ކީރިތި ޤުރްއާނާ ބެހޭ މަރުކަޒުގެ ފ. މަގޫދޫ ގޮފި ރަސްމީކޮށް ހުޅުވައިފި
ލިޔުންތެރިޔާ
ކީރިތި ޤުރްއާނާ ބެހޭ ޤައުމީ މަރުކަޒުގެ ފ. މަގޫދޫ ގޮފި ---
ކީރިތި ޤުރްއާނާ ބެހޭ ޤައުމީ މަރުކަޒުގެ ފ. މަގޫދޫ ގޮފި މިއަދު ރަސްމީކޮށް ހުޅުވައިފިއެވެ.
ފ. މަގޫދޫގައި މިއަދު ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައި މި ގޮފި ހުޅުއްވައިދެއްވީ ކީރިތި ޤުރްއާނާ ބެހޭ މަރުކަޒުގެ ޑެޕިއުޓީ މިނިސްޓަރ އަލްފާޟިލް ޢަބްދުލް ޣަފޫރު އަޙްމަދެވެ.
މި ރަސްމިއްޔާތުގައި ފ. މަގޫދޫ ކައުންސިލްގެ ރައީސާއި ކައުންސިލް މެންބަރުންގެ އިތުރުން، ރަށުގެ ސަރުކާރު މުއައްސަސާތަކުގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.
ރަސްމިއްޔާތަށްފަހު ޑެޕިއުޓީ މިނިސްޓަރ ވަނީ ގޮފީގެ އިމާރާތާއި ވަސީލަތްތައް ބައްލަވާލައްވައި، ކައުންސިލާއެކު ގޮފި ހިންގުމާ ގުޅޭގޮތުން މަޝްވަރާ ކުރައްވާފައެވެ.
މަގޫދޫގައި ޤާއިމުކުރެވުނު މި ގޮފީގައި ޤާރީ ކޯސްތަކާއި، ޤުރްއާން ހިތުދަސްކުރުމުގެ ކްލާސްތަކުގެ އިތުރުން، ޢާންމުންނަށް ޚާއްޞަ ތަޖުވީދު ކްލާސްތައް ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ. މި ގޮފި ހުޅުވުމާއެކު، ކުރިއަށް އޮތް ތަނުގައި މަގޫދޫން ޤާބިލު ޤާރީންނާއި ޙާފިޡުން އުފެދިގެންދާނެއެވެ.
މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ޑެޕިއުޓީ މިނިސްޓަރ ޢަބްދުލް ޣަފޫރު އަޙްމަދު ވިދާޅުވީ، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ކީރިތި ޤުރްއާނުގެ ޢިލްމު ފެތުރުމަކީ ސަރުކާރުން ވަރަށް ބޮޑު އިސްކަމެއް ދެއްވައިގެން ކުރައްވާ މަސައްކަތެއް ކަމަށެވެ. އަދި މަގޫދޫގައި މި ހުޅުވުނު ގޮފީގެ ސަބަބުން، އެ ރަށުގެ ރައްޔިތުންނަށާއި ޚާއްޞަކޮށް ޒުވާނުންނާއި ކުޑަކުދިންނަށް ކީރިތި ޤުރްއާން އުނގެނުމުގެ ފަހި ފުރުޞަތުތަކެއް ލިބިގެންދާނެކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
މީގެ އިތުރުން، ޤުރްއާނާ ބެހޭ މަރުކަޒުގެ ގޮފިތައް ރަށްރަށުގައި ޤާއިމުކުރުމުގެ މައިގަނޑު މަޤްޞަދަކީ، ރަށުގައި ތިބެގެން ފެންވަރު ރަނގަޅު ޤުރްއާން ކްލާސްތަކާއި ކޯސްތަކުގައި ބައިވެރިވުމުގެ މަގު ފަހިކޮށްދިނުން ކަމަށްވެސް ޑެޕިއުޓީ މިނިސްޓަރ ވިދާޅުވިއެވެ. އަދި މި ގޮފީގެ ކިޔެވުން ފެށޭނެކަމަށް އުންމީދު ކުރައްވަނީ މިއަންނަ އަހަރުގެ ސްކޫލް ކިޔެވުން ފެށޭ ހިސާބުގައި ކަމަށާއި، މި ގޮފީގައި ކިޔަވައިދޭ ޓީޗަރަކީ ރަމަޟާން މަހު ތަރާވީޙް ނަމާދުވެސް ކުރެވޭނެ ފެންވަރު ހުރި ޓީޗަރަކަށް ވެގެންދާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ޚަބަރު ލިޔުނީ: މުޙައްމަދު މުޢާޒް - ރަށު ރިޕޯޓަރ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް