Post banner
ރާއްޖެ •

ސަރުކާރުގެ އޮފީސްތަކުގައި ހުޅުޖަހަން ހިއްވަރުދިން މިސަރުކާރުގެ ކުރީގެ ޑެޕިއުޓީ މިނިސްޓަރ ޒިހާން ހައްޔަރުކޮށްފި

ރައްޔިތުންގެ ނޫސް

ލިޔުންތެރިޔާ

ސަރުކާރުގެ އޮފީސްތަކުގައި ހުޅުޖަހަން ހިއްވަރުދިން މިސަރުކާރުގެ ކުރީގެ ޑެޕިއުޓީ މިނިސްޓަރ ޒިހާން ހައްޔަރުކޮށްފި

ހަސަން ޒިހާން --

ދައުލަތުގެ ތިންބާރުގެ އޮފީސްތަކުގައި ހުޅުޖެހުމަށް ހިއްވަރުދީ ފޭސްބުކްގައި ކުރި ޕޯސްޓަކާއި ގުޅިގެން، ކުރީގެ ޑެޕިއުޓީ މިނިސްޓަރު ހަސަން ޒިހާން ހައްޔަރުކޮށްފިއެވެ. 

އޭނާ ހައްޔަރުކޮށްފައި ވަނީ، އޭނާގެ އުފަން ރަށް ފުވައްމުލަކުންނެވެ. ފުލުހުންގެ އިދާރާއިން ވަނީ އޭނާ ހައްޔަރުކުރިކަން ކަށަވަރުކޮށްދީފައެވެ.

ޒިހާން އޭނާގެ ފޭސްބުކް ޕޭޖުގައި ކުރި ޕޯސްޓް ފަހުން ވަނީ، ޑިލީޓްކޮށްފައެވެ. އަދި އޭނާގެ ފޭސްބުކް ޕޭޖުވެސް ވަނީ ޑީއެކްޓިވޭޓްކޮށްފައެވެ.

ދައުލަތުގެ އެންމެ އިސް ތިން އޮފީހުގައި ހުޅުޖެހުމަށް ހިއްވަރު ލިބޭގޮތަށް، ޒިހާން ފޭސްބުކްގައި ޕޯސްޓެއް ލިޔުނުއިރު، އެފަދަ ޢަމަލުތަކަކީ، ޓެރަރިޒަމް ހުއްޓުވުމާއި މަނާކުރުމުގެ ޤާނޫނުގެ ދަށުން ބޮޑެތި އަދަބުތަކެއް ކަނޑައެޅިފައިވާ ކުށެކެވެ.

ޒިހާންއަކީ، އެމްއެންޑީއެފްގައިވެސް މަސައްކަތްކޮށްފައިވާ ކުރީގެ ސިފައިންގެ އޮފިސަރެކެވެ. ސިޔާސީ ކަންކަމުގައި އޭނާ ސޯޝަލް މީޑިއާގައި ސަރުކާރަށް ފާޑުކިޔައި ލިޔުންތައް ލިޔަމުން ގެންދިޔައިރު، އޭނާ ސިފައިންގެ ވަޒީފާއިން ވަކިކޮށްފައި ވަނީ 2023 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގައެވެ.

މިސަރުކާރު ވެރިކަމަށް އައުމަށް ފަހުގައި، ޒިހާންއަށް ޓްރާންސްޕޯޓް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރެއްގެ މަޤާމު ދިނުމަށް ފަހު، އެމަޤާމުން އޭނާ ވަކިކުރީ، އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއަށް ސޯޝަލް މީޑިއާގައި ފާޑު ކިޔުމާއި ގުޅިގެން ސަރުކާރަށް ކުރިމަތިވި ޕްރެޝަރުގެ ތެރެއިން ގިނަ ދުވަސްތަކަކު، މަޤާމުން ސަސްޕެންޑްކޮށްފައި ބެހެއްޓުމަށް ފަހުގައެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް