެކެވަޑައިގަންނަވާ ކަމުގައިވެސް އާޒިމް ވިދާޅުވިއެވެ.
މާލެ ސިޓީގެ ކުނި އުކުމުގެ ޒިންމާއާ ޙަވާލުވެފައިވާ ވެމްކޯއިން، 2026 ޖުލައި މަހުގެ 19ވަނަ ދުވަހުން ފެށިގެން ކުނި އުކުމުގެ ޚިދުމަތް މެދުކަނޑާލާފައި ވާތީ، މާލޭ ސިޓީ ކައުންސިލްގެ މެމްބަރުން އިއްޔެ ވަނީ، މާލެ ސިޓީގައި ދިރިއުޅޭ ރައްޔިތުންގެ ޝަކުވާތަކާއި ކަންބޮޑުވުން ވެމްކޯއަށް ޙިއްޞާކޮށްފައެވެ.
މާލޭސިޓީ ކައުންސިލުން ވިދާޅުވީ، މާލެ ސިޓީގެ މަގުތަކުގައި ކުނި، ކަހައި މާލެ ސިޓީ ސާފުތާހިރުކޮށް ބޭއްވުމަކީ އެ ކައުންސިލްގެ ޒިންމާއަކަށް ވާއިރު، ވެމްކޯއިން ކުނިއުކުން ހުއްޓައިލުމުގެ ސަބަބުން، އެ ޒިންމާއަދާކުރުމަށް ވެސް މިހާރު ވަނީ ވަރަށް ބޮޑަށް ދަތިވެފައިކަމަށެވެ،
މާލެ ސިޓީގެ ގޭބިސީތަކުން، ބަދިގެ ކުންޏާއި ކާޑު ބޯޑު ފިޔަވައި އެހެންކުނި ނުނަގަން ވެމްކޯއިން ވަނީ ނިންމާފައެވެ. އެކަމުގެ ސަބަބުން އާއްމު ރައްޔިތުންނަށް ބޮޑެތި ދަތިތަކާއި ދަނީ ކުރިމަތިވަމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް