މަސައްކަތް ކުރަނީ ކްރިއޭޓިވް ގޮތްގޮތަށް ބޯހިޔާވަހިކަން ފޯރުކޮށް ދިނުމަށް: މިނިސްޓަރ ޑރ. މުއްޠަލިބު
ލިޔުންތެރިޔާ
ހައުސިންގ މިނިސްޓަރ ޑރ. ޢަބްދުﷲ މުއްޠަލިބު ރައްޔިތުންގެ މަޖިލީހުގައި ވާހަކަފުޅު ދައްކަވަނީ --- ފޮޓޯ: ރައްޔިތުންގެ މަޖިލިސް
މިސަރުކާރުން މަސައްކަތް ކުރަނީ، ދައުލަތުގެ ބަޖެޓުން ޚަރަދު ކުރުމަށް ވުރެ، ކްރިއޭޓިިވް އެހެން ގޮތްގޮތް ހޯދައިގެން ރައްޔިތުންނަށް ބޭނުންވާ ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް ކަމުގައި، ހައުސިންގ މިނިސްޓަރ ޑރ. ޢަބްދުﷲ މުއްޠަލިބު ވިދާޅުވެއްޖެއެވެ.
މިނިސްޓަރ މުއްޠަލިބު މިހެން ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި، ގަލޮޅު އުތުރުދާއިރާގެ މެމްބަރު މުޙައްމަދު އިބްރާހީމް ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުންނެވެ. މުޙައްމަދު އިބްރާހީމް ސުވާލު ކުރެއްވީ، މިއަހަރަށް ފާސްކުރި ބަޖެޓުގައި ބޯހިޔާވަހިކަމަށް ޚަރަދުކުރުމަށް، ޕީއެސްއައިޕީން ކަނޑައަޅާފައިވާ އެއްބިލިއަން ރުފިޔާގެ ތެރެއިން މިހާތަނަށް ޚަރަދު ކުރެވިފައި ވަނީ ތިންސަތޭކަ ފަސްދޮޅަސް މިލިޔަން ރުފިޔާކަން ފާހަގަ ކުރައްވަމުންނެވެ. އަދި ބޯހިޔާވަހިކަމުގެ މަޝްރޫޢުތަކަށް ކިހާ ފައިސާއެއް ހޭދަ ކުރެވިފައިވޭތޯ، މުޙައްމަދު އިބްރާހީމް ވަނީ ސުވާލު ކުރައްވާފައެވެ.
މިނިސްޓަރ ޑރ. މުއްޠަލިބު ވިދާޅުވީ، ސީދާ ބަޖެޓުން ޚަރަދު ނުކުރި ނަމަވެސް މިހާރު ކުރިއަށް ގެންދާ ލޯނު ސްކީމްތަކުން، މާބޮޑެތި އަދަދުން ރައްޔިތުނަށް ބޯހިޔާވަހިކަމުގެ ފުރުޞަތު ހޯދައި ދެވިފައިވާ ކަމަށެވެ. މިގޮތުން ހިޔާވަހި ފައިނޭންސް ސްކީމްގެ ތެެރެއިން ބޭންކް އޮފް މޯލްޑިވްސް މެދުވެރިކޮށް، ބޭންކް ލޯނުތަކުގެ ގޮތުގައި، 1.1 ބިލިއަން ރުފިޔާ ދޫކުރެވިފައިވާ ކަމަށެވެ. އަދި މިހާރުވެސް ބޯހިޔާވަހިކަމަށް އެހީތެރިވުމަށްޓަކައި ލޯނުގެ ގޮތުގައި 1.1 ބިލިއަން ރުފިޔާ އެޕްރޫވް ކުރެވިފައިވާ ކަމުގައިވެސް މިނިސްޓަރ މުއްޠަލިބު ވިދާޅުވިއެވެ.
2025 ވަނަ އަހަރުގެ ދައުލަތުގެ ބަޖެޓު ފާސްކުރި އިރު، އެ ބަޖެޓަކީ، ބޯހިޔާވަހިކަމގެ ބަޖެޓުގެ ގޮތުގައި ސަރުކާރުން ފާހަގަ ކުރިއެވެ. އެހެން ނަމަވެސް މިފާއިތުވި 3 އަހަރުގެ ތެރޭގައި އަތޮޅުތަކާއި، މާލޭގައި މިސަރުކާރުގައި އަލަށް ފަށައިގެން އަދި އެއްވެސް މަޝްރޫއެއް ނިންމިފައި ނުވާކަން ފާހަގަކޮށްލެވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް