Post banner
ވިކުރާ

ސަފާރީ އުޅަނދަށް ހާއްސަ ފައިނޭންސިންގ ފެސިލިޓީއެއް ތަޢާރަފްކޮށްފި

ރައްޔިތުންގެ ނޫސް

ލިޔުންތެރިޔާ

ސަފާރީ އުޅަނދަށް ހާއްސަ ފައިނޭންސިންގ ފެސިލިޓީއެއް ތަޢާރަފްކޮށްފި

ހުޅުމާލެ ބަނދަރުގައި ސަފާރީތައް އަޅާފައި --- ފޮޓޯ: ރައްޔިތުންގެ ނޫސް

ސަފާރީ އުޅަނދަށް ހާއްސަ ފައިނޭންސިންގ ފެސިލިޓީއެއް ބޭންކް އޮފް މޯލްޑިވްސް އިން ތައާރަފުކޮށްފިއެވެ.

ބޭންކް އޮފް މޯލްޑިވްސްއިން ވިދާޅުވީ، މި ފައިނޭންސިންގ ފެސިލިޓީއަކީ، ރާއްޖޭގައި މިހާތަނަށް ދޫކުރާ އެންމެ އިންޓަރެސްޓް ރޭޓް ކުޑަ މިބާވަތުގެ ފައިނޭސިންގ ފެސިލިޓީ ކަމަށެވެ.

ބީއެމްއެލްއިން ވިދާޅުވީ،މި ފެސިލިޓީ ފަރުމާކޮށްފައިވަނީ ސަފާރީ އުޅަނދުފަހަރު ގަތުމަށާއި، ބަނުމަށާއި، އިންޖީނު އެޅުމުގެ އިތުރުން މަރާމާތުކުރުމަށް ކަމަށެވެ. އަދި އުޅަނދަށް ބޭނުންވާ އެކި ސާމާނާއި ވަސީލަތްތައް ހޯދުމަށްވެސް މި ލޯނު ބޭނުންކުރެވޭނެ ކަމުގައި ބީއެމްއެލްއިން ވިދާޅުވިއެވެ.

މީގެ ސަބަބުން މި ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކަށް ފްލީޓް ފުޅާކުރުމަށާއި، ބޭނުންކުރަމުންދާ ބައު އުޅަނދުފަހަރު އާބާތުރަ ފިލުވައި ޒަމާނީ ކުރުމަށް ނުވަތަ އައު އުޅަނދުފަހަރު އޮޕަރޭޝަނަށް ނެރުމަށް ބޮޑު ލުއިފަސޭހަކަމެއް ލިބިގެންދާނެ ކަމުގައިވެސް ބީއެމްއެލްއިން ވަނީ ވިދާޅުވެފައެވެ.

މި ފެސިލިޓީއަކީ ރާއްޖޭގައި މިވަގުތު އުޅަނދުފަހަރަށް ދޫކުރާ އެންމެ ކުޑަ ރޭޓް ކަމަށްވާ އަހަރަކު 9.5 އިންސައްތައިގައި ރޭޓުގައި ދޫކުރާ ފެސިލިޓީއެއް ކަމަށާއި، މީގެ އިތުރުން، މި ފެސިލިޓީގެ ދަށުން ރަހުނުގެ ގޮތުގައި ބޭނުންވާނީ ހަމައެކަނި ފައިނޭންސްކުރާ އުޅަނދު ކަމުގައިވެސް ބީއެމްއެލްއިން ވަނީ ވިދާޅުވެފައެވެ.

މި ފައިނޭންސް އަނބުރާ ދެއްކުމަށް ހަތް އަހަރާ ހަމައަށް މުއްދަތު ލިބޭއިރު، އަނބުރާ ފައިސާ ދެއްކުން ހަމަޖައްސާފައިވަނީ މި ދާއިރާގެ ޕީކް ސީޒަނާއި އޮފް-ޕީކް ސީޒަނަށް ބަލައިގެން ކަމުގައިވެސް ބީއެމްއެލްއިން ވިދާޅުވިއެވެ.

މީގެ ސަބަބުން ކަނޑައެޅިފައިވާ ވަކި ތާވަލެއްގެ ބަދަލުގައި، އުޅަނދު ދުއްވައިގެން ލިބޭ އާމްދަނީއާ އެއްގޮތަށް ފައިސާ ދެއްކުމުގެ ލުއިފަސޭހަކަން އޮޕަރޭޓަރުންނަށް ލިބޭނެ ކަމަށާއި، މި ފައިނޭންސަށް ފައިސާ އަނބުރާ ދައްކަން ޖެހޭނީ ޑޮލަރުން ކަމުގައިވެސް ބީއެމްއެލްއިން ވަނީ ވިދާޅުވެފައެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް