މާލޭގެ މަގު ހެދުމުގެ މަޝްރޫޢު ފެށޭނީ އަންނަ އަހަރު - ރައީސް
ރައްޔިތުންގެ ނޫސް
ލިޔުންތެރިޔާ
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު -- ފޮޓޯ: ރައީސް އޮފީސް
މާލޭ މަގުތައް ޒަމާނީކޮށް ތަރައްޤީކުރުމަށް ހިންގާ ފުރަތަމަ ބިޔަ މަޝްރޫޢުގެ ޢަމަލީ މަސައްކަތް ފެށޭނީ އަންނަ އަހަރުގެ ކުރީކޮޅުގައި ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ، މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވެފައި ވަނީ، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ގެނެސްދޭ "ދަ ޕަލްސް" ޕޮޑްކާސްޓް ސިލްސިލާގެ 4 ވަނަ އެޕިސޯޑްގައި ވާހަކަފުޅުދައްކަވަމުންނެވެ.
ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ، މާލޭގެ މަގުތައް އެއްކޮށް ތަރައްޤީކުރުމުގެ މިފަދަ ބިޔަ މަޝްރޫޢެއް މީގެ ކުރިން ކުރިއަށްގެންގޮސްފައިވަނީ ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޛު މައުމޫން ޢަބްދުލް ޤައްޔޫމުގެ ދައުރުގައި ކަމަށެވެ. އެހެން ނަމަވެސް އޭގެ ފަހުން މާލޭގެ މަގުތައް ބެލެހެއްޓުމުގައި ވަރަށް ބޮޑަށް އިޙުމާލުވެފައިވާ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ވިދާޅުވެފައެވެ.
ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ޗައިނާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން ކުރިއަށްގެންދާ މާލޭ މަގުތައް ޒަމާނީކޮށް ތަރައްޤީކުރުމުގެ މަޝްރޫޢުގެ ދަށުން މަސައްކަތް ފުރިހަމަވެގެންދާއިރު، ފެން ހިންދުމުގެ މައްސަލަ ޙައްލުކުރުމަށް ސްޓޯމްވޯޓަރ ޑްރައިނޭޖް ނިޒާމާއި، ޢިމާރާތްކުރުމަށް ބޭނުންކުރާ ޑީވޯޓަރިންގ ނިޒާމާއި، އަލިފާން ނިއްވަން ބޭނުންކުރާ ފަޔަރ ހައިޑްރަންޓް ނިޒާމުވެސް ޤާއިމް ކުރެވިގެންދާނެ ކަމަށެވެ.
މާލޭގެ މަގުތައް ހަލާކުވުމާއި، އިންޖީނުލީ އެއްގަމުއުޅަނދު ފަހަރު ގިނަވުމުގެ ސަބަބުން، އާއްމު ދިރިއުޅުމާއި ވިޔަފާރިތަކަށްވެސް އަންނަނީ އެކަމުގެ ދަތިތަކާއި ގެއްލުންތައް ފޯރަމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް