ދިގުވާހަކަ: ހިތާމައިގެ ރާނީ (2)
ރައްޔިތުންގެ ނޫސް
ލިޔުންތެރިޔާ
"ތެދެއް ކަނބުލޯ! މިހާރު ތިޔަހަރަ ލިބާސް ލައްވާ އުމުރަށް ދަނީ. އަމާ ފަސްބައިން ދުވަސް ކޮޅަކުން ދޫކޮށްލަން ޖެހިދާނެ!" ހައްވަ ބުނިބަސް އިވިފައި، ދޮން އައިސަގެ މޫނު ދިޔައީ ލަދުން ރަތްވެގެންނެވެ.
"ކަތީބު ގޯތީ އާދަނާޔޯ ދެވާނީ، މިމަންޖެ ބަފާ ބުނީ." ދަލޭކަ ދައިތަ ހީގަތެވެ. ދަލޭކަ ދައިތަ އާއި ބައިވެރިވުމުގެ ގޮތުން ހައްވަވެސް ހީލިއެވެ.
ދޮންއައިސަ ދެބުމަގޮށްޖަހާލިއެވެ. މަންމަ ދަލޭކާގެ ލިބާހުގެ ފަސްބައިގައި ހިފައިގެން ހުރި ތަނުން ދޫކޮށްލިއެވެ. އަދި އެއްގަމަށް ޖެހިލައި ދެފަސް ބެދޭ ހިސާބު ފަސްގަނޑުމަތީގައި ވެއްޓިފައި އޮތް ރުކުގެ ކަނދު ބުޑު މަތީގައި އިށީނެވެ. ރާޅު ޖަހާފަށުގައި އިށީނދެ ހައްވަ އާއި ދަލޭކަ ދައިތަ ތެލިތައް ދޮންނަށް ފެށިއެވެ.
ބޯށިގަހުގެ ނިވަލުން ނުކުމެ މޫސަ މަޑުމަޑުން ހިނގައިގަތީ، ދޮން އައިސަ އިށީނދެ އިން ރުކާއި ދިމާއަށެވެ. ދޮންއައިސަގެ ފުރަގަހުން އައިސް މޫސަ މަޑުކޮށްލި އިރު ދޮންއައިސައަކަށް އެކަމެއް ނޭނގެއެވެ. ދޮން އައިސަ އިނީ ހިމަ މަގޫ ދަނޑިކޮޅަކުން ފަސްގަނޑުގައި ރޮނގުތަކެއް އަޅާށެވެ.
"އަމާ ކީކޭތަ ކީ!" ވައި އަޑަކުން މޫސަ ދޮން އައިސަ ކަންފަތްދޮށުގައި ބުންޏެވެ. އޭނާ ދިޔައީ ސިއްސައިގެންނެވެ. ކުއްލިއަކަށް ކޮޅަށް ތެދުވިއެވެ. އެނބުރި ބަލާލިއެވެ. ދެންފެށީ ހޭށެވެ. ދެން އަނެއްކާވެސް އިށީނެވެ.
"ބުނެބަލަ އަމާ ކީ ކީކޭތަ؟" ދޮން އައިސަ އާއި ދާދި ގާތުގައި ފަސްގަނޑުމަތީގައި އުޑުފައިން އިށީންނަމުން އަނެއްކާވެސް މޫސަ އެހިއެވެ.
"އަތުޖެހިއްޖިއްޔާ އިލޮށިފަތިން ތަޅައި ގަންނާނަމޭ ބުނީ" ދޮން އައިސަ ހީލިއެވެ.
" މަށަށްވެސް އެހެން ބުނި އަޑު އިވުނޭ. އޭގެ ފަހުން ކީ ކީކޭހޭ ދޯ މިއަހަނީ." މޫސަ ބުންޏެވެ.
ދޮން އައިސަ ބަލާލީ މޫސަގެ މޫނަށެވެ. ދެކުދިންގެ ހަތަރުކަޅި ހަމަވިއިރު، ލަފުޒުތަކަކާއި ނުލައި އެތައް ވާހަކައެއް އެދެމެދުގައި ދެކެވުނެވެ.
"މިއަދު ވަލަށް ދާންނަންތަ؟" އަނެއްކާވެސް ސުވާލެއް ކުރީ މޫސައެވެ. ޖަވާބުގައި ދޮންއައިސަ ބޯހޫރުވާލީއެވެ. އޭނާހުރީ ބިރުގެންފައެވެ. ކުރީ ދުވަހު ދިމާވި ކަންތަކުންނެވެ.
ފޫހި ގޮތެއް މޫނަށް ހަދާލުމަށް ފަހު، މޫސަ ތެދުވެގެން ހިނގައިގަތެވެ. އެކަމަކު އެއްފަހަރު އޭނާ ފަސްއެނބުރި ބަލާލީ ދޮންއައިސަގެ އިޝާރާތެއް ވޭތޯއެވެ. އެކަމަކު އޭނާ އިސްދަށަށް ޖަހައިގެން އިން ގޮތަށް އިނީއެވެ.
އަތުގައި އޮތް ދަނޑިކޮޅުން ދޮން އައިސަ އަނެއްކާވެސް ބިންމަތީގައި ކުރަހަން ފެށިއެވެ. ފުރާވަރަށް އަރަމުން އައި ދޮންއައިސަގެ ސިކުނޑީގައި އެނބުރެނީ އަލަތު ލޯބިވެރިޔާ އާއެކު ގައިގޯޅިވި އަލަތު ފަހަރުގެ ހަނދާންތަކެވެ. އެވަގުތުކޮޅު ތަކުރާރުވުން ހިތް އެދުނަސް ގަންނާކުރައްވާ ބިރު ބޮޑީއެވެ. މަންމައަށް އެނގިއްޖިއްޔާ ގޮވާނެ އެއްޗިއްސެވެ. ބައްޕައަށް އެނގިއްޖިއްޔާ ހަދައިފާނެ ގޮތެކެވެ. އޭނާގެ ހިތް އަދިވެސް ބިރުން ތެޅެނީއެވެ.
*******
ބޯކޮށް ވެހެމުންދިޔަ ވާރެޔާ ތެމިގެން ދޮން އައިސަ ހުރީ ގޭގެ އަސްކަނި ދޮށުގައެވެ. ވާރޭގެ ތެރޭގައި މަގުމަތީގައި އުޅުނު މޫސަ ފެނުމުން ދޮން އައިސަވެސް މަގުމައްޗަށް އޭނާގެ ގާތަށް ނުކުތެވެ. އެދުރުގެއިން ބައްދަލުވެ އެއްކުޖަކާއި އަނެއް ކުއްޖަކު ވާހަކަދެކެވި ދެކުދިންގެ ހިތްވެސް އޭރު އޮތީ އެކެއް އަނެކެއްގެ މައްޗަށް ލެނބެވޭ ގޮތް ވެފައެވެ. ހޭޖެހޭ އުމުރަށް ނުދިޔަސް ރަށްފުށުމުގެ މިނިވަން މާހައުލުގައި އެކުދިންގެ ހިތުގައިވެސް ލޯބީގެ ޖަޒުބާތުގެ ވިންދު ޖަހައެވެ. އެކަކު އަނެކަކާއި ބައްދަލުވުން އެދެވެއެވެ. އެކުގައި ކުޅެއުޅެން ބޭނުން ވެއެވެ.
ބޯކޮށް ވާރޭ ވެހެމުން ދިޔަ ވަގުތު ކަމުން އެދެކުދިން ނޫން މީހަކު މަގުމައްޗަކު ނެތެވެ. ގޭގޭގެ ފުޅަލިތަކާއި ދޮރުތައް ހުރީ ލައްޕާފައެވެ. ވައިރޯޅިއެއްވެސް ނުވެ ވެހޭ ބޯވާރޭގައި މަގުތައްމަތީގައި އޮތީ ފެންބޮޑުވެފައެވެ.
ވާރޭގެ ތެރޭގައި ދުވެދުވެ ހުރި ދޮން އައިސައަށް ފެނުނީ، ވަލުތެރޭގައި ހުރި މާނިކަ ގަހުގެ މައްޗަށް ހުދުކުލައިގެ ބޮޑު ދޫންޏެއް ތިރިކޮށްލާތަނެވެ. މޫސަ ގައިގައި ކޮއްޓާލާފައި އަތުގެ އިޝާރާތުން ދޮން އައިސަ ދައްކާލީ އެ ދޫންޏެވެ.
މޫސަ ދުއްވައިގަތީ އެދިމާއަށެވެ. ފަހަތުން އައިސަވެސް ދުއްވައިގަތެވެ.
ދުވަމުން ދުވަމުންގޮސް ދެމީހުންވެސް ހުއްޓުނީ މާނިކަ ގަސްދޮށަށެވެ. ވެހެމުން ދިޔަ ވާރޭގެ ތެރޭގައި ދެމީހުންވެސް މާނިކަ ގަހުގެ މައްޗަށް ތިރިވި ދޫނި ފެނޭތޯ ހޯދާބެލިއެވެ. އެކަމަކު އެތަނުން އެކައްޗެއްވެސް އެމީހުންނަކަށް ނުފެނުނެވެ.
"ޖިންނިއެއް ކަންނޭނގެ" މޫސަ އެހެން ބުނީ މަޖަލަކަށެވެ.
މޫސަ ކޮށްލި ސަމާސާއިން ދޮން އައިސަގެ ހިތް ބިރުގެންފިއެވެ. ވެހެމުން ދިޔަ ބޯވާރޭ ހަމަކުއްލި އަކަށް ހުއްޓާލައިފިއެވެ. އިރުދަށްފަރާތުން ވައިރޯޅި ބާރުވެލުމާއި އެކު ނިކަގަހުގައި ހުރި ދޮންފަތްތައް ފައިބަން ފަށައިފިއެވެ.
"ހިނގާ ގޭ ދޮށަށް ދާން." ދޮން އައިސަ މޫސަގެ އަތުގައި ހިފައި ދަމައިގަންނަމުން ބުންޏެވެ.
"އަދި ހިނގާބަލަ އެ ދޫންޏެއް ފެނޭތޯ ބަލާލަން." މޫސަ ބޭނުންވީ އަދިވެސް ވަލަށް ވަންނާށެވެ. ދޮން އައިސަވެސް ދެކޮޅެއް ނުހެދިއެވެ. ވައުބޯވެ ބެދެމުން އައި ހަނިމަގުން ދެކުދިން ހިނގައިގަތީ އަދިވެސް ވަލުތެރެއަށެވެ. އެހެން އެއްވެސް މީހެއްގެ ހިލަމެއް ނެތް ވަލުތެރެއިން އިވެނީ، ކާޅުތައް ގޮވާއަޑާއި އެދެކުދިންގެ ފައިދަށުވެ ފަތްތައް ޗިސްވާއަޑެވެ. ދޮން އައިސަ ކުރީގައި ހުރެ ހިނގަމުން ދިޔައެވެ.
މަގުގެ އަރިމައްޗެއްގައި މީހަކު ދަރަށް ކޮށައި ދޫކޮށްލާފައި އޮތް މަގޫގަހެއްގެ ބުޑުގައި މޫސަގެ މުންޑުގެ ތިރީ ކުރެވި އަޅައިގަތުމާއި އެކު ދިޔައީ ވީދައިގެންނެވެ. މުންޑުގައި ޖަހާފައި ހުރިގޮށް ނެއްޓި ފައިދަށަށް ވެއްޓުނުވަގުތު ދޮންއައިސައަށްވެސް ފަސް އެނބުރި ބަލާލެވުނެވެ. ފެނުނު މަންޒަރުން އޭނާ މޫނުގައި އަތްއެޅިއެވެ.
މޫސަ އަވަސް އަވަހަށް މުންޑުނަގައި އަނދެލި އިރު އޭނާ ހުރީ ފާޑެއްގެ ރަތްކެއް ވެފައެވެ. ދައްކަން ބޭނުން ނުވާ މަންޒަރެއް އިއްތިފާޤަކުން ނަމަވެސް ދޮން އައިސައަށް ފެނުނީއެވެ. އެހެންވެ އޭނާއަށް ބުނާނެ އެއްޗެއް ނޭނގުނެވެ.
ވަލުމަގުން ހައިދަނޑާއި ދިމާއަށް ދޮން އައިސަ ހިނގަމުން ދިޔައިރު، އޭނާގެ ޚިޔާލާއި ފިކުރުގައި ދެންމެ ފެނުނު މަންޒަރު ކުރެހިއްޖެއެވެ. ބުނެދޭން ނޭނގޭ އިޙްސާސްތަކެއް ހިތުގައި ހިނގަން ފަށައިފިއެވެ. އެކަމަކު ބުނާނެ އެއްޗެއް ނޭނގޭތީ އޭނާ ހުރީ ހިމޭންވެފައެވެ. ފަހަތުން މޫސަ ހިނގަމުން އަންނައިރު، ތަދުވިތޯވެސް އަހާލާކަށް ނުކެރުނެވެ.
ބޮޑެތި ގަސްތަކެއް ނެތް ހައިދަނޑުގެ ތެރެއަށް ނުކުމެވުނު އިރު އެތަނުގައި އެއްވެސް ދޫންޏެއް ފެންނާކަށް ނެތެވެ. ޖެހެމުންދާ ވައިރޯޅިއާއި އެކު ހައިގަސްތަކުގެ ތެރެއިން އިވެނީ ނާމާން އަޑެކެވެ.
(ނުނިމޭ)
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް