ވިއްސާރައިގައި އަތޮޅުތަކުގެ ރަށްތަކަށް ބޮޑެތި ގެއްލުންތަކެއް ލިބިއްޖެ
ލިޔުންތެރިޔާ
ބޯކޮށް ވާޜޭވެހި ހއ. ތަކަންދޫގައި ފެންބޮޑުވެފައި -- ފޮޓޯ: އާސިމާ ޔޫނުސް
މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި، ބޯކޮށް ވާރޭވެހި ފެންބޮޑުވުމުގެ ސަބަބުން އަތޮޅުތަކުގެ ރަށްރަށަށް ބޮޑެތި ގެއްލުންތަކެއް ލިބިއްޖެއެވެ.
ރެ އާއި މިއަދު ބޯކޮށް ވާރޭ ވެހުމުގެ ސަބަބުން އެންމެ ބޮޑަށް ފެންބޮޑުވެ ގެއްލުންތައް ލިބިފައި ވަނީ އުތުރުގެ އަތޮޅުތަކުގެ ރަށްތަކަށެވެ. ނޭޝަނަލް ޑިޒާސްޓަރ މެނޭންޖެމެންޓް އޮތޯރިޓީން ހާމަކުރައްވާފައިވާ ގޮތުގައި، މިވިއްސާރައިގައި، ހއ. އަތޮޅާއި ހދ. އަތޮޅުގެ ގިނަ ރަށްރަށުގައި ފެންބޮޑުވެ ގެއްލުންތައް ލިބިފައިވެއެވެ.
މިގޮތުން، ފެންބޮޑުވުމުގައި އެންމެ ބޮޑެތި ގެއްލުންތަކެއް ލިބިފައި ވަނީ، ކުޅުދުއްފުށި ސިޓީއަށެވެ. ކުޅުދުއްފުށި ސިޓީގައި ފެންބޮޑުވެ ލިބުނު ގެއްލުންތަކުގެ ސަބަބުން، ޖުމުލަ 140އަށް ވުރެ ގިނަ މީހުން ވަނީ ވަގުތީ ހިޔާތަކަށް ބަދަލުކޮށްފައެވެ. މިގޮތުން އެމީހުންނަށް ވަގުތީ ބޯހިޔާވަހިކަން ހަމަޖައްސާފައި ވަނީ ކުޅުދުއްފުށީގެ ދެ ސްކޫލެއް ގައެވެ. މީގެ އިތުރުން ހދ. ނޮޅިވަރަންފަރުގެ %95 ގޭގެއަށް ފެނުގެ އަސަރުކޮށްފައިވާއިރު، އެގެތަކުގެ މީހުން ވަނީ އަމިއްލައަށް އާއިލާ އާއި ރައްޓެހިންގެ ގޭގެއަށް ވަގުތީ ގޮތުން ބަދަލުވެފައި ކަމުގައިވެސް އެންޑީއެމްއޭއިން ވިދާޅުވެފައި ވެއެވެ.
މީގެ އިތުރުން، ހދ. ނެއްލައިދޫގެ 10 ގެއަކަށް ފެންވަދެފައި ވާއިރު، ކުމުންދޫގައިވެސް 3 ގެއަކަށް ވަނީ ފެންވަދެ ގެއްލުންތައް ލިބިފައެވެ. އަދި ހދ. ނައިވާދޫ އާއި ކުރިނބީ އާއި ފިނޭގައިވެސް ވަނީ ފެންބޮޑުވެފައެވެ. މީގެ އިތުރުން އެއަތޮޅު ވައިކަރަދޫގައިވެސް ފެންބޮޑުވެ ދަނޑުބިންތަކަށް ގެއްލުން ލިބިފައިވާ ކަމުގައި އެންޑީއެމްއޭއިން ވިދާޅުވެފައިވެއެވެ.
ހއ. އަތޮޅުގެ ރަށްރަށުގެ ތެރެއިން، ފިއްލަދޫ، ކެލާ އަދި މާރަންދޫ އާއި ތަކަންދޫގައިވެސް ވަނީ ފެންބޮޑުވެފައެވެ.
މީގެ އިތުރުން، ފާދިއްޕޮޅު ނައިފަރުގައި ފެންބޮޑުވުމުގެ ސަބަބުން ދެ ގެއަކުން މީހުން ވަގުތީ ހިޔާތަކަށް ބަދަލު ކުރަން ޖެހިފައިވާ ކަމުގައިވެސް ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމެންޓް އޮތޯރިޓީން ވަނީ ހާމަކުރައްވާފައެވެ. ރާއްޖެއަށް މިހާރު ކުރަމުން އަންނަ ވިއްސާރައިގައި، ބޯކޮށް ވާރޭވެހި ފެންބޮޑުވުމުގެ ހާދިސާތައް ހިނގައިފާނެކަމަށް ލަފާކޮށް މޫސުމާއި ބެހޭ ޤައުމީ އިދާރާއިންނާއި، އެންޑީއެންއޭއިންވެސް އެކަންކަމަަށް ތައްޔާރުވުމަށް އިލްތިމާސްކޮށްފައި ވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް