ޕެންޝަން އޮފީހުގެ ޗެއަރ ޕަރސަން އިނާޒު އިސްތިއުފާ ދެއްވައިފި
ރައްޔިތުންގެ ނޫސް
ލިޔުންތެރިޔާ
ޕެންޝަން އޮފީހުގެ ޗެއާޕަރސަން އަޙްމަދު އިނާޒް --- ފޮޓޯ: ޕެންޝަން އޮފީސް
ޕެންޝަން އޮފީހުގެ ޗެއަރ ޕަރސަންގެ މަޤާމުން އަޙްމަދު އިނާޒު އިސްތިއުފާ ދެއްވައިފިއެވެ.
އިސްތިއުފާ ދެއްވާފައިވާކަން ހާމަކުރައްވައި، އިނާޒް އެކްސްގައި ކުރެއްވި ޕޯސްޓުގައި ވިދާޅުވީ، އޭނާ މަޤާމުން އިސްތިއުފާ ދެއްވާފައި ވަނީ ސަރުކާރުން 2.4 ބިލިއަން ރުފިޔާ ޗާޕުކުރަން އުޅޭ މައްސަލައިގައި ކަމަށެވެ.
އިނާޒު ވިދާޅުވީ، ދިވެހި ދައުލަތުގެ މާލީ ހާލަތު ކަންބޮޑުވާ މިންވަރަކަށް ދަށަށް ދާ ދަނޑިވަޅެއްގައި ސަރުކާރުން ހުށަހަޅާފައިވާ 2.4 ބިލިއަން ބޮންޑުގެ މައްސަލައިގައި ގިނަގުނަ މަޝްވަރާތަކުން ވެސް ދެމެހެއްޓެނިވި ހައްލެއް ހޯދުނުކަމަށް އޭނާއަށް ގަބޫލް ނުކުރެވޭ ކަމަށެވެ.
"އެމްއެމްއޭ މެދުވެރިކޮށް މި މުއާމަލާތަށް ފައިސާ ހޯދުމަކީ އިގްތިސާދަށް މިހާލަތުގައި ގެއްލުން ބޮޑު ނިންމުމެއްކަމަށް ޓެކްނިކަލީ ގަބޫލްކުރެވޭތީ ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީހުގެ ބޯޑު ގެ ޗެއާރޕާސަން ކަމުން މިއަދުން ފެށިގެން އަޅުގަނޑު އިސްތިއުފާ ދީފީމެވެ." އިނާޒް އެކްސްގައި ކުރައްވާފައިވާ ޕޯސްޓުގައި ވިދާޅުވިއެވެ.
އިނާޒް އިތުރަށް ވިދާޅުވީ، ދައުލަތުގެ މާލީކަންކަން މިއަދަށްވުރެ ހަރުދަނާވެ ދުރު ވިސްނުމުގެ ސިޔާސަތުތަކަކުން އިސްލާހުވެގެން ދިއުމަށާއި، ދަރަނީގެ އަނދަވަޅުން ދިވެހިރާއްޖޭގެ އިގްތިސާދު އަރައިގަނެ، ރާއްޖެ ދެމެހެއްޓެނިވި އުފެއްދުންތެރި ތަރައްގީގެ މަގަކަށް ރުޖޫޢަވުމަށް އެދި ދުޢާކުރައްވާ ކަމަށެވެ.
ޕެންޝަން އޮފީހުގެ ބޯޑުގެ ޗެއާޕާސަން އަކަށް އަހުމަދު އިނާޒު ޢައްޔަނުކުރައްވާފައި ވަނީ، 2022 ވަނަ އަހަރުގެ ޖޫންމަހުގެ ތެރޭގައެވެ. އިނާޒަކީ، އެމްޑީޕީގެ ފުރަތަމަ ވެރިކަމުގައި ފިނޭންސް މިނިސްޓަރުކަމުގެ މަޤާުވެސް ފުރުއްވި ބޭފުޅެކެވެ.
ސަރުކާރުން ކުރަން އުޅޭ ކަމަކީ، ފައިސާ ޗާޕުކުރުން ކަމަށް ބުނެ ސިޔާސީ ފަރާތްތަކުންވެސް ފާޑު ކިޔާފައި ވާއިރު، ޕެންޝަން އޮފީހާއި، ފިނޭންސް މިނިސްޓްރީގައި މަސައްކަތް ކުރެއްވި އިސް ބައެއް ބޭފުޅުންވެސް ވަނީ އެކަމާއި ދެކޮޅު ހައްދަވައި މަޤާމުން އިސްތިއުފާ ދެއްވާފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް