ޓެރަރިޒަމަށް ވާގިވެރިވާ ޤައުމުތަކުގެ ލިސްޓުން ސީރިއާ އުނިކުރުމުން އެކަމަށް ރާއްޖެއިން މަރުޙަބާ ކިޔައިފި
ރައްޔިތުންގެ ނޫސް
ލިޔުންތެރިޔާ
ފޮރިން މިނިސްޓަރ އިރުތިޝާމް އާދަމް --
ޓެރަރިޒަމަށް ވާގިވެރިވާ ޤައުމުތަކުގެ ގޮތުގައި އެމެރިކާއިން އެކުލަވާލާފައިވާ ލިސްޓުން ސީރިއާ އުނިކުރުމުން، ދިވެހިރާއްޖެއިން އެކަމަށް މަރުޚަބާ ކިޔައިފިއެވެ.
ރާއްޖޭގެ ފޮރިން މިނިސްޓްރީން ނެރެފައިވާ ބަޔާނުގައި ބުނެފައި ވަނީ، އެމެރިކާގެ އެ ނިންމުމަށް ދިވެހިރާއްޖެއިން މަރުޚަބާ ކިޔާ ކަމަށާއި، އެނިންމުމުގެ ސަބަބުން ސީރިއާ އަލުން އާރާސްތު ކުރުމަށް ކުރެވެމުންދާ މަސައްކަތްތަކަށް އިތުރުމަގުތައް ފަހިވެގެންދާނެ ކަމަށް އުއްމީދު ކުރާ ކަމަށެވެ.
ސީރިއާއަކީ، ޓެރަރިޒަމަށް ވާގިވެރިވާ ޤައުމެއްގެ ގޮތުގައި އެމެރިކާއިން ކަނޑައެޅީ، ސީރިއާގެ ކުރީގެ ރައީސް ޙާފިޡުލްއަސަދުގެ ވެރިކަމުގައި 1970 ވަނަ އަހަރުގައެވެ. ސީރިއާއަކީ ޓެރަރިޒަމަށް ވާގިވެރިވާ ޤައުމެއްގެ ގޮތުގައި އެމެރިކާއިން ކަނޑައެޅީ ފަލަސްޠީނުގެ މިނިވަންކަމަށްޓަކައި ޖިހާދުކުރާ މުޖާހިދުންގެ ޖަމާޢަތްތަަކަށް ސީރިއާއި އެހީތެރިވާކަމަށް ނިންމުމަށްފަހުގައެވެ.
2010 ވަނަ އަހަރުން ފެށިގެން ސީރިއާގެ ރައީސް ބައްޝާރުލްއަސަދުގެ ވެރިކަމާއި ދެކޮޅަށް އުފެދުނު ހަނގުރާމަވެރި ޖަމާއަތްތަކަށް ވާގިވެރިވެފައި ވަނީ އެމެރިކާ އާއި އިޒްރޭލުންނެވެ. 2024 ވަނަ އަހަރުގެ ޑިސެމްބަރު މަހު، ސީރިއާގެ ވެރިރަށް، ދިމިޝްޤު ހަނގުރާމަވެރި ޖަމާޢަތެއް ކަމަށްވާ ނުސްރާ ފްރޮންޓްގެ އަތްދަށަށް ދިޔުމާއި އެކު ޤައުމު ދޫކުރައްވައި ބައްޝާރުލް އަސަދު ފިއްލެވިއެވެ. އަދި ސީރިއާގެ ވެރިކަމާ، އަލް-ޝަރާ އަމިއްލަފުޅަށް ހަވާލުވެވަޑައިގެންނެވިއެވެ.
ބައްޝާރުލްއަސަދުގެ ވެރިކަން ވެއްޓުނު ދުވަހު، އިޒްރޭލުން ވަނީ، ސީރިއާގެ އަސްކަރީ ހުރިހާ އަމާޒުތަކަށް ބޮންއަޅައި، ސީރިއާގެ ކަނޑާއި ވައިގެ ދިފާޢީ ބާރުތައް މުޅިން ނައްތާލާފައެވެ. އަދި ސީރިއާގެ ހުޅަނގެ ބޯޑަރުސަރަހައްދުތައް ވަނީ އިޒްރޭލުގެ ކޮންޓްރޯލްގެ ދަށަށް ގެންގޮސްފައެވެ.
ސީރިއާގެ މިހާރުގެ ރައީސް އަލް-ޝަރާއަކީ، މީގެ ކުރިން އެމެރިކާއިން، ޓެރަރިސްޓެއްގެ ގޮތުގައި ކަނޑައަޅާފައިވާ ބޭފުޅެކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް