އާޒިމަށް ދިން ހަމަލާ، ސަރުކާރުން ކުއްވެރިކޮށްފި
ރައްޔިތުންގެ ނޫސް
ލިޔުންތެރިޔާ
ރޭ އެމްޑީޕީން މާލޭގައި ކުރިޔަށް ގެންދިޔަ މުޒާހަރާގެ ތެރެއިން --- ފޮޓޯ: ރައްޔިތުންގެ ނޫސް
ރޭގެ މުޒާހަރާގެ ތެރެއިން މާލޭ ސިޓީގެ މޭޔަރު އާދަމް އާޒިމަށް މީހަކު ދިން ހަމަލާ، ސަރުކާރުން ކުއްވެރިކޮށްފިއެވެ.
މި ހާދިސާއާ ގުޅޭގޮތުން ޗީފް ގަވަރންމަންޓް ސްޕޯކްސްޕަރސަން މުޙައްމަދު ޙުސައިން ޝަރީފް ނެރުއްވި ބަޔާނުގައި ވިދާޅުވީ، މި ހަމަލާއަކީ ސަރުކާރުން ކޮށްފައިވާ ކަމެއްކަމަށް މޭޔަރު އާދަމް އާޒިމް ވިދާޅުވެފައިވާކަމީ ހައިރާންވާކަމެއްކަމަށާއި އެއީ ކޮން ކަމެއްގެ މައްޗަށް ނުވަތަ، ކޮން ހެއްކަކާ ޤަރީނާއެއްގެ މައްޗަށް ބިނާކޮށް ވިދާޅުވި ވާހަކަފުޅެއްކަމެއް ހަމަ އެއްގޮތަކަށްވެސް އެނގިވަޑައިނުގަންނަވާކަމަށެވެ. އަދި މިއީ ސަރުކާރާ އެއްވެސް ގުޅުމެއް އޮތްކަމެއް ނޫންކަމަށާއި، ސަރުކާރުގެ ފަރާތުން މިފަދަ ކަމެއް ނުކުރާނެ ކަމުގެ ޔަޤީންކަން އަރުވާކަމުގައިވެސް މުންދު ވިދާޅުވިއެވެ.
މި ހާދިސާ ހިނގާދިޔަފަހުން މިހާތަނާޖެހެންދެންވެސް އެއްވެސް ރަސްމީ ފަރާތަކުން، އެހެނީ އެމް.ޑީ.ޕީ.ގެ ފަރާތުންވެސް ނުވަތަ މާލެ ސިޓީ ކައުންސިލުންވެސް މިކަމުގެ މަޢުލޫމާތު ފުލުހުންނަށް ރިޕޯޓުކޮށްފައި ނުވާކަމާމެދު ހިތާމަކުރައްވާކަމަށާއި މުޖުތަމަޢުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމުގެ ޤާނޫނީ މަސްއޫލިއްޔަތު މަތިކޮށްފައިވާ މުއައްސަސާއަކީ ފުލުހުން ކަމަށްވާއިރު، މިފަދަ ހާދިސާތައް އެ ފަރާތަށް ރިޕޯޓުނުކުރުމަކީ ފުލުހުންގެ ޒިންމާ އަދާކުރުމަށް އެޅޭ ހުރަހަކަށް ވުމުގެ އިތުރުން، އެއީ ނުހަނު ކަންބޮޑުވާންޖެހޭ ކަމެއްކަމުގައި މުންދު ވަނީ ވިދާޅުވެފައެވެ.
ރޭ މާލޭގައި ބޭއްވި މުޒާހަރާގެ ތެރެއިން، މާލެ ސިޓީގެ މޭޔަރު އާދަމް އާޒިމަށް ހަމަލާދޭން ޒުވާނަކު ވަނީ މަސައްކަތްކޮށްފައެވެ. އޭނާ އާޒިމްގެ މޭގައި އަތްއަޅައި ކޮއްޕާލުމުން އާޒިމްގެ ކައިރީގައި ތިބި އެހެން މީހުން ވަނީ އެމީހާ ދުރުކޮށް އެމީހާއަށް އަނިޔާވެސްކޮށްފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް