މިފްކޯއިން މަސްދޯނި ފަހަރަށް ތެޔޮ ވިއްކާ އަގު ދެގުނަ ބޮޑުކޮށްފި
ރައްޔިތުންގެ ނޫސް
ލިޔުންތެރިޔާ
ފިޝަރީޒް މިނިސްޓަރ އަޙުމަދު ޝިޔާމް މަސްވެރިންނާއެކު ކުރިން ބޭއްވި ބައްދަލުވުމެއްގެ ތެރެއިން --- ފައިލްފޮޓޯ
ސަރުކާރުގެ މަސްކުންފުނި މިފްކޯއިން މަސްދޯނި ފަހަރަށް ވިއްކާ ޑީސަލްގެ އަގު ގާތްގަނޑަކަށް ދެގުނަ ބޮޑުކޮށްފިއެވެ.
މިފްކޯއިން މިއަދު ކުރި އިޢުލާނުގައި ބުނެފައި ވަނީ، މިއަދު ފެށިގެން މިފްކޯއަށް މަސްކިރާ ހުރިހާ ފަރާތްތަކަށް ޑީސަލް ލީޓަރެއް ވިއްކާނީ، 27ރުފިޔާ 24 ލާރިއަށް ކަމަށެވެ. އަދި އާއްމު އެހެން ދޯނިތަކަށް ޑީސަލް ވިއްކާނީ ލީޓަރެއް 28 ރުފިޔާ 54 ލާރިއަށް ކަމުގައިވެސް މިފްކޯއިން ވަނީ ބުނެފައެވެ.
މިފްކޯއިން ތެޔޮ ވިއްކާއަގު ބޮޑު ކުރިއިރު އަދިވެސް ކަންނެލި ކިލޯއެއް ގަންނަމުން ދަނީ، 55ރ އަށް ކަމުގައި ވާތީ، ބޮޑު ކަންނެލި މަސްވެރިންގެ ޔޫނިއަންއިން ވަނީ އެކަމުގެ ކަންބޮޑުވުންފާޅުކޮށްފައެވެ.
މިފްކޯއިން އޮޑިފަހަރަށް ތެޔޮ ވިއްކާ އަގު ބޮޑުކޮށްފައި މިވަނީ ސަރުކާރުގެ ތެޔޮކުންފުނި ފިއުލް ސަޕްލައި މޯލްޑިވްސްއިން ވިއްކާ ތެލުގެ އަގު ދެގުނަ ބޮޑުކޮށްފައި ވަނިކޮށެވެ. މިއާއެކު ރާއްޖޭގެ އުތުރާއި ދެކުނުގައިވެސް ތެލުގެ އަގު ވަނީ ރެކޯޑް މިންވަރަކަށް މަތިވެފައެވެ.
އައްޑޫ ސިޓީގައި ތެޔޮ ވިއްކާއަގު ވަނީ، ޑީސަލް ލީޓަރެއް 30 ރުފިޔާ 13 ލާރިއަށް އަދި، ޕެޓްރޯލް ލީޓަރެއް 29 ރުފިޔާ 26 ލާރިއަށް ބޮޑުކޮށްފައެވެ.
ކުޅުދުއްފުށީ ސިޓީގައި ޑީސަލް ލީޓަރެއް ވިއްކާއަގު، 29.51 ލާރިއަށް ބޮޑުކޮށްފައި ވާއިރު، ޕެޓްރޯލް ލީޓަރެއް ވިއްކާއަގު ވަނީ، 29 ރުފިޔާ 30 ލާރިއަށް ބޮޑުކޮށްފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް