ފުނަދޫ ޕެޓްރޯލް ޝެޑުގައި ރޯވި އަލިފާން ނިވިއްޖެ
ލިޔުންތެރިޔާ
އަލިފާން ރޯވި ސަރަހައްދު-- ފޮޓޯ: އެމްއެންޑީއެފް
ށ. ފުނަދޫގައި އަމިއްލަ މީހަކު ހިންގަމުން އައި ޕެޓްރޯލް ޝެޑްގައި ރޯވި އަލިފާން މިހާރު މުޅިން ނިވާލެވިފައިވާ ކަމުގައި އެމްއެންޑީއެފުން ވިދާޅުވެއްޖެއެވެ.
އެމްއެންޑީއެފުން ވިދާޅުވީ، ރޯވި އަލިފާން ނިވާލެވުނީ، މެންދުރު 12 ޖެހުމާއި ގާތްވެފައި ވަނިކޮށް ކަމަށެވެ. އެ ޕެޓްރޯލް ޝެޑްގައި އަލިފާން ރޯވީ މިއަދު ހެނދުނު 8:00 ޖަހައި އެހައިކަންހާއިރު ކަމުގައި ފުލުހުން ވިދާޅުވެފައި ވެއެވެ.
ގާތްގަނޑަކަށް 4 ގަޑިއިރު ފަހުން، އަލިފާން ނިވާލެވުނުއިރު، ޕެޓްރޯލް ޝެޑާއި ކައިރީގައި ހުރި ބައެއް ވޯކްޝޮޕްފަދަ ތަންތަން ވަނީ، އަނދައި އަޅިޔަށް ވެފައެވެ. މިހާދިސާގައި އެ ޕެޓްރޯލްޝެޑާއި ގާތުގައި ހުރި 4 ވޯކްޝޮޕެއްގައިވެސް ވަނީ އަލިފާން ރޯވެ އަނދައިގެން ގޮސްފައެވެ.
ފުނަދޫ ކައުންސިލުން ހާމަކުރައްވާފައިވާ ގޮތުގައި އަލިފާނުގެ ހާދިސާ އާއި ގުޅުގެން 18 ވަރަކަށް މީހުންނަށް ހޮސްޕިޓަލުގައި އެޑްމިޓްކޮށް ފަރުވާދޭން ޖެހުނެވެ. އެ އެންމެންނަކީވެސް ދުމުގެ އަސަރުކޮށްގެން ފަރުވާދޭން ޖެހުނު މީހުންކަމުގައި ކައުންސިލުން ވިދާޅުވެފައިވެއެވެ.
ފުނަދޫގައި އަމިއްލަ މީހަކު ހިންގަމުން އައި ފަތްމިނި ޕެޓްރޯލް ޝެޑަކީ، އެރަށުގައި ހުންނަ ހަމައެކަނި ޕެޓްރޯލްޝެޑެވެ. އެތަނުގައި އަލިފާން ރޯވީ، ކަރަންޓް ޝޯޓެއްގެ ސަބަބުން ކަމަށް ވަރަށް ބޮޑަށް ބެލެވޭކަމަށް ރޯވިވަގުތު އެތަނުގައި ހުރި މީހަކު ބުނެފައި ވެއެވެ.
ފުލުހުން އަންނަނީ މިބޮޑު އަލިފާނުގެ ހާދިސާ ހިނގަން މެދުވެރިވި ސަބަބު ބަލައި ތަޙްޤިޤު ކުރަމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް