ރާއްޖެ

މަސްތުވާތަކެތީގެ ކުށުގައި 28 އަހަރުގެ ޒުވާނަކު 75 އަހަރަށް ޖަލަށްލެވުމުން ހޯމް މިނިސްޓަރު އުފާފާޅުކުރައްވައިފި

ރައްޔިތުންގެ ނޫސް

ލިޔުންތެރިޔާ

މަސްތުވާތަކެތީގެ ކުށުގައި 28 އަހަރުގެ ޒުވާނަކު 75 އަހަރަށް ޖަލަށްލެވުމުން ހޯމް މިނިސްޓަރު އުފާފާޅުކުރައްވައިފި

ހޯމް މިނިސްޓަރ ޢަލީ އިޙްސާން -- ފޮޓޯ: ޕޮލިސް

މަސްތުވާތަކެތީގެ ކުށުގައި 28 އަހަރުގެ ޒުވާނަކު 75 އަހަރަށް ޖަލަށްލެވުމުން އެކަން ބޮޑު ކާމިޔާބީއެއްގެ ގޮތުގައި ފާހަގަކުރައްވައި ހޯމް މިނިސްޓަރު އުފާފާޅުކުރައްވައިފިއެވެ.

ޏ. ފުވައްމުލައް / ދޫޑިގަން. ގަސްދޮށުގެ، އުމުރުން 28 އަހަރުގެ ޢަބްދުލްބާސިޠު 75 އަހަރަށް ޖަލަށްލުމަށް ދަށުކޯޓުން ޙުކުމް ކުރައްވާފައި ވަނީ އިއްޔެއެވެ.

ފުލުހުންގެ އިދާރާއިން ވިދާޅުވެފައި ވަނީ، ފުވައްމުލައް ސިޓީގައި ފުޅާ ދާއިރާއެއްގައި މަސްތުވާތަކެތި ވިއްކައި ވިޔަފާރިކޮށް އެކަމުން ހޯދާ ފައިސާއިން މަނީލޯންޑަރކުރާ ކަމުގެ ތުހުމަތުކުރެވޭ ދެ ނެޓްވޯކްގެ އިސްފަރާތްތަކާ އެކު ބާޞިތު ގިނަ އަދަދެއްގެ ފައިސާގެ މުއާމަލާތްތަކެއް ހިންގާފައިވާކަން ތަހުގީގަށް ފާހަގަކުރެވިފައިވާ ކަމަށެވެ. އެގޮތުން، ޢަބްދުލްބާސިޠުގެ ނަމުގައި ބެންކުތަކުގައި ހުޅުވާފައިވާ އެކައުންޓުތަކަށް އެކި ފަރާތަކުން ތިންމިލިއަނަށް ވުރެން ގިނަ ރުފިޔާއާއި ނަވާރަހާހަށް ވުރެ ގިނަ އެމެރިކާ ޑޮލަރުގެ މުއާމަލާތްކޮށްފައިވާކަމަށާއި އެފައިސާއަކީ މަސްތުވާތަކެތީގެ ވިޔަފާރިކޮށްގެން ހޯދާފައިވާ ފައިސާކަން ތަޙްޤީޤަށް ސާބިތުވެފައިވާ ކަމަށެވެ.

ދަށުކޯޓުން އިއްވި ޙުކުމާއި ގުޅޭ ޚަބަރު ފޭސްބުކްގައި ޝެއާ ކުރައްވައި ހޯމް މިނިސްޓަރ ޢަލީ އިޙްސާން ވިދާޅުވެފައި ވަނީ، ފުވައްމުލަކުގައި ފުލުހުން ހިންގި އޮޕަރޭޝަނާއި އަދި ތަޙްޤީޤުގައި މަސައްކަތް ކުރެއްވި އެންމެހައި ފުލުހުންނާއި ޕްރޮސެކިއުޓަރުންނަށް އައްސަރިބަހާއި ސާބަސް ރައްދު ކުރައްވާ ކަމަށެވެ.

މީގެ އިތުރުން މިނިސްޓަރ އިޙްސާން ވިދާޅުވީ، ޑްރަގްގެ ވިޔަފާރިކޮށްގެން ދިވެހި ޒުވާން ޖީލުތައް ފަނާކޮށް އާއިލާތައް ބިކަ ކުރަމުން އޭގެއިން ވިޔަފާރި މަންފާ ހޯދާ ބަޔަކަށް އަދުގެ ސަރުކާރުން އެޅެން އޮތް އެންމެ ހަރުކަށި ފިޔަވަޅު އަޅާނެ ކަމަށެވެ.

ފުވައްމުލައް ސިޓީގައި ފުޅާ ދާއިރާއެއްގައި މަސްތުވާތަކެތި ވިޔަފާރިކުރުމުގައި އިސްކޮށް ހަރަކާތްތެރިވާ ދެ ނެޓްވޯކަކަށް އަމާޒުކޮށް ފުލުހުން 2024 އޭޕްރީލްމަހު ހިންގި އޮޕަރޭޝަނުގައި، 174 މީހުން އެކި ދުވަސްމަތިން ހައްޔަރުކުރިއެވެ. އެ މީހުންގެ މައްޗަށް 188 މައްސަލަ ތަހުގީގުކުރެވި 78 މައްސަލަ ދައުވާކޮށްދިނުމަށް ފޮނުވާފައި ވާއިރު 188 މީހުންގެ ތެރެއިން ކުށްސާބިތުކުރެވުނީ ކިތައް މީހުންނަށް ކަމެއް ހޯމް މިނިސްޓަރު ހާމައެއް ނުކުރައްވައެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް