Post banner
ރާއްޖެ •

ވެރިންނަށް އެލަވަންސްތައް އިތުރުކޮށް މުސާރަ ބޮޑުކުރަން ނިންމި ނިންމުން މަޖިލީހުން ފާސްނުކުރަން ފައިސަލް ގޮވާލައްވައިފި

ރައްޔިތުންގެ ނޫސް

ލިޔުންތެރިޔާ

ވެރިންނަށް އެލަވަންސްތައް އިތުރުކޮށް މުސާރަ ބޮޑުކުރަން ނިންމި ނިންމުން މަޖިލީހުން ފާސްނުކުރަން ފައިސަލް ގޮވާލައްވައިފި

ރައްޔިތުންގެ މަޖިލީހުގެ ރައީސާއި، ސަރުކާރުގެ މިނިސްޓަރުންނާއި، ކައުންސިލަރުންނަށް މުސާރަ ބޮޑުކުރުމަށް، ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީން އިއްޔެ ފާސްކުރި ނިންމުންތައް، ރައްޔިތުންގެ މަޖިލީހުގެ ތަޅުމުން ފާސްނުކުރުމަށް ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމް ގޮވާލައްވައިފިއެވެ.

ފައިސަލް ނަސީމް މިކަމަށް ގޮވާލެއްވީ، ރައްޔިތުންގެ މަޖިލީހުގެ ރައީސާއި، މިނިސްޓަރުންނާއި ކައުންސިލަރުންނަށް އިތުރު އެލަވަންސްތައް ދީގެން މުސާރަތައް ބޮޑުވެގެންދާ ގޮތަށް އިއްޔެ ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީން ފާސްކުރުމާއި ގުޅިގެންނެވެ. އެ ބަދަލާއި އެކު، މަޖިލީހުގެ ރައީސްގެ މުސާރަ މަހަކު 95000ރ އަށް ބޮޑުވެގެން ދާއިރު، މިނިސްޓަރުންގެ މުސާރަ 73500ރ އަށް ބޮޑުވެގެން ދެއެވެ.

ސޯޝަލް މީޑިއާގައި ފައިސަލް ކުރެއްވި ޕޯސްޓުގައި ވިދާޅުވީ، ދައުލަތުގެ ޚަރަދުތައް ކުޑަކުރަން ޖެހިފައިވާ ދަނޑިވަޅެއްގައި، ޤައުމުގެ އިޤްތިސާދީ ޙާލަތައް ބެލުމެއް ނެތި، އިތުރު ހޭދަތަކެއް ކުރުމަށް ނިންމައި، ރިކަރަންޓް ޚަރަދު އިތުރަށް ބޮޑުވާނެ ބަދަލުތައް ގެނައުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ.

"އިސްކަން ދޭންވީ ދަރަނިން އަރައިގަތުމަށާއި، ރައްޔިތުންގެ އަސާސީ ޙައްޤުތައް ކަށަވަރުކޮށްދިނުމަށް. ބޭރުގައި ކިޔަވަންތިބި ދިވެހި ދަރިވަރުންނަށް ދޭންޖެހޭ އެހީތެރިކަން މެދުކެނޑުމެއް ނެތި ފޯރުކޮށްދިނުމަށާއި، އާސަންދަ އާއި އެންސްޕާ މެދުވެރިކޮށް ފޯރުކޮށްދޭ އިޖުތިމާއީ ރައްކާތެރިކަން ހަމަހަމަކަމާއެކު ފޯރުކޮށްދިނުމަށް. އަދި މުދާ ގަތުމުގައި ވިޔަފާރިވެރިންނަށް ކުރިމަތިވާ މައްސަލައަށް ހައްލެއް ހޯދައިދިނުމަށް." ފައިސަލް ސޯޝަލް މީޑިއާގައި ކުރައްވާފައިވާ ޕޯސްޓުގައި ވިދާޅުވެފައި ވެއެވެ.

ފައިސަލް އިތުރަށް ވިދާޅުވީ، ޚަރަދު ކުޑަކުރުމުގެ ނަމުގައި ކުންފުނިތަކުގައި ވަޒީފާ އަދާ ކުރަމުން އަންނަ އާދައިގެ މުވައްޒަފުން ވަޒީފާ އިން ވަކި ކުރުމަށް ފަހު، ސިޔާސީ އިސްވެރިންނަށް ލިބޭ ފައިސާ ގިނަކޮށް ސިޔާސީ މަޤާމުތައް އިތުރު ކުރުމަކީ މިވަގުތު އިސްކަންދޭންޖެހޭ ކަމެއް ނޫން ކަމަށެވެ. އަދި މާލިއްޔަތު ކޮމެޓީގެ ނިންމުން މަޖިލީހުގެ ތަޅުމަށް އައި ނަމަވެސް، އިސްވެ ދެންނެވި ޙައްސާސް މައްސަލަތަކަށް އެދެވޭ ޙައްލެއް ނުލިބި އޮތުމާއި އެކު ރައްޔިތުންގެ އިޙްސާސްތަކަށް އިޙްތިރާމްކޮށް، މާލިއްޔަތު ކޮމިޓީގެ ނިންމުން މަޖިލީހުގެ ތަޅުމުން ފާސްނުކުރުމަށް ގޮވާލައްވާ ކަމުގައިވެސް ފައިސަލް ވަނީ ވިދާޅުވެފައެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް