Post banner
ރާއްޖެ •

ޕާކިސްތާނު ދަތުރުފުޅު ނިންމަވާލައްވައި ރައީސްގެ ދެކަނބަލުން މާލެވަޑައިގެންފި

ރައްޔިތުންގެ ނޫސް

ލިޔުންތެރިޔާ

ޕާކިސްތާނު ދަތުރުފުޅު ނިންމަވާލައްވައި ރައީސްގެ ދެކަނބަލުން މާލެވަޑައިގެންފި

ޕާކިސްތާނަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު މާލެވަޑައިގެންފިއެވެ.

މި އޮކްޓޫބަރު މަހުގެ 20 އިން 22 ގެ ނިޔަލަށް ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ޕާކިސްތާނަށް ކުރެއްވި މި ދަތުރުފުޅަކީ، ޕާކިސްތާނުގެ ބޮޑުވަޒީރު މުޙައްމަދު ޝެހްބާޒް ޝަރީފްގެ ދަޢުވަތަކަށް ކުރެއްވި ދަތުރުފުޅެކެވެ.

މި ދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވަނީ ޕާކިސްތާނުގެ ބޮޑުވަޒީރު މުޙައްމަދު ޝެހްބާޒް ޝަރީފާއެކު ރަސްމީ މަޝްވަރާތައް ބާއްވަވައި، ޕާކިސްތާނުގެ ރައީސް އާސިފް ޢަލީ ޒަރްދާރީއާ ބައްދަލުކުރައްވާފައެވެ.

މިދަތުރުފުޅުގެ ތެރެއިން، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި ބޮޑުވަޒީރު ޝެހްބާޒް ޝަރީފްގެ ހާޒިރުގައި، އެކި ދާއިރާތަކުން ގުޅުން ބަދަހިކުރުމާގުޅޭ 20 ފަހުމުނާމާއަކާއި އެއްބަސްވުންތައް ވަނީ ބަދަލުކޮށްފައެވެ. އަދި ކުރިއަށް އޮތް ދެ އަހަރުގެ ތެރޭގައި ދެ ޤައުމުގެ މެދުގައި ކުރެވޭ ވިޔަފާރީގެ މިންވަރު 200 މިލިއަން އެމެރިކާ ޑޮލަރަށް އިތުރުކުރުމަށްވެސް ދެ ޤައުމުން ވަނީ ޢަޒުމް ކަނޑައަޅާފައި ކަމުގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ހާމަކުރައްވާފައި ވެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ މި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވީ، ފާއިތުވި 60 އަހަރުގެ ރަޙުމަތްތެރިކަމާއި އެއްބާރުލުމުގެ މައްޗަށް ބިނާކޮށް، ދެ ޤައުމުން ވެފައިވާ އެއްބަސްވުންތަކާއި ފަހުމުނާމާތަކުގެ ސަބަބުން ރައްޔިތުންނަށް އޭގެ ހެޔޮ މަންފާ ޢަމަލީގޮތުން ހޯދައިދިނުމަށް ދެ ޤައުމުންވެސް ސާބިތުކަމާއެކު ތިބިކަން ކަށަވަރުކޮށްދެމުން ކަމުގައި ސަރުކާރުން ވަނި ހާމަކުރައްވާފައެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް