މަޖިލީހުގެ ރައީސްގެ މުސާރަ 95000 އަދި މިނިސްޓަރުންގެ މުސާރަ 75500އަށް ބޮޑުކުރަނީ
ލިޔުންތެރިޔާ
ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީގެ މިއަދުގެ ބައްދަލުވުން --- ފޮޓޯ: މަޖިލިސް
ރައްޔިތުންގެ މަޖިލީހުގެ ރައީސާއި، މިނިސްޓަރުން އަދި ކައުންސިލްތަކުގެ މެމްބަރުންނަށް ލިބިދެވޭ އިނާޔަތްތައް އިތުރުކޮށް މުސާރަ ބޮޑު ކުރުމަށް ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީ މިއަދު ފާސްކޮށްފިއެވެ.
މިހުށައެޅުމަކީ، ކެލާ ދާއިރާ މެންބަރު އަބްދުއްالله ޝަރީފު ހުށައެޅުއްވި ހުށައެޅުމެކެވެ. ތާއީދު ކުރެއްވީ، ފުނަދޫ ދާއިރާ މެންބަރު މުހައްމަދު މަމްދޫހެވެ.
މާލިއްޔަތު ކޮމިޓީން މިހުށައެޅުންތައް ފާސްކުރެއްވީ، ކޮމިޓީގައި ހާޟިރުވެ ތިއްބެވި މެމްބަރުން 7 މެމްބަރުންގެ ތެރެއިން 4 މެމްބަރުންގެ ވޯޓުން ފާސްކޮށްގެންނެވެ. އެބަދަލު ގެންނަ ނުފެންނަކަމަށް ވޯޓު ދެއްވީ 2 މެމެބްރުންނެވެ. އެއީ އެމްޑީޕީގެ ދެ މެމްބަރުން ކަމުގައިވާ ހުޅުމާލެ ދެކުނު ދާއިރާގެ މެމްބަރު ޑރ. އަޙްމަދު ޝަމްހީދާއި، ހަނިމާދޫ ދާއިރާގެ މެމްބަރު ޢަބްދުލްޣަފޫރު މޫސާއެވެ.
މާލިއްޔަތު ކޮމިޓީން ގެނައި މިބަދަލު މަޖިލީހުގެ ތަޅުމުން ފާސްކުރުމުން، ރައްޔިތުންގެ މަޖިލީހުގެ ރައީސަށް މުސާރަ އާއި ޢިނާޔަތްތަކުގެ ގޮތުގައި، މަހަކު 95,125ރ. ލިބިވަޑައިގަންނަވާނެއެވެ. އަދި މިނިސްޓަރުންނަށް މުސާރައިގެ ގޮތުގައި، މަހަކު 75,500ރ ލިބިވަޑައިގަންނަވާނެއެވެ. މީގެ އިތުރުން ރަށުކައުންސިލްތަކުގެ މެމްބަރުންނަށް 5000ރ ގެ ސަރވިސް އެލަވަންސެއްވެސް ހަމަޖެއްސެވުމަށް ވަނީ ފާސްކޮށްފައެވެ. މުސާރަތަކަށް މިބަދަލު އަންނާނީ އަންނައަހަރަށް ފާސްކުރާ ދައުލަތުގެ ބަޖެޓާއި އެކުގައެވެ.
ކޮމެޓީއަށް އިދާރީ މޭޒުން މި ބަދަލުތައް ހުށައެޅުއްވި އިރު، މަޖިލީހުގެ ރައީސަށް ލިބޭ މުސާރަ މެމްބަރުންނަށް ލިބޭ މުސާރައަށްވުރެ ކުޑަކަން އަދި މިނިސްޓަރުންނަށް ލިބޭ މުސާރަ ޝަރުޢީ ދާއިރާ އާއި އެހެނިހެން މުއައްސަސާތަކުގެ އިސްވެރިންނަށް ލިބޭ މުސާރައަށް ވުރެ ކުޑަކަށް ވަނީ ފާހަގަކޮށްފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް