Post banner
ވިކުރާ •

ޕާކިސްތާނުގެ ވިޔަފާރިވެރިން ރާއްޖޭގައި އިންވެސްޓް ކުރުމަށް ރައީސް ދައުވަތު ދެއްވައިފި

ރައްޔިތުންގެ ނޫސް

ލިޔުންތެރިޔާ

ޕާކިސްތާނުގެ ވިޔަފާރިވެރިން ރާއްޖޭގައި އިންވެސްޓް ކުރުމަށް ރައީސް ދައުވަތު ދެއްވައިފި

ބިޒްނަސް ފޯރަމްގައި ރައީސުލްޖުމްހޫރިއްޔާ ވާހަކަފުޅު ދެއްކެވުން -- ފޮޓޯ؛ ރައީސް އޮފީސް

ދިވެހިރާއްޖޭގައި ފަހިވަމުން އަންނަ ވިޔަފާރީގެ ފުރުޞަތުތަކުގެ ބޭނުންހިފައި ރާއްޖޭގައި އިންވެސްޓް ކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ރާއްޖޭގެ ވިޔަފާރިވެރިންނަށް ދަޢުވަތު ދެއްވައިފިއެވެ.

އެމަނިކުފާނު މިދައުވަތު ދެއްވީ، ޕާކިސްތާނަށް ކުރެއްވި ރަސްމީ ދަތުރުފުޅުގެ ތެރެއިން އިސްލާމް އާބާދުގައި މިއަދު ފެށި ބިޒްނަސް ފޯރަމް ހުޅުއްވަވައި ދެއްވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

މިގޮތުން ރައީސުލްޖުމްހޫރިއްޔާ ވަނީ، ޝަރީޢާއާ އެއްގޮތްވާ ގޮތުގެ މަތިން ކުރެވޭ ފައިނޭންސާއި، ޙަލާލް އުފެއްދުންތަކާއި، ޙަލާލް ފަތުރުވެރިކަމަށް އޮތް ޑިމާންޑާ ގުޅޭގޮތުން ވާހަކަފުޅުދައްކަވައި، ޝަރީޢާ ކޮމްޕްލަޔަންޓް ފައިނޭންސިންގ އާއި، ސުކޫކް ދޫކުރުމާއި، ޙަލާލް ވެލިއު ޗެއިންތަކުގެ ފުރުޞަތުތަކުގެ ބޭނުންހިފުމަށް، ޕާކިސްތާނުގެ މާލީ އިދާރާތަކަށާއި ވިޔަފާރިތަކަށް ދައުވަތު ދެއްވާފައި ކަމުގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ވިދާޅުވެފައި ވެއެވެ.

މީގެ އިތުރުން ރައީސުލްޖުމްހޫރިއްޔާ ވަނީ، ދިވެހިރާއްޖެއަކީ ހަމައެކަނި މުދާ އެކްސްޕޯޓްކުރާ މަންޒިލެއްގެ ގޮތުގައި ނުދެކި، ބައިނަލްއަޤްވާމީ ބޮޑެތި މާކެޓްތަކަށް އުފެއްދުންތަކާއި ޚިދުމަތްތައް ފުޅާކުރުމަށް ބޭނުންކުރެވޭނެ މުހިންމު މަންސައެއްގެ ގޮތުގައި ދެކުމަށް އިންވެސްޓަރުންނަށް އިލްތިމާސްކުރައްވާފައި ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ވަނީ ވިދާޅުވެފައެވެ.

މި ފޯރަމްގައި ދިވެހިރާއްޖެއާއި ޕާކިސްތާނުގެ ވިޔަފާރިވެރިންނާއެކު، ޕާކިސްތާނުގެ ބޮޑުވަޒީރު ޝަހްބާޒް ޝަރީފްވެސް ބައިވެރިވެވަޑައިގެންނެވި ކަމަށާއި، ފޯރަމްގައި ވާހަކަފުޅުދައްކަވަމުން ބޮޑުވަޒީރު ވަނީ، މި އިންވެސްޓްމަންޓް ފުރުޞަތުތަކުގެ ބޭނުން ހިފުމަށް ދެޤައުމުގެ ވިޔަފާރިވެރިންނަށް އިލްތިމާސްކުރައްވާފައި ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ހާމަކުރައްވާފައި ވެއެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް