އެބޯލާ ފެތުރޭތީ ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާއިން އިއުލާނުކުރި ސިއްހީ ނުރައްކަލުގެ ހާލަތުދަނީ މޮނީޓަރކުރަމުން: އެޗްޕީއޭ
ރައްޔިތުންގެ ނޫސް
ލިޔުންތެރިޔާ
އިބޯލާގެ ވައްތަރެއްކަމަށްވާ ބަންޑިބުގްޔޯ ވައިރަސްއަށް ވަކި ހާއްސަ ވެކްސިނެއް ނެތްކަމަށް ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާއިން ބުނޭ --- ފޮޓޯ: އޭޕީ
ކޮންގޯ އާއި ޔުގަންޑާގައި އެބޯލާ ރޯގާ ފެތުރި ނުރައްކާ ބޮޑުވުމުން ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާއިން އިއުލާނުކުރި ބައިނަލްއަގުވާމީ ސިއްހީ ނުރައްކަލުގެ ހާލަތު މޮނީޓަރ ކުރަމުންދާކަމަށް ދިވެހި ރާއްޖޭގެ ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން މިއަދު ބުނެފިއެވެ.
ހެލްތް މިނިސްޓްރީގެ މީޑިއާ ގްރޫޕުގައި ހިއްސާކުރި މެސެޖެއްގައި އެޗްޕީއޭއިން ބުނީ ކަމާ ގުޅުންހުރި އިދާރާތަކާ ގުޅިގެން މިވަގުތުގެ ހާލަތު މޮނީޓަރ ކުރަމުންދާ ކަމަށެވެ. އަދި މައުލޫމާތު ލިބެމުންދާ ވަރަކަށް މީޑިއާތަކާ ހިއްސާކުރާނެ ކަމަށް އެޗްޕީއޭއިން ބުންޏެވެ.
ޑީއާރްސީ ނުވަތަ ޑިމޮކްރެޓިކް ރިޕަބްލިކް އޮފް ކޮންގޯގައި ފެތުރޭ އެބޯލާގެ ވައްތަރެއްކަމަށްވާ ބަންޑިބުގްޔޯ ވައިރަސްއަށް ވަކި ހާއްސަ ވެކްސިނެއް ނެތްކަމަށް ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާއިން ވަނީ ހާމަކޮށްފައެވެ.
ކޮންގޯގެ އިތޫރީ ޕްރޮވިންސްގެ ތިން ސަރަހައްދަކުން މިހާތަނަށް ލެބޯޓްރީން ކަށަވަރުކުރެވިފައިވާ 8 ކޭސް ފެނިފައިވާއިރު، ބަލިޖެހިފައިވާ ކަމަށް ޝައްކުކުރެވޭ 246 ކޭސް ވަނީ ރިޕޯޓްކޮށްފައިކަމަށް ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާއިން ހާމަކޮށްފައިވެއެވެ. އަދި ބަލީގައި 80 މީހުން މަރުވެފައިވާ ކަމަށް ޝައްކުކުރެވޭކަމަށް އެ ޖަމްއިއްޔާއިން މައުލޫމާތުދެއެވެ. މީގެ އިތުރުން ވެރިރަށް ކިންޝާސާއިންވެސް ވަނީ ބަލިޖެހިފައިވާ މީހަކު ފެނިފައެވެ.
ކޮންގޯއިން ދަތުރުކުރި ދެ މީހެއްގެ ގައިން ޔުގެންޑާގެ ވެރިރަށް ކަމްޕާލާއިން ވެސް މި ބަލި ފެނިފައިވާކަމަށް ޑަބްލިއުއެޗްއޯ އިން މައުލޫމާތުދެއެވެ. މީގެ ތެރެއިން އެކަކު މަރުވެފައިވާއިރު ބަލި ފެތުރެމުންދާ ސަރަހައްދުތަކުން މަދުވެގެން 4 ސިއްހީ އެހީތެރިން ވެސް ވަނީ މަރުވެފައެވެ.
އެބޯލާ ބަލީގެ ބަލިމަޑުކަމަކީ ބައިނަލްއަގުވާމީ ސަމާލުކަމަށް އައިސްފައިވާ އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތެއްގެ ގޮތުގައި ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާއިން ކަނޑައެޅި ނަމަވެސް، މިއީ މުޅި ދުނިޔެއަށް ފެތުރޭ ފަދަ "ޕެންޑެމިކް" ނުވަތަ އާލަމީ ވަބާއެއްގެ މިންގަނޑަށް ފެތޭ ހާލަތެއް ނޫން ކަމަށްވެސް އެ ޖަމްއިއްޔާއިން ބުންޏެވެ. އަދި މިކަމާ ގުޅިގެން ބައިނަލްއަޤްވާމީ ބޯޑަރުތައް ބަންދުނުކުރުމަށްވެސް އެ ޖަމްޢިއްޔާއިން ވަނީ ލަފާދީފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް