މުންދުގެ ކުންފުންޏަށް އިނގިރޭސި ލިޔުންތައް ލިޔުމަށް ބައިމިލިއަން ރުފިޔާ ދިން މައްސަލަ ބަލަން ހުށައަޅައިފި
ރައްޔިތުންގެ ނޫސް
ލިޔުންތެރިޔާ
މާލެ ސިޓީ ކައުންސިލުން ވަކި މީހަކަށް ނާޖާއިޒު މަންފާއެއް ހޯދައިދިނުމުގެ ގޮތުން، އިނގިރޭސިބަހުން ލިޔަންޖެހޭ ލިޔުންތައް ލިޔުމަށް 561،000 (ފަސްލައްކަ ފަސްދޮޅަސް އެއްހާސް) ރުފިޔާގެ ކޮރަޕްޝަންގެ އަމަލެއް ހިންގާފައިވާ ކަމަށް ތުހުމަތު ކުރެވޭ މައްސަލައިގެ ދިރާސާއެއް ކުރުމަށްޓަކައި ކައުންސިލްގެ އޮޑިޓް ކޮމިޓީއަށް ފޮނުވުމަށް ނިންމާފައިވާކަން މާލޭ ސިޓީ ކައުންސިލުން ހާމަކޮށްފިއެވެ.
މި މައްސަލަ ޖަލްސާއަށް ހުށަހަޅުއްވަމުން ހުޅުމާލެ އުތުރު ދާއިރާގެ ކައުންސިލް މެންބަރު ފާތިމަތު ޒަހިއްޔާ ވިދާޅުވީ، ޑރ. މުޙައްމަދު މުޢިއްޒު މާލޭ ސިޓީގެ މޭޔަރު ކަމުގައި ހުންނެވި ދުވަސްވަރު، އެމަނިކުފާނުގެ ސިޔާސީ ގާތް ބޭފުޅެއް ކަމަށްވާ އަދި މިހާރުގެ ސަރުކާރުގެ ތަރުޖަމާނު، މއ. ކޮތަންމާގެ، މުޙައްމަދު ޙުސައިން ޝަރީފް (މުންދު) ގެ ކުންފުންޏެއް ކަމަށްވާ "ކިންގްސް ކޮންސަލްޓެންސީ ޕްރައިވެޓް ލިމިޓެޑް" އާ ސިޓީ ކައުންސިލުން ލިޔަންޖެހޭ އިނގިރޭސި ލިޔުންތައް ލިޔުމުގެ މަސައްކަތް 561،000 ރުފިޔާއަށް ހަވާލުކޮށްފައިވާ ކަމަށެވެ.
ޒަހިއްޔާ ފާހަގަކުރެއްވި ގޮތުގައި މި ދެންނެވި ކުންފުނި އިކޮނޮމިކް މިނިސްޓްރީގައި ރަޖިސްޓްރީ ކޮށްފައިވަނީ 17 އޮކްޓޯބަރު 2021 ގައެވެ. އަދި އެ މަސައްކަތް ކޮށްދޭނެ ބަޔަކު ހޯދުމަށް މާލެ ސިޓީ ކައުންސިލުން އިއުލާން ކޮށްފައިވަނީ ޖެހިގެން އައި ނޮވެމްބަރު މަހުގެ 10 ވަނަ ދުވަހުއެވެ. އެހެންކަމުން މިއީ މުޙައްމަދު ޙުސައިން ޝަރީފަށް މާލީ މަންފާއެއް ހޯދައިދިނުމުގެ ބޭނުމުގައި ދުރާލައި ރޭވިގެން އުފެއްދި ކުންފުންޏެއް ކަމަށް ބެލެވޭ ކަމަށް އޭނާ ވިދާޅުވިއެވެ.
މީގެއިތުރުން، އެ ކުންފުންޏާއެކު ވެފައިވާ އެއްބަސްވުމުގެ ދަށުން ކޮށްފައިވާ މަސައްކަތްތައް ސިޓީ ކައުންސިލްގައި ރައްކާކޮށް ބަލަހައްޓާފައި ނުވާކަމަށާއި، އެ ކުންފުނިން ލިޔެދީފައިވަނީ ކިތައް ލިޔުންކަން އެނގޭނެ އެއްވެސް މީހަކު އޭރުވެސް އަދި މިހާރުވެސް ކައުންސިލްގައި ނެތްކަން ޒަހިއްޔާ ވަނީ ފާހަގަކުރައްވާފައެވެ.
"ތަރައްގީވެފައިވާ މި ޒަމާނުގައި އިނގިރޭސި ބަހުން ލިޔުމެއް ލިޔަން ކުންފުންޏަކާ ހަވާލުކުރުމަކީ ކުރާނެ ކަމެއްތޯ ތިޔަ ކައުންސިލަރުން ނިކަން ވިސްނާލައްވާ. އަޅުގަނޑުމެން މި ދައްކަނީ މަދު ފައިސާއެއްގެ ވާހަކައެއް ނޫން. ފަސް ލައްކައަށްވުރެ ގިނަ ފައިސާގެ ވާހަކަ،" ޒަހިއްޔާ ވިދާޅުވިއެވެ. އަދި މިއީ ކޮރަޕްޝަނަށް ތުހުމަތުކުރެވޭ ކަމަކަށްވާތީ މި މައްސަލަ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް ހުށަހެޅުމަށްވެސް އޭނާ އެދިވަޑައިގެންނެވިއެވެ.
އެމައްސަލައަކީ، މިހާރުވެސް މާލޭ ސިޓީ ކައުންސިލްގެ ފަރާތުން އޭސީސީއަށް ހުށައަޅާފައިވާ މައްސަލައެކެވެ. އެހެން ނަމަވެސް ކައުންސިލްގެ އޮޑިޓް ކޮމިޓީއަށް އެ މައްސަލަ ފޮނުވައިގެން، ކަމާ ގުޅޭ ލިޔެކިޔުންތައް ހުރިތޯ ބަލައި، ކަންކަން ސާފުކުރުމަކީ މުހިންމު ކަމެއް ކަމަށް ދެކެވަޑައިގަންނަވާ ކަމަށް މި ބައްދަލުވުމުގައި މާލޭ ސިޓީގެ މޭޔަރު އާދަމް އާޒިމްވެސް ވަނީ ވިދާޅުވެފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް