ތ. އަތޮޅު ކަނޑުފުށީ ގޮނޑުދޮށަށް އިންސާނެއްގެ ކަތުރުކަށިގަނޑެއް ލައްގާފައި އޮއްވައި ފެނިއްޖެ
ލިޔުންތެރިޔާ
ކަނޑުފުށީ ގޮނޑު ދޮށުން ފެނުނު ކަތުރުކަށިގަނޑު --- ފޮޓޯ: ޙުސައިން ސިނާޙް
ތ. އަތޮޅުގެ ހުޅަނގު ބިތުގައި އޮންނަ ފަޅުރަށެއް ކަމުގައިވާ، ކަނޑުފުށީ ގޮނޑުދޮށަށް އިންސާނެއްގެ ކަތުރުކަށީގަނޑެއް ލައްގާފައި އޮއްވައި ފެނިއްޖެއެވެ.
އެކަށިގަނޑު ފެނުނީ ކަނޑުފުއްޓަށް މިއަދު ދަތުރުގޮސް އުޅުނު ބަޔަކަށެވެ.
އެރަށު ގޮނޑުދޮށުން ފެނުނު އިންސާނެއްގެ ކަތުރުކަށިގަނޑަކީ، މަރުވެފައިވާތާ ވަރަށް ގިނަ ދުވަސްވެފައިވާ މީހެއްގެ ކަށިގަނޑެއް ކަމަށް ބެލެވެއެވެ. އަދި އެކަތުރުކަށިގަނޑުގައި ތިރީ ދަތްޕިލައިގެ ބައެއް ދަތްތައްވެސް ނުނެއްޓި ހުރި އިރު، އެއީ ޒުވާން އުމުރުގައި މަރުވެފައިވާ އިންސާނެއްގެ ކަށިގަނޑެއްކަމަށްވެސް ބެލެވިފައިވެއެވެ.
އެކަށިގަނޑު މިހާރު ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައި، ކަމަށާއި ފެނުނު އެކަށިގަނޑުގެ ފޮރެންސިކް ތަޙްލީލުތަކުން އެއީ ކާކުގެ ކަށިގަނޑެއްކަން ދެނެގަނެވޭނެ ކަމަށް އުއްމީދު ކުރާ ކަމުގައި އެންމެ ފުރަތަމަ އެކަށިގަނޑު ފެނުނު ފަރާތުން ބުނެފައި ވެއެވެ.
ތ. އަތޮޅުގެ ކަނޑުފުއްޓަކީ، ކުރިން ކަނޑުމަތީގައި މަރުވާ މީހުން ވަޅުލަމުން އައި، ތ. އަތޮޅުގެ އެންމެ ހުޅަނގު އުތުރުބިތުގައި އޮންނަ ފަޅުރަށެކެވެ.
2025 ވަނަ އަހަރުގެ އޭޕްރީލް މަހު އެސަރަހައްދުން ދަތުރުކުރަނިކޮށް، އަލިފާން ރޯވި ހޮޅުދޫ ބޯޓުން ޒުވާނަކު ކަނޑަށް ގެއްލުނެވެ. އެހާދިސާގައި ގެއްލުނީ، ލ. މާވަށަށް ނިސްބަތްވާ އުމުރުން 25 އަހަރުގެ ޢަލީ މުޝްފިޤެވެ. އޭގެ ފަހުން އޭނާގެ އެއްވެސް ޚަބަރެއް ވެފައެއް ނުވެއެވެ.
އޭނާ ފިޔަވައި، މިފަހުގެ ތާރީޚެއްގައި ކަނޑުފުށި ހިމެނޭ ސަރަހައްދާއި ކައިރިން ކަނޑަށް އެއްވެސް މީހަކު ގެއްލުން ފަދަ ހާދިސާއެއް ހިނގާފައެއް ނުވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް