Post banner
ރާއްޖެ

ރައްޔިތުންނަށް ޑޮލަރުގެ މައްސަލަތައް ދިމާވެގެން އުޅެނީ ދައުލަތުގެ ހަރަދު ބޮޑުވެގެން: ޝަމްހީދު

ރައްޔިތުންގެ ނޫސް

ލިޔުންތެރިޔާ

ރައްޔިތުންނަށް ޑޮލަރުގެ މައްސަލަތައް ދިމާވެގެން އުޅެނީ ދައުލަތުގެ ހަރަދު ބޮޑުވެގެން: ޝަމްހީދު

ޑރ. އަޙްމަދު ޝަމްހީދު --- ފޮޓޯ: މަޖިލިސް

ދިވެހިރާއްޖެއަށް ބޭރު ފައިސާ ލިބުން ދަތިވެ، ދިވެހި ރުފިޔާގެ އަގު ވެއްޓި، ރައްޔިތުންނަށް ދިމާވެފައިވާ ޑޮލަރުގެ މައްސަލައަކީ ދައުލަތުގެ ހަރަދު ބޮޑުވެގެން ދިމާވެފައިވާ މައްސަލައެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ހުޅުމާލެ ދެކުނު ދާއިރާގެ މެމްބަރު ޑރ. އަޙްމަދު ޝަމްހީދު ވިދާޅުވެއްޖެއެވެ.

ޑރ. ޝަމްހީދު މިހެން ވިދާޅުވީ، މުދަލާއި ހިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ގާނޫނަށް ހުށައަޅާފައިވާ ބިލާއި ގުޅިގެން ބަހުސް ކުރައްވަމުންނެވެ.

މެންބަރު އިތުރަށް ވިދާޅުވީ އިންޓަނޭޝަނަލް މަނިޓަރީ ފަންޑް (އައިއެމްއެފް) ގެ ރިޕޯޓުތަކުން ވެސް މިކަން ކުރަންޖެހޭނެ ކަމަށް ބަޔާންކޮށްފައިވާއިރު، މިއީ ތާއީދުކުރަންޖެހޭ ބިލެއް ކަމަށެވެ.

ނަމަވެސް ޝަމްހީދު ވަނީ ބިލާއި ގުޅޭ ގޮތުން ކަންބޮޑުވުންފާޅުކުރައްވައި، މިއަދު ސަރުކާރުން މި ބިލް ހުށައަޅާފައި މިވަނީ ރާއްޖޭގެ ޑޮލަރުގެ މައްސަލައާއި ގުޅިގެން ކަމަށް ވިދާޅުވެފައެވެ.

އެގޮތުން ޝަމްހީދު ފާހަގަކުރެއްވި ގޮތުގައި ވޭތުވެ ދިޔަ އަހަރުތަކުގައި ޑޮލަރުގެ މައްސަލަ ހައްލުކުރުމަށް މަޖިލީހުން އެތައް ޤާނޫނެއް ވަނީ ފާސްކޮށް ތަންފީޒުކޮށްފައެވެ. ނަމަވެސް މި ގާނޫނުތަކުން އެދެވޭ ނަތީޖާއެއް ނުނިކުންނަނީ ދައުލަތުގެ ޚަރަދުބޮޑުވުމުންކަމަށް މެންބަރު ފާހަގަކުރެއްވިއެވެ.

މެންބަރު އިތުރަށް ވިދާޅުވި ގޮތުގައި 2023 ވަނަ އަހަރު ދައުލަތަށް ޓެކުހާއި އާމްދަނީގެ ގޮތުގައި 950 މިލިއަން ޑޮލަރު ލިބުނުއިރު، 2025 ވަނަ އަހަރު ނިމުނުއިރު މި އަދަދު ހުރީ 1.486 ބިލިއަން ޑޮލަރުގައެވެ.

އަދި ޑޮލަރު މާރުކުރުމަށް މިދިޔަ އަހަރު ތަންފީޒުކުރި ގާނޫނުގެ ދަށުން 500 މިލިއަން ޑޮލަރު ދައުލަތަށް ލިބުނުކަމަށް ޝަމްހީދު ވިދާޅުވިއެވެ.

"ދައުލަތުގެ ކޮންމެވެސް ކަހަލަ ހިފެހެއްޓުމެއް ނެތިއްޔާ ދައުލަތުގެ ތެރޭގައި އަޅުގަނޑުމެން އަމަލުކުރަންޖެހޭ ހަރުދަނާ އުސޫލުތަކެއް ނެތިއްޔާ ދިވެހިރާއްޖޭގައި ޑޮލަރުގެ މައްސަލައަށް ހައްލެއް ނާންނާނެ" ޝަމްހީދު ވިދާޅުވިއެވެ.

މެންބަރު އިތުރަށް ވިދާޅުވީ މިދިޔަ އަހަރު އެސްއޯއީތަކަށް 650 މިލިއަން ޑޮލަރު ދައުލަތުން ހަރަދުކުރި އިރު އާންމު ރައްޔިތުންގެ ވިޔަފާރިތަކަށް ބޭންކުން ދޫކުރި އެންމެ 447 މިލިއަން ޑޮލަރުކަމަށެވެ.

އެހެންކަމުން، ޒިންމާދާރު ގޮތެއްގައި ދައުލަތުގެ ޚަރަދު ކުޑަ ނުކުރަނީނަމަ، ދިވެހިރާއްޖެއަށް ކިތަންމެ ބޮޑު އާމްދަނީއެއް ލިބުނަސް ޑޮލަރުގެ މައްސަލަ ހައްލުނުވާނެކަމަށް ޝަމްހީދު ވިދާޅުވިއެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް