ދިވެހިރާއްޖޭގެ ޤާނޫނުތައް ނުހިނގާގޮތަށް، ބޭރު މީހުންނަށް ވަޒަންވެރިވެ ދިރިއުޅެވޭ ރަށްތަކެއް މިހާރުވެސް ބިނާކުރަމުން އެބަދޭ: ޑރ. ޝަމްހީދު
ލިޔުންތެރިޔާ
އައިލާ ޕްރޮޖެކްޓް ހިންގަމުން އަންނަ، ނ. އަތޮޅުގައި އޮންނަ ޤުދުރަތީ އަތޮޅު، ނ. ދިގުފަރުފަޅު ---
ރަސްމާލޭގެ ކަންތަކުގައި އާއްމުންނާއި ސިޔާސީ ފަރާތްތަކުން ކަންބޮޑުވުން ފާޅުކުރަމުން އަންނައިރު، ރާއްޖޭގެ އާންމު ގާނޫނު ނުހިނގާ ގޮތަށް އެސްއީޒެޑް ގާނޫނުގެ ދަށުން ތަރައްގީކުރާ ބޭރު މީހުންނަށް ޚާއްޞަ ޓައުނެއްގެ މަސައްކަތް މިހާރުވެސް ރާއްޖޭގައި ހިނގަމުން އެބަދާކަން ހުޅުމާލެ ދެކުނު ދާއިރާގެ މެމްބަރު ޑރ. އަޙުމަދު ޝަމްހީދު ހާމަކުރައްވައިފިއެވެ.
ނ. އަތޮޅުގައި ހިމެނޭ 750 ހެކްޓަރުގެ ޤުދުރަތީ ވަކިއަތޮޅެއް ކަމަށްވާ، ނ. ދިގުފަރުފަޅުގައި އެންމެ މަތީފަންތީގެ ޓޫރިސްޓް ރިޒޯޓްތައް ތަރައްޤީކޮށް ހިންގުމަށް، އެމްޑީޕީގެ ސަރުކާރުގައި ކުއްޔަށް ދޫކުރިއިރު، މިސަރުކާރުން ވަނީ، ސަސްޓައިނަބަލް ޓައުންޝިޕްގެ މަޝްރޫއެއްގެ ގޮތުގައި އެމަޝްރޫޢު ބަދަލުކޮށްދީ އަދި އެއީ ސްޕެޝަލް އިކޮނޮމިކް ޒޯނެއްގެ ގޮތުގައިވެސް ކަނޑައަޅާފައެވެ. އެބަދަލުތަކާއިއެކު ގިނަ ޓެކްސްތަކެއް ދައްކަން ނުޖެހި އަދި ބައެއް ޓެކްސްތަކުން ވަރަށް ބޮޑު ލުއިތަކެއް ލިބިގެންދާއިރު، އެތަން ވެގެންދަނީ ރާއްޖޭގެ އާއްމު ޤާނޫނުތައްވެސް ނުހިނގާނެ ތަނަކަށް ކަމަށް މީގެ ކުރިންވެސް ޑރ. ޝަމްހީދު ފާހަގަކުރައްވާފައިވެއެވެ.
ޝަމްހީދު ވިދާޅުވީ، އައިލާ ޕްރޮޖެކްޓްގެ ނަމުގައި ހިންގާ އެޕްރޮޖެކްޓްގެ ދަށުން ހަދާ ރަށްތަކުގެ ސްކޫލުތަކާއި ހޮސްޕިޓަލުތައްވެސް އަޅާއިރު އެތަންތަނުގެ ވެރިންނަކީ ބޭރު މީހުންކަމަށާއި، އެރަށްރަށުގައި ކުރުން މަނާކަމެއް ގާނޫނުގައި ބަޔާން ކޮށްފައިވެސް ނުވާކަމަށެވެ. އެތަނުން ބިމުކުއްޔެއް، ޓީޖީއެސްޓީ އެއް، ލިބޭ ކަމެއްވެސް ނޭނގޭކަމުގައި ޝަމްހީދު ވިދާޅުވިއެވެ.

2025، ޑިސެންބަރު 31 ގައި ސްޕެޝަލް އިކޮނޮމިކް ޒޯނަކަށް ބަދަލުކޮށް، ބިދޭސީންނަށް ވަޒަންވެރިވެ ދިރިއުޅެނޭގޮތަށް، ސަސްޓެއިނަބަލް ޓައުންޝިޕް މަޝްރޫޢަކަށް އައިލާ ޕްރޮޖެކްޓް ބަދަލުކުރުމަށްފަހުގައި، އެމަޝްރޫޢުގެ ބިންގާ އަޅުއްވައި ދެއްވީވެސް މިހާރުގެ ރައީސް، ޑރ. މުޙައްމަދު މުޢިއްޒު، މިއަހަރުގެ ފެބުރުއަރީ މަހުގެ 02 ވަނަ ދުވަހުގައެވެ.
އައިލާ ޕްރޮޖެކްޓަށް މިސަރުކާރުން ގެނައި ބަދަލުތަކާއި އެކު، އެމަޝްރޫޢުގެ ސަބަބުން، މުސްތަޤުބަލުގައި ރާއްޖޭގެ ސިޔާދަތީ ބާރު ނުހިނގާ ތަނަކަށް އެގުދުރަތީ އަތޮޅު ވެގެން ހިނގައިދާނެ ކަމުގެ ކަންބޮޑުވުންވެސް ސިޔާސީ ބޭފުޅުން މީގެ ކުރިިންވެސް ވަނީ ފާޅު ކުރައްވާފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް