މިސްރާބު ސަރވޭ: %50 މީހުން ބުނެފައި ވަނީ ކައިވެނި ނުކުރަނީ ރަނގަޅު އާމްދަނީއެއް ނުލިބޭތީކަމަށް
ރައްޔިތުންގެ ނޫސް
ލިޔުންތެރިޔާ
ދިވެހިރާއްޖެއަށް ކުރިމަތިވެފައިވާ މައްސަލަތަކުގެ ތެރޭގައި، އާބާދީ ދަށަށް ދިޔުމުގެ މައްސަލަ ހިމެނެއެވެ. ތަފާސް ހިސާބުތަކުން ދައްކާގޮތުގައި 2022 ވަނަ އަހަރުން ފެށިގެން ދިވެހިރާއްޖޭގެ އާބާދީ އަންނަނީ ދަށްވަމުންނެވެ. އޭގެ މައިގަނޑު ސަބަބަކީ، އުފަންވާރޭޓު ވަރަށް ބޮޑަށް ދަށަށް ދިޔުމާއި، ކައިވެންޏާއި ވަރީގެ މައްސަލަތަކެވެ. ރައްޔިތުންގެ ނޫހުން ކޮންމެ ހަފްތާއަކު ކުރިޔަށް ގެންދާ، މިސްރާބު ސަރވޭގެ ދެވަނަ ސަރވޭ އަމާޒުކޮށްފައި ވަނީ، ކައިވެންޏާއި ވަރިއަށެވެ.
ދިވެހިރާއްޖެ ހިމެނެނީ ދުނިޔޭގެ ނިސްބަތުންވެސް އެންމެ ވަރި ގިނަ ޤައުމުގެ ގޮތުގައެވެ. އެކަމުގެ ސަބަބުން އިޖުތިމާޢީ ގޮތުންނާއި އިޤުތިޞާދީ ގޮތުން ޤައުމަށް ބޮޑެތި ގެއްލުންތައް އަންނަނީ ލިބެމުންނެވެ. މުޖުތަމައެއް ކުރި އަރައި ދިޔުމުގެ އެންމެ މުހިއްމު ބަހާއަކީ ދުޅަހެޔޮ އާއިލާތަކެއް ބިނާވުން ކަމަށް ވާއިރު، އާއިލާއެއް ބިނާކުރުމަށް ރަނގަޅު އެކަށީގެންވާ ވެއްޓެއް މިއަދު ނެތް ކަމުގައި ގިނަ ބަޔަކު ޤަބޫލުކުރެއެވެ. އޭގެތެރޭގައި ބޯހިޔާވަހިކަމުގެ ދަތިކަމާއި، ދިރިއުޅުމުގެ ޚަރަދުތަކާއި ލިބޭ އާމުދަނީ ނުބައްދަލުވުމާއި، އިޖުތިމާޢީ ގުޅުންތައް ކުޑަވުމާއި، ޒުވާންޖީލުގެ ވިސްނުމާއި ފިކުރަށް އަންނަ ބަދަލުތައް ފާހަގަވެފައި ވެއެވެ.

ރައްޔިތުންގެ ނޫހުގެ މިސްރާބު ސަރވޭއަށް މައުލޫމާތު ދިން މީހުންގެ ތެރެއިން، %94.4 މީހުން ބުނެފައި ވަނީ އެމީހުން އުޅެނީ ކައިވެނިކޮށްގެ ކަމަށެވެ. ދުވަހަކުވެސް ކައިވެންޏެއްކޮށްފައި ނުވާކަމަށް ބުނެފައި ވަނީ، %5.6 މީހުންނެވެ.
ރާއްޖޭގެ އާބާދީގެ ތަފާސް ހިސާބުތަކަށް ބަލާއިރު، މީހުން ކައިވެނި ކުރާ އުމުރު އަންނަނީ މަތިވަމުންނެވެ. އޭގެ ސަބަބުތައް ގުޅިފައި ވަނީ، ދިރިއުޅުމުގެ ހާލަތާއެވެ. މީގެ އިތުރުން ތަޢުލީމީ ފުރުޞަތުތައް އިތުރުވުމާއި، ކިޔެވުމަށް ޒުވާނުންދޭ ސަމާލުކަން އިތުރުވުންވެސް ވެފައި ވަނީ، ކައިވެނި ކުރާ އުމުރު މަތިވަމުންދާ ސަބަބަކަށެވެ.

1990 ވަނަ އަހަރަށް ބަލާއިރު، އެވްރެޖްކޮށް ދިވެހިރާއްޖޭގައި މީހުން ކައިވެނިކުރާ އުމުރު އުޅެނީ 16 އަހަރާއި 20 އަހަރާއި ދެމެދުގައެވެ. އެހެން ނަމަވެސް އޭގެ 36 އަހަރު ފަހުން މިހާރު، އެ އުމުރުފުރާއަށް ވަނީ ބަދަލު އައިސްފައެވެ. ރައްޔިތުންގެ ނޫހުގެ ސަރވޭއަށް މައުލޫމާތު ދިން މީހުންގެ ތެރެއިން، %38.9 މީހުން ބުނެފައި ވަނީ، އެމީހުން ކައިވެނި ކުރީ އުމުރުން 19 އަހަރާއި، 22 އަހަރާއި ދެމުގައި ކަމަށެވެ. އަދި 18 އަހަރުގައި ކައިވެނި ކުރިކަމަށް ބުނެފައި ވަނީ، %5.6 މީހުންނެވެ. އުމުރުން 25 އަހަރާއި 30 އަހަރާއި ދެމެދުގައި ކައިވެނިކުރިކަމަށް ބުނެފައި ވަނީ %38.9 މީހުންނެވެ.
ސަރވޭއަށް މައުލޫމާތު ދިން މީހުންގެ ތެރެއިން %77.8 މީހުން ބުނެފައި ވަނީ އެމީހުން ކުރީ އެއްކައިވެނިކަމަށެވެ. ދެ ކައިވެނި ކުރިކަމަށް، %16.7 މީހުން ބުނެފައިވާއިރު، 5 ކައިވެންޏަށް ވުރެ ގިނަ ކައިވެނި ކުރިކަމަށް، %5.6 މީހުން ބުނެފައި ވެއެވެ.

ކައިވެނި ނުކުރާ ސަބަބާއި ގުޅޭ ގޮތުން ކުރި ސުވާލަށް ޖަވާބު ދިން މީހުންގެ ތެރެއިން %50 މީހުން ބުނެފައި ވަނީ، އެމީހުން ކައިވެނިނުކުރަނީ، ރަނގަޅު އާމްދަނީއެއް ނުލިބޭތީ ކަމަށެވެ. %25 މީހުން ބުނެފައި ވަނީ އެމީހުން ކައިވެނި ނުކުރަނީ، ދިރިއުޅޭނެ ތަނެއް ލިބިފައި ނުވާތީ ކަމަށެވެ. މީގެ އިތުރުން، އެކަނިދިރިއުޅެން ބޭނުންވާތީ ކައިވެނިކުރަން ބޭނުން ނުވާ ކަމުގައިވެސް %25 މީހުން ބުނެފައި ވެއެވެ.
ކައިވެންޏެއްކޮށް ވަރިވެފައިވާ މީހުންގެ ތެރެއިން ދެބައިކުޅަ އެއްބައި މީހުން ބުނެފައި ވަނީ އެމީހުން އަލުން ކައިވެންޏެއް ކުރަން ބޭނުންވާ ކަމަށެވެ. އަދި އަލުން ކައިވެންޏެއް ކުރަން ބޭނުން ނުވާކަމަށް ބުނެފައި ވަނީވެސް ސަރވޭއަށް މައުލޫމާތު ދިން މީހުންގެ ތެރެއިން ވަރިވެފައިވާ މީހުންގެ ދެބައިކުޅަ އެއްބައި މީހުން ބުނެފައި ވެއެވެ.

ސަރވޭއަށް މައުލޫމާތު ދިން މީހުންގެ ތެރެއިން އަލުން ކައިވެންޏެއް ކުރަން ދަތިވާ ކަމަށް 3 ސަބަބެއް ފާހަގަކޮށްފައި ވެއެވެ. އޭގެ ތެރޭގައި ހިމެނެނީ މާލީ ހާލަތުދަށްވުމާއި، ކުރީގެ ކައިވެންޏަށް ދަރިން ލިބިފައި ވުމެވެ.
ރާއްޖޭގައި އާބާދީ މަދުވަމުން ދިޔުމުގެ މައިގަނޑު އެއްސަބަބަކީ، ރާއްޖޭގެ ކައިވެންޏާއި ވަރީގެ ހާލަތެކެވެ. އެކަމުގެ ސަބަބުން ޒުވާންޖީލަށް ކުރާ އަސަރު ބޮޑެވެ. އަދި ޤައުމުގެ މުސްތަޤުބަލު ފެންނަމުންދަނީ ބަނަކޮށެވެ. ދުޅަހެޔޮ އާއިލާތަކެއް ބިނާކުރުމަށްޓަކައި ސަރުކާރުތަކުގެ ސިޔާސަތުތަކަށް ބަދަލުތައް ގެންނަން ޖެހެއެވެ. އެކަން ނުކުރެވޭނަމަ މުސްތަޤުބަލު ފެންނަނީ ބަނަކޮށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް