classified
ރާއްޖެ

ފުލުހުންގެ ބެލުމުގެ ދަށުގައި ހުއްޓައި 30000 ޑޮލަރު ހަލާކުވީ ކަމަށް ބުނެ ފުލުހަކު ވަޒީފާއިން ވަކިކުރަން ނިންމައިފި

ރައްޔިތުންގެ ނޫސް

ލިޔުންތެރިޔާ

ފުލުހުންގެ ބެލުމުގެ ދަށުގައި ހުއްޓައި 30000 ޑޮލަރު ހަލާކުވީ ކަމަށް ބުނެ ފުލުހަކު ވަޒީފާއިން ވަކިކުރަން ނިންމައިފި

ފުލުހުންގެ އިދާރާ --- ފޮޓޯ: ރައްޔިތުންގެ ނޫސް.

ފުލުހުން ބަލަމުން ދިޔަ މައްސަލައަކާއި ގުޅިގެން، ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ 30،000 ޑޮލަރު ގެއްލިފައިވާ މައްސަލައެއް ތަޙްޤީޤު ކުރަމުންދާކަމަށް ބުނިތާ އަހަރެއްހައި ދުވަސްފަހުން، ފައިސާތައް ހަލާކުވީ ކަމަށް ނިންމައި، އެ މައްސަލައިގައި ޒިންމާ އުފުލަންޖެހޭ ފުލުސް އޮފިސަރު ވަޒީފާއިން ވަކިކުރަން ނިންމާފައިވާކަން ފުލުހުންގެ އިދާރާއިން ހާމަކޮށްފިއެވެ.

ފުލުހުންގެ އިދާރާައިން ބައެއް މީޑިއާތަކަށް މައުލޫމާތު ދީފައިވާ ގޮތުގައި، ގެއްލުނު ނުވަތަ ހަލާކުވި ކަމަަށް ބުނާ 30،000 ޑޮލަރުގެ ނޫޓުތައް ހުރީ، ފުލުހުންގެ ފައިނޭންސް ޑިޕާޓްމަންޓްގެ ބެލުމުގެ ދަށުގައެވެ. އެފައިސާތައް ހަލާކުވީ ކަމަށް ނިންމައި، އެމައްސަލައިގައި އިހްމާލުވިކަމަށް ކަނޑައެޅި ފުލުސް އޮފިސަރު ވަޒީފާއިން ވަކިކުރުމަށް ނިންމާފައި ވަނީ، ފުލުހުންގެ ޕްރޮފެޝަނަލް ސްޓޭންޑާޑްސް ކޮމާންޑުން މައްސަލަ ތަޙްޤީޤު ކުރުމަށްފަހު، އެމައްސަލައިގައި ގޮތެއް ނިންމުމަށް ޑިޕްސިލިނަރީ ބޯޑަށް ހުށައެޅުމުން އެބޯޑުން ކަމުގައިވެސް ފުލުހުންގެ އިދާރާއިން ވަނީ ވިދާޅުވެފައެވެ.

ގެއްލުނު ނުވަތަ ހަލާކުވިކަމަށް ބުނާ 30،000 ޑޮލަރުގެ މައްސަލަ ފެންމަތިވީ، މިދިޔަ އަހަރުގެ އޮގަސްޓް މަހުގައެވެ. އެ ޑޮލަރުތަކަކީ، 15 ސެޕްޓެމްބަރު 2019ގައި އެ އިދާރަށް ހުށަހެޅި މައްސަލައެއްގައި ހިފެހެއްޓި ފައިސާތަކެއް ކަމުގައިވެސް ފުލުހުންގެ އިދާރާއިން އޭރު ބުނެފައި ވެއެވެ. ފައިސާ މަދުކަން ނުވަތަ ނެތްކަން އެނގިގެން އެލަން ތަޙްޤީޤުކުރަން ފެށީ، 13 އޮގަސްޓު 2025ގައި ކަމަށް ފުލުހުން އޭރު މީޑިއާތަކަށް ފޮނުވި މެސެޖުގައި ބުނެފައި ވެއެވެ.

ފުލުހުން އެދުވަހު ބުނެފައި ވަނީ، އެ ފައިސާ އެ ބަހައްޓާފައިވާ ތަނުގެ ކޮތަޅެއްގެ ތެރެއިން ހަލާކުވެފައިވާ ފައިސާތަކެއްވެސް ފެނިފައި ވާކަމަށެވެ.

ކުރިން ގެއްލުނު ކަމަށް ބުނި 30،000 ޑޮލަރު ހަލާކުވީކަމަށް ފުލުހުންގެ އިދާރާއިން މިހާރު ބުނާއިރު، އެފައިސާ ހަލާކުވީ، ކީއްވެ ކޮން ގޮތަކަށް ކަމެއް ފުލުހުންގެ އިދާރާއިން ހާމަކޮށްފައެއް ނުވެއެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް