ރަސްމާލެ އެއްބަސްވުމުގެ ކުރިން ޚިޔާލު ހޯދުމުގެ ވޯޓެއް ނަގަން ގޮވާލައި އެމްޑީޕީން މުޒާހަރާއަށް ނުކުންނަނީ
ލިޔުންތެރިޔާ
ރައީސް ނަޝީދު ވިދާޅުވީ، ސަރުކާރުން ފުށި ދިއްގަރު ފަޅުގައި ހިންގަން މިއުޅޭ ޕްރޮޖެކްޓާއި ގުޅޭ ސާފު މައުލޫމާތެއް ގިނަ ބަޔަކަށް ލިބިފައި ނެތް ކަމަށެވެ.
ޔަހޫދީންނާއި ގާަތްގުޅުމެއް އޮންނަ، ޔޫއޭއީގެ ވިޔަފާރިވެރިޔާ އަލް އައްބާރަށް، ރަސްމާލޭގެ 500 ހެކްޓަރުގެ ބިން ދިނުމުގެ އެއްބަސްވުމުގައި ސޮއިކުރުމުގެ ކުރިން އާއްމު ޚިޔާލު ހޯދުމުގެ ވޯޓަކަށް ދިޔުމަށް ގޮވާލައި އެމްޑީޕީން މުޒާހަރާއަށް ނުކުންނަށް ނިންމައިފިއެވެ.
އެމްޑީޕީން މި މުޒާހަރާ ކުރިޔަށް ގެންދަށް ނިންމާފައި ވަނީ، މި ނޮވެމްބަރު މަހުގެ 26 ވަނަ ދުވަހުގެ ރޭގައެވެ.
މިކަން އިޢުލާނު ކުރެއްވީ، އެމްޑީޕީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެމްޑީޕީގެ ޗެއާޕާސަން، ކުރީގެ ރައީސް މުހައްމަދު ނަޝީދެވެ.
ރައީސް ނަޝީދު ވިދާޅުވީ، ރަސްމާލެ އެއްބަސްވުމުގައި ސަރުކާރުން ސޮއިކުރުމުގެ ކުރިން އާއްމުންގެ ޚިޔާލު އެކަމުގައި އޮތް ގޮތެއް ބަލަން ޖެހޭނެ ކަމަށެވެ.
"އެމްޑީޕީއިން ދެކޭގޮތުގައި ކަމެއް ރަނގަޅަށް ކުރަންވެއްޖެނަމަ އެކަމެއް އަޅުގަނޑުމެން ކުރަންޖެހޭނީ މީހާވެސް ގިނަ ބަޔަކާއި މަޝްވަރާކުރެވިގެން. ވީހާވެސް ގިނަ މަޢުލޫމާތެއް ރައްޔިތުންނަށް ފޯރުކޮށްދީގެން ދެފުށް ފެންނަގޮތަށް"
ރައީސް ނަޝީދު ވިދާޅުވީ، ސަރުކާރުން ފުށި ދިއްގަރު ފަޅުގައި ހިންގަން މިއުޅޭ ޕްރޮޖެކްޓާއި ގުޅޭ ސާފު މައުލޫމާތެއް ގިނަ ބަޔަކަށް ލިބިފައި ނެތް ކަމަށެވެ. އަދި ކަންބޮޑުވުންތައް އިތުރުވީވެސް އެހެންވެގެން ކަމުގައި ރައީސް ނަޝީދު ވިދާޅުވިއެވެ.
ރައީސް ނަޝީދު ވިދާޅުވީ، ރައްޔިތުންގެ ކަންބޮޑުވުންތަކާއި ޝަކުވާތަކަށް އިޖާބަދޭން ޖެހޭނެ ކަމަށާއި، ހަމައެކަނި ވެރިންނަށް ފެންނަ ގޮތަށް ކަންކަން ކުރާނަމަ އެކަންކަން ދާނީ ނާކާމިޔާބުވެގެން ކަމަށާއި ފާއިތުވި ދައުރުތަކުގައި އެމަންޒަރު ފެނިގެން ހިނގައްޖެ ކަމުގައި ވެސް ރައީސް ނަޝީދު ވިދާޅުވިއެވެ.
ރަސްމާލެ މަޝްރޫއުގެ އެއްބަސްވުމުގައި ސޮއިކުރުމުގެ ކުރިން ޚިޔާލު ހޯދުމުގެ އާއްމު ވޯޓަކަށް ދިޔުމަށް ގޮވާލައި އެމްޑީޕީގެ ޤައުމީ މަޖިލީހުން ޤަރާރު ފާސްކުރި އިރު އެކަމަށް ތާޢީދުނުކުރެއްވި ހަމައެކަނި ބޭފުޅަކީވެސް ރައީސް ނަޝީދެވެ. މީގެ އިތުރުން ރަސްމާލެ މަޝްރޫޢަށް ތާޢީދު ކުރައްވައި ރައީސް ނަޝީދު ގެންދަވަނީ، ސޯޝަލް މީޑިއާގެ އެކި މަންސަތަކުގައި ލިޔުއްވަމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް