މިއަދަށް ވުރެ ބޮޑަށް މާދަމާ މާލެއަށް އުދަ އަރައިފާނެ
ރައްޔިތުންގެ ނޫސް
ލިޔުންތެރިޔާ
މިއަދު ދިޔަވަރު ބޮޑުވި ވަގުތު މާލެއަށް އުދަ އަރައި ސިފައިން ފެން ހިންދުމުގެ މަސައްކަތް ކުރަނީ -- ފޮޓޯ: އެމްއެންޑީއެފް
މިއަދު މާލެއަށް އުދައަރައި ގެއްލުންތައް ލިބުނު އިރު، މާދަމާ މިއަދަށް ވުރެ ބޮޑަށް މާލެއަށް އުދަ އަރައިފާނެ ކަމަށް މޫސުމާއި ބެހޭ ޤައުމީ އިދާރާއިން ނިމުތުކޮށްފިއެވެ.
މިއަދު މާލެ ސަރަހައްދަށް ދިޔަވަރު އެންމެ ބޮޑުވީ، މެންދުރު ކުރީ 11:38 ގައެވެ. މިއަދުު މާލެ ސަރަހައްދަށް 2.2 ފޫޓަށް ދިޔަވަރު ބޮޑުވިއިރު، މާލޭގެ ދެކުނު ފަރާތުންނާއި، އިރު އުތުރު ފަރާތުން ވަނީ ވަރަށް ބޮޑަށް އުދަ އަރާފައެވެ. މޫސުމާއި ބެހޭ ޤައުމީ އިދާރާއިން ލަފާކޮށްފައިވާ ގޮތުގައި، މާދަމާ އެންމެ ދިޔަވަރު ބޮޑުވާނީ، މެންދުރުފަހު 12:35 ގައެވެ. މާދަމާ 2.3 ފޫޓަށް ދިޔަވަރު ބޮޑުވާއިރު، މިއަދަށް ވުރެ ބޮޑަށް މާދަމާ މާލެސަރަހައްދަށް އުދައެރުމުގެ ފުރުސަތު އެބައޮތެވެ.
މިއަދު މެންދުރު މާލެއަށް އުދަ އަރަމުން ދިޔައިރު، މާލޭގެ އެކި ސަރަހައްދުތަކުގައި ޕަމްޕްތައް ބަހައްޓައިގެން ލޮނުގަނޑު ހިންދުމުގެ މަސައްކަތް އެމްއެންޑީއެފުން ވަނީ ކޮށްފައެވެ. މިއަދު އެންމެ ބޮޑަށް އުދައެރީ، އިންޑަސްޓްރިއަލް ޒޯނު ސަރަހައްދަށެވެ. އެސަރަހައްދުގައި ހުރި އާއްމުންގެ ވެހިކަލްތަކަށްވެސް ވަނީ ވަރަށް ބޮޑެތި ގެއްލުންތައް ލިބިފައެވެ.
މޫސުމާއި ބެހޭ ޤައުމީ އިދާރާއިން ހާމަކޮށްފައިވާ ގޮތުގައި، މާދަމާ ދިޔަވަރު އެންމެ ބޮޑުވާނީ، ރާއްޖޭގެ ދެކުނުގެ އަތޮޅުތަކަށެވެ. ލ އަތޮޅުން ފެށިގެން ދެކުނުގެ އަތޮޅުތަކަށް މިއަދު 2.4 ފޫޓަށް ދިޔަވަރު ބޮޑުވިއިރު މާދަމާ، 2.6 ފޫޓަށް ދިޔަވަރު ބޮޑުވާނެއެވެ. ދެކުނުގެ އަތޮޅުތަކަށް މާދަމާ ދިޔަވަރު އެންމެ ބޮޑުވާނީ މެންދުރުފަހު 1:14 ގައެވެ.
މޫސުމާއި ބެހޭ ޤައުމީ އިދާރާއިން ހާމަކުރައްވާފައިވާ ގޮތުގައި މިރޭވެސް ދިޔަވަރު ބޮޑުވާ ވަގުތުގައި އުދަ އެރުން އެކަށީގެންވެއެވެ. އަދި އާއްމު ގޮތެއްގައި ރާޅުތަކުގެ އުސްމިން ހުންނާނީ، 2 ފޫޓާއި 5 ފޫޓާއި ދެމެދުގައި ކަމަށްވެސް މޫސުމާއި ބެހޭ ޤައުމީ އިދާރާއިން ވަނީ ހާމަކުރައްވާފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް