ރާއްޖެ

މައިން ބަފައިންނަށް ކަމޭ ހިތާ މީހާގެ ދުޢާ އިޖާބަ ކުރައްވާނެ - ހުކުރު ޚުޠުބާ

ރައްޔިތުންގެ ނޫސް

ލިޔުންތެރިޔާ

މައިން ބަފައިންނަށް ކަމޭ ހިތާ މީހާގެ ދުޢާ އިޖާބަ ކުރައްވާނެ - ހުކުރު ޚުޠުބާ

މަސްޖިދުއްރަޝީދުގައި މިއަދު ކުރެވުނު ހުކުރު ނަމާދުގެ ތެރެއިން --- ފޮޓޯ: ރައްޔިތުންގެ ނޫސް

މައިން ބަފައިންނަށް ކަމޭ ހިތުމަކީ، ނަބީ ބޭކަލުންނާއި ޞާލިޙުންގެ ޚުލުޤުފުޅެއް ކަމަށާއި އެއީ މުޞީބާތްތަކުން ސަލާމަތްވެވޭ، ބަރަކާތް ޙާޞިލްކޮށްދޭ އަދި ދުޢާ އިޖާބަކުރެއްވޭ ސަބަބެއް ކަމުގައި މިއަދުގެ ހުކުރު ޚުޠުބާގައި ބުނެފިއެވެ.

މިއަދު މުޅިރާއްޖޭގެ މިސްކިތްތަކުގައި އިއްވި ހުކުރު ޚުޠުބާގެ މަޢުޟޫއަކީ، މައިންބަފައިންނަށް ކަމޭ ހިތުމެވެ. އިސްލާމިކް މިނިސްޓްރީގެ ޚުޠުބާ ކޮމިޓީން ފާސްކުރައްވާފައިވާ މިޚުޠުބާ ލިޔުއްވާފައި ވަނީ އައްޝައިޚް ޢަލީ ޝަހީދެވެ.

ޚުޠުބާގައި ފާހަގަކޮށްފައި ވަނީ، މައިންބަފައިންނަށް ހެޔޮކޮށް ހިތުމުގައި ދެމިހުރުން ﷲގެ މަގުގައި ޖިހާދަށް ނުކުތުމަށް ވުރެވެސް ހެޔޮކަން ބޮޑުކަމުގައެވެ. އަދި އިސްލާމީ ތާރީޚުގެ ވާހަކަތަކުގެ ތެރެއިން މަންމައަށް ހެޔޮކޮށް ހިތުމުގެ ސަބަބުން، އެބޭކަލަކީ، އެބޭކަލެއްގެ ދުޢާ އިޖާބަކުރައްވާ ބޭކަލެއް ކަމުގައި، މާތްﷲ ރަޙްމަތްްލެއްވި އުވައިސް އަލްޤަރްޔީގެ ވާހަކަ ޚުޠުބާގައި ވަނީ ފާހަގަކޮށްފައެވެ. ޔަމަނުގައި ދިރިއުޅުއްވި އުވައިސްއަށް މާތް ނަބިއްޔާގެ ސަޙާބީއަކަށް ވެވަޑައިގެންނެވުމުގެ ޝަރަފް ލިބިވަޑައިނުގެންނެވީ އެކަލޭގެފާނު، އެކަލޭގެފާނުގެ މަންމަޔަށް ޚިދުމަތް ކުރުމުގައި ދެމިހުންނަން ޖެހިވަޑައިގަތުމުގެ ސަބަބުންނެވެ.

ޚުޠުބާގައި މިއަދުގެ ހާލަތާއި މެދު އަލިއަޅުވާލަމުން ބުނެފައި ވަނީ، މައިން ބަފައިންނަށް ފައިސާ ދިނުމަކީ، އެމީހުންނަށް ހެޔޮކޮށް ހިތުންކަމުގައި މިޒަމާނުގައި ބައެއް މީހުންނަށް ޤަބޫލު ކުރެވިފައި އޮންނަ ކަމަށެވެ.

ޚުޠުބާގައި ބުނެފައި ވަނީ، އިންސާނާއަށް ބާއްޖަވެރިކަމުގެ ޢަސާސެއް ކަމުގައި މާތްﷲ މައިންބަފައިންނަށް ކަމޭ ހިތުން ލައްވާފައިވާ ކަމަށެވެ. އަދި އިޙްސާންތެރިކަމުގައި މައިންބަފައިންނާއި އަޅައިކިޔޭނެ އެހެން ބަޔަކު ނުވާކަން، ޚުޠުބާގައި ވަނީ ފާހަގަކޮށްފައެވެ. އަދި ދަރީންނަށްޓަކައި މައިންބަފައިން ވާ ޤުރުބާނީތަކާއި އެކުގައި މައިންބަފައިންނަށް ހެޔޮކޮށް ހިތުމަކީ، ދުނިޔަވީ ނަޒަރަކުން ވިސްނައިލި ކަމުގައި ވިޔަސް ކޮންމެހެން ލާޒިމް ކަމެއް ކަމުގައި އިންސާނީ ބުއްދިވެސް ޤަބޫލު ކުރާނެ ކަމެއްކަން ޚުޠުބާގައި ވަނީ ބުނެފައެވެ.

އިސްލާމްދީނުގައި މައިންބަފައިންނަށް އޯގާތެރިވެ އަޅާލައި ކިޔަމަންތެރިކަން އަދާކުރުމަށް އަމުރުކުރައްވާފައިވާކަން ފާހަގަކޮށް ޚުޠުބާގައި ބުނެފައި ވަނީ، ކީރިތި ޤުރުއާނުގައި 7 ތަނެއްގައި މާތްﷲ މައިންބަފައިންގެ ވާހަކަ ބަޔާން ކުރައްވާފައިވާ ކަމަށެވެ. އަދި މާތްﷲ ފިޔަވައި އެހެން ފަރާތަކަށް އަޅުކަން ނުކުރުމަށް އެންގެވުމާއި ވިދިގެން މައިންބަފައިންނަށް ހެޔޮކޮށް ހިތުމަށް އަމުރުކުރައްވާފައިވާ ކަން ޚުޠުބާގައި ވަނީ ފާހަގަކޮށްފައެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް