Post banner
ރާއްޖެ

އައްޑުއަށް ބޯކޮށް ވާރޭވެހި ގޭގެއަށް ފެންވަދެ ގެއްލުންތައް ލިބިއްޖެ

ރައްޔިތުންގެ ނޫސް

ލިޔުންތެރިޔާ

އައްޑުއަށް ބޯކޮށް ވާރޭވެހި ގޭގެއަށް ފެންވަދެ ގެއްލުންތައް ލިބިއްޖެ

އައްޑޫސިޓީއަށް ބޯކޮށްވާރޭ ވެހުމުގެ ސަބަބުން ފެންބޮޑުވެފައި -- ފޮޓޯ: އެންޑީއެމްއޭ

މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި އައްޑުއަތޮޅުގެ ބަައެއް ރަށްރަށުގައި ފެންބޮޑުވެ ގޯތިގެދޮރާއި މުދަލަަށް ގެއްލުންތައް ލިބިއްޖެއެވެ.

ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމެންޓް އޮތޯރިޓީން ވިދާޅުވީ، އިއްޔެއިން ފެށިގެން ރާއްޖޭގެ އެކި ސަރަޙައްދުތަކަށް ކުރަމުންދާ ވިއްސާރައިގައި، މިއަދުގެ ހެނދުނާ ހަމައަށް އައްޑޫ ސިޓީ ފޭދޫގެ 70 އަށް ވުރެ ގިނަ ގެއަކަށް ފެންވަދެ، އެކިވަރުގެ ގެއްލުންތައް ލިބިގެން ރިޕޯޓްކޮށްފައިވާ ކަމަށެވެ. އޭގެ ތެރެއިން 01 ގެއެއްގައި ފެންބޮޑުވެ ޒަރޫރީ ބޭނުންތަކަށް ހުރަސް އެޅި ދިރިނޫޅެވޭވަރަށް ހާލަތު ގޯސްވެގެން، އެ ގޭގައި ދިރިއުޅޭ 8 މީހަކު މިހާރު ވަނީ ވަގުތީ ބޯހިޔާވަހިކަމަށް ބަދަލުކޮށްފައި ކަމުގައިވެސް އެންޑީއެމްއޭއިން ވިދާޅުވިއެވެ.

އެންޑީއެމްއޭއިން ވިދާޅުވީ، މިވިއްސާރައިގައި ސ. މަރަދޫގެ 2 ގެއަކަށް ފެންވަދެގެން ވެސް ވަނީ ރިޕޯޓުކޮށްފައިވާ ކަމަށާއި، އައްޑޫ ސިޓީގެ ރަށްތަކުގެ އިތުރުން ފުވައްމުލައް ސިޓީ، ގއ. އަތޮޅު، ގދ. އަތޮޅު އަދި މެދުރާއްޖެތެރޭގެ ބައެއް އަތޮޅުތަކުގެ ރަށްތަކަށްވެސް މެދުނުކެނޑި ބޯކޮށް ވާރޭވެހެމުންދާ ކަމަށެވެ، އަދި ފުވައްމުލަކަށް ބޯކޮށް ވާރޭވެހި ރަށުގެ ބޮޑު ސަރަޙައްދެއްގައި ވަނީ ފެންބޮޑުވެފައި ކަމުގައިވެސް އެންޑީއެމްއޭއިން ވިދާޅުވިއެވެ.

އެންޑީއެމްއޭއިން ވިދާޅުވީ، އެ ރަށްރަށުގައި ފެންހިންދުމުގެ މަސައްކަތް ސިފައިންނާއި، ފުލުހުން އަދި ކައުންސިލްތައް ގުޅިގެން ހުއްޓުމެއްނެތި ދަނީ ކުރަމުން ކަމަށެވެ. އަދި ގޯތިގެދޮރާއި، ފިހާރަތަކާއި، އޮފީސްތަކަށް ފެންވަނުން ހުއްޓުވުމަށްޓަކައި ވެލިބަސްތާ ޖެހުމާއި، ރައްކާތެރިކަމުގެ އިތުރު ފިޔަވަޅުތައް އެޅުމުގެ މަސައްކަތްވެސް ދަނީ ކުރަމުން ކަމުގައި އެންޑީއެމްއޭއިން ވިދާޅުވިއެވެ.

ކުރިއަށް އޮތް 24 ގަޑިއިރުވެސް މޫސުން ގޯސްވާނެކަމަށް މޫސުމާ ބެހޭ ޤައުމީ އިދާރާއިން ލަފާކޮށްފައިވާތީ، ދަތުރުފަތުރު ކުރުމުގަޔާއި ފެންބޮޑުވުމުގެ ސަބަބުން ލިބިދާނެ ގެއްލުންތަކުން ރައްކާތެރިވުމަށް ހުރިހާ ފަރާތްތަކުންވެސް މޫސުމަށް ޚާއްޞަ ސަމާލުކަމެއް ދެއްވުމަށް އިލްތިމާސްކުރާކަމުގައިވެސް އެންޑީއެމްއޭއިން ވަނީ ވިދާޅުވެފައެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް