ބޯކޮށްވާރޭވެހި އަތޮޅުތެރޭގެ ބައެއް ރަށްރަށުގައިވެސް ފެންބޮޑުވެއްޖެ
ލިޔުންތެރިޔާ
ފ. މަގޫދޫގައި ފެންބޮޑުވެފައި ---
މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި ބޯކޮށް ވާރޭވެހި އަތޮޅުތެރޭގެ ބައެއް ރަށްރަށުގައިވެސް ފެންބޮޑުވެއްޖެއެވެ.
މިގޮތުން ފ. މަގޫދޫގައިވެސް ފެންބޮޑުވެ ރަށުތެރެއިން ފެން ހިންދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމުގައި، މަގޫދޫގައި ހުންނަ، ރައްޔިތުންގެ ނޫހުގެ ރަށުރިޕޯޓަރު މައުލޫމާތު ދީފައިވެއެވެ. މިގޮތުން ރަށުތެރޭގައި ބޮޑުވެފައިވާ ފެންގަނޑު ހިންދުމަށް، ރަށުގެ ކައުންސިލާއި، ފުލުހުންނާއި، ސްޓެލްކޯ އާއި ސިއްޙީމަރުކަޒާއި އަދި ސްކޫލުގައި މަސައްކަތް ކުރާ މުވައްޒަފުންނާއި އާއްމު ރައްޔިތުން އަންނަނީ މަސައްކަތް ކުރަމުންނެވެ.
ރާއްޖެއަށް މިހާރު ކުރަމުން އަންނަ މި ވިއްސާރައިގައި، ހުވަދުއަތޮޅުގެ ބައެއް ރަށްރަށުގައިވެސް ވަނީ ފެންބޮޑުވެފައެވެ. އަދި ރެއާ މިއަދު މާލެއަށްވެސް ބޯކޮށް ވާރޭވެހި ފެން ބޮޑުވެފައި ވެއެވެ. ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމެންޓް އޮތޯރިޓީން ހާމަކުރައްވާފައިވާ ގޮތުގައި، މާލޭގައި ފެންބޮޑުވެ 21 ގެއަކަށާއި، 2 ރެސްޓޯރެންޓާއި 2 ކްލިނިކްގެ އިތުރުން ސަރުކާރުގެ 4 އިމާރާތަކަށް ފެންވަދެފައި ވެއެވެ. އަދި އެއް ގެއިން ނަޖިސް ލީކުވުމުގެ މައްސަލަ ރިޕޯޓްކޮށްފައިވާ ކަމަށްވެސް އެންޑީއެމްއޭއިން ވިދާޅުވެފައި ވެއެވެ.
މިހަފްތާ ބަންދުގައިވެސް މޫސުމް އިތުރަށް ގޯސްވާނެ ކަމުގައި މޫސުމާއި ބެހޭ އިދާރާއިންވަނީ ލަފާކުރައްވާފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް