ވިއްސާރައިގައި އަތޮޅުތަކަށް ލިބުނު ގެއްލުންތައް ބަލަން ފަށައިފި
ލިޔުންތެރިޔާ
ހއ. އަތޮޅަށް ކުރި ވިއްސާރައިގައި، ހއ. ތަކަންދޫގައި ފެންބޮޑުވެފައި -- ފޮޓޯ: އާސިމާ ޔޫނުސް )ފޭސްބުކް(
މިހާރު ރާއްޖެއަށް ކުރަމުން އަންނަ ވިއްސާރައިގައި އަތޮޅުތަކުގެ ރަށްރަށަށް ލިބުނު ގެއްލުންތައް ބަލަން ފަށާފައިވާ ކަމުގައި ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމެންޓް އޮތޯރިޓީން ވިދާޅުވެއްޖެއެވެ.
އެންޑީއެމްއޭއިން ވިދާޅުވީ، ބޯކޮށް ވާރޭވެހި ފެންބޮޑުވުމުގެ ހާދިސާތައް ހިނގާފައިވާ ރަށްރަށުގައި ގޭގެއަށް ލިބުނު ގެއްލުންތައް ބެލުމުގެ މަސައްކަތް މިހާރު ފަށާފައިވާ ކަމަށެވެ. އަދި ވިއްސާރަ އަލިވި ނަމަވެސް އަދިވެސް ބައެއް ރަށްރަށުގައި ފެންގަނޑު މުޅިން ނުހިންދޭތީ، ފެންހިންދުމުގެ މަސައްކަތްތައްވެސް ކުރަމުންދާ ކަމަށެވެ.
އެންޑީއެމްއޭއިން ވިދާޅުވީ، ހދ. ކުޅުދުއްފުށި ސިޓީގައި، ފެން ހިންދުން މެދުކަނޑާލައި މިވަގުތު ހާލަތު ކޮންޓްރޯލް ކުރެވިފައިވާކަމަށާއި، ފެންބޮޑުވުމާއި ގުޅިގެން އެއްވެސް މީހަކު ވަގުތީ ހިޔާއަކަށް ބަދަލުވެފައި ނުވާކަމަށެވެ. އެހެން ނަމަވެސް 2 ގެއެއްގެ މީހުން ގެސްޓްހައުސްތަކަށް ބަދަލުވިކަމުގައި، އެއިދާރާއިން ވިދާޅުވިއެވެ.
އެންޑީއެމްއޭއިން ވިދާޅުވީ، ހދ. ނޮޅިވަރަމްއަށް ވާރޭ ވެހުން ހުއްޓިފައިވީ ނަމަވެސް ގިނަ ގެތަކެއްގައި އަދިވެސް ވަނީ ފެންބޮޑުވެފައި ކަމަށާއި، 2 ޕަންޕާއި 6 ކޯރު ކަނޑައިގެން ފެން ހިންދުމުގެ މަސައްކަތް މިހާރުވެސް ދަނީ ކުރަމުން ކަމަށެވެ. އަދި ނޮޅިވަރަންފަރަށް ވާރޭވެހުން ހުއްޓި ބޮޑު ސަރަހައްދަކުން ފެން ހިނދިފައިވުމާއިއެކު ގެތައް ސާފުކުރުމާއި ލިބުނު ގެއްލުންތައް ދެނެގަތުމުގެ މަސައްކަތް މިހާރު ދަނީ ކުރިއަށް ކަމުގައިވެސް އެއިދާރާއިން ވިދާޅުވިއެވެ.
ޅ. ނައިފަރުގެ ހާލަތަށް ބަލާއިރު، ވާރޭވެހުން ހުއްޓިފައި ވީނަމަވެސް އަދިވެސް ފެންގަނޑު މުޅިން ނުހިނދޭތީ، ފެން ހިންދުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ.
ރާއްޖެއަށް މިހާރު ކުރަމުން އަންނަ މޫސުމީ ވިއްސާރައިގައި، އަތޮޅުތަކުގެ ރަށްރަށަށް ބޯކޮށް ވާރޭ ވެހުމުގެ ސަބަބުން ގިނަ ރަށްރަށުގައި ފެން ބޮޑުވެ ގޭގެއަށް ފެންވަދެ އާއްމު ދިރިއުޅުމަށްވެސް ވަނީ އަސަރުކޮށްފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް