Post banner
ރާއްޖެ •

ވަޠަނީ ޚިދުމަތުގެ 4 ވަނަ ބުރު އިފްތިތާޙްކޮށްފި

ރައްޔިތުންގެ ނޫސް

ލިޔުންތެރިޔާ

ވަޠަނީ ޚިދުމަތުގެ 4 ވަނަ ބުރު އިފްތިތާޙްކޮށްފި

ވަޠަނީ ޚިދުމަތުގެ ހަތަރުވަނަ ބުރު އިފްތިތާޙް ކުރުން -- ފޮޓޯ: އެމްއެންޑީއެފް

ދިވެހި ވަޠަނީ ޚިދުމަތުގެ "ނޭޝަނަލް ސަރވިސް އިނީޝިއަލް ޓްރެއިނިންގ" ޕްރޮގްރާމްގެ ހަތަރުވަނަ ބެޗު ރަސްމީކޮށް އިފުތިތާޙުކޮށްފިއެވެ. 

ޑިފެންސް މިނިސްޓްރީން ހާމަކުރައްވާފައިވާ ގޮތުގައި، 14  ހަފުތާގެ މުއްދަތަށް ކުރިއަށްދާ މި ތަމްރީނުގައި މިފަހަރު، ޖުމުލަ 352 ދަރިވަރުން ބައިވެރިވެއެވެ. އޭގެ ތެރޭގައި ރާއްޖޭގެ 20 އަތޮޅުގެ 125 ރަށަކަށް ނިސްބަތްވާ 288 ފިރިހެން ދަރިވަރުންނާއި 64 އަންހެން ދަރިވަރުން ހިމެނެއެވެ. މި ދަރިވަރުން މާފިލާފުއްޓަށް ގެންގޮސްފައި ވަނީ އޮކްޓޫބަރު 13 ވަނަ ދުވަހުއެވެ.

މި ޕްރޮގްރާމުގެ ބޭނުމަކީ، ޒުވާނުން ތަރައްޤީކޮށް، ޒުވާނުން ބާރުވެރިކޮށް، ޤައުމަށް ފައިދާހުރި މަސައްކަތްތަކުގައި އިސްނަގައި ހަރަކާތްތެރިވާނެ ބަޔަކަށް ދިވެހި ޒުވާނުން ހެދުމަށާއި، ޒުވާނުންނަށް ބޭނުންވާނޭ މަސައްކަތުގެ އަޚުލާޤާއި ސުލޫކާއި ހުނަރު ދަރިވަރުންގެ ކިބައިގައި އަށަގެންނެވުމެވެ. މި ޕްރޮގްރާމްގެ މައިގަނޑު މަޤުޞަދަކީ ޒުވާނުން ބާރުވެރިކުރުވައި، މަސައްކަތުގެ އަޚުލާޤާއި ހުނަރު ދަސްކޮށްދިނުން ކަމުގައި ޑިފެންސް މިނިސްޓްރީން ހާމަކުރައްވާފައި ވެއެވެ.

މި ތަމްރީނުގައި، ދިވެހި ޤައުމިއްޔަތާއި، ޒިންމާދާރު ރައްޔިތު ކަމާއި، ދީނީ ތަޢުލީމާއި، ލީޑަރޝިޕް، އަދި ލޭންގުއޭޖް ޕްރޮފިޝެންސީ އުނގަންނައި ދޭނެއެވެ. އަދި ހަށިހެޔޮކަމާއި ދުޅަހެޔޮކަން އިތުރުކޮށް އަށަގެންނެވުމަށް ކަސްރަތާއި ހަށިހެޔޮކަމުގެ ތަމްރީނުތައް ހިމެނޭ އިރު، އަޚްލާޤާއި ސުލޫކު ހަރުދަނާކޮށް ކުރިއެރުވުމަށް އަމާޒުކޮށް ހެވިކަމުގެ ތަމްރީނު ޙަރަކާތްތައް ކުރިއަށް ގެންދެވޭނެ ކަމުގައިވެސް ޑިފެންސް މިނިސްޓްރީން ހާމަކުރައްވާފައި ވެއެވެ. މީގެ އިތުރުން، ފަސްޓް އެއިޑާއި ފަޔަރ ފައިޓިންގ އަދި ސެލްފް ޑިފެންސްގެ އިތުރުން ކޭމްޕް ޙަރަކާތްތައް ދަސްކޮށްދެނެއެވެ. އަދި އަސްކަރީ ތަމްރީނުގެ ޙަރަކާތް ތަޢާރަފުކޮށްދިނުން ވެސް މި ތަމްރީނުގައި ހިމެނިފައިވާކަމުގައި އެމްއެންޑީއެފުން ހާމަކުރައްވާފައި ވެއެވެ.

މި ތަމްރީނު ޕްރޮގްރާމް ފުރިހަމަކުރާ ދަރިވަރުންނަށް 'ނޭޝަނަލް ސަރވިސް އިނީޝިއަލް ޓްރެއިނިންގ ފުރިހަމަކުރިކަމުގެ ސެޓްފިކެޓް' ދިނުމަށް ހަމަޖެހިފައި ވާ އިރު، ކޯހުގެ މުޤައްރަރުގައި ކަނޑައަޅާފައިވާ ހުރިހާ މިންގަނޑުތަކެއް ހާސިލުކޮށް ފާސްވާ ދަރިވަރުންނަށް 'ސެޓްފިކެޓް 3 އިން ސިވިލް އެޑިއެކޭޝަން އެންޑް ލީޑަރޝިޕް'ގެ ސެޓްފިކެޓް ދޭނެއެވެ. މީގެ އިތުރުން ތަމްރީނުގެ ތެރެއިން ކުރިއަށްގެންދާ ފަޔަރ ފައިޓިންގ މޮޑިއުލުން ފާސްވާ ދަރިވަރުންނަށް 'ކޮމިއުނިޓީ ވޮލަންޓިއަރ ފަޔަރ ފައިޓަރ' ސެޓްފިކެޓާއި، ކޯހުގެ ފަސްޓް އެއިޑް މޮޑިއުލުން ފާސްވާ ދަރިވަރުންނަށް 'ބޭސިކް ފަސްޓް އެއިޑް' ސެޓިފިކެޓް އަދި "އެކުއެކީ" ޕްރޮގްރާމްގައި ބައިވެރިވާ ދަރިވަރުންނަށް 'ޕިއަރ އެޑިއުކޭޝަން ޓްރެއިނިންގ' ފުރިހަމަކުރިކަމުގެ ސެޓިފިކެޓް ލިބޭނެ ކަމުގައިވެސް ޑިފެންސް މިނިސްޓްރީން ހާމަކުރައްވާފައި ވެއެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް