Post banner
ރާއްޖެ

ހިޔާގެ އަލިފާނުގެ ހާދިސާ އާއި ގުޅިގެން 140 މީހަކަށް ވަގުތީ ބޯހިޔާވަހިކަން ދީފި

ރައްޔިތުންގެ ނޫސް

ލިޔުންތެރިޔާ

ހިޔާގެ އަލިފާނުގެ ހާދިސާ އާއި ގުޅިގެން 140 މީހަކަށް ވަގުތީ ބޯހިޔާވަހިކަން ދީފި

އަލިފާނުގެ ހާދިސާގައި ހަލާކުވި އޭސީ އައުޓްޑޯ ޔުނިޓްތަކާއި، ފާޚާނާ ހޮޅިތައް ބޭރަށް ނެރެފައި --- ފޮޓޯ: ރައްޔިތުންގެ ނޫސް

ހުޅުމާލެ ފޭސް 2ގެ ހިޔާ ސަރަހައްދުގައި ހުރި ހިޔާގެ 5 ވަނަ ޓަވަރުގައި ހުކުރު ދުވަހު ހިނގި އަލިފާނުގެ ހާދިސާ އާއި ގުޅިގެން 140 މީހުންނަށް މިހާތަނަށް ވަގުތީ ބޯހިޔާވަހިކަން ފޯރުކޮށްދީފައިވާ ކަމުގައި ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމެންޓް ސެންޓަރުން ވިދާޅުވެއްޖެއެވެ.

އެސެންޓަރުން ހާމަކޮށްފައިވާ ގޮތުގައި، ހިޔާގެ 5 ވަނަ ޓަވަރުގެ އެޕާޓްމަންޓްތަކުގެ ތެރެއިން 30 އެޕާޓްމަންޓަކަށް އަލިފާނުގެ ހާދިސާ އާއި ގުޅިގެން ގެއްލުންތައް ލިބިފައިވާކަމަށް ރިޕޯޓްކޮށްފައި ވެއެވެ.

ހުކުރު ދުވަހު އިރު އޮއްސުނު ވަގުތު ހިޔާގެ 5 ވަނަޓަވަރުގައި އަލިފާން ރޯވީ ވައިގޮޅިތެރޭގައެވެ. އެކަމުގެ ސަބަބުން އެޓަވަރުގެ އެވައިގޮޅިއާއި ގުޅިފައި ހުރި ކޮޓަރިތަކުގެ ފާޚާނާތަކުގެ ކުޑަދޮރުތައް ތަޅައިގެން ދިޔައިރު، ވައިގޮޅީގައި ހުރި އޭސީ އައުޓްޑޯ ޔުނިޓްތަކުގައި ރޯވެ، އެޕާޓްމަންޓްތަކުގެ ފާޚާނާތަކުގެ މައިހޮޅިތައްވެސް ހަލާކުވިއެވެ.

އެންޑީއެމްއޭއިން ހާމަކޮށްފައިވާ ގޮތުގައި، ލިބުނު ގެއްލުންތައް ދެނެގަތުމާއި މަރާމާތު ކުރުމުގެ މަސައްކަތް އެމް.އެން.ޑީ.އެފާއި، ދިވެހި ފުލުހުންނާއި އެޗް.ޑީ.ސީ އަދި މާލެ ވޯޓަރ އެންޑް ސުވެރޭޖް ކޮންޕެނީ އާ ސްޓެލްކޯ ގުޅިގެން ދަނީ ކުރަމުންންނެވެ.

އަލިފާނުގެ ހާދިސާގައި ހިޔާގެ 5 ވަނަ ޓަވަރުގެ ހުރިހާ ފްލޯތަކެއްގެ 6ވަނަ އަދި 7 ވަނަ އެޕާޓްމަންޓްތަކުގެ ފާޚާނާތަކަށް ވަނީ ގެއްލުންތައް ލިބިފައެވެ. އަލިފާނުގެ ހާދިސާ ހިނގަން މެދުވެރިވި ސަބަބެއް މިހާތަނަށް ސާފުވެފައެއް ނުވެއެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް