Post banner
ރާއްޖެ

ހަމަނުޖެހުމަށް ހިތްވަރު ލިބޭގޮތަށް ހަރަކާތްތައް ހިންގާކަމަށް ފާހަގަކުރެވޭ ބުނެ އީސީން އިކޮޅުޕާޓީތަކަށް ސިޓީ ފޮނުވައިފި

ރައްޔިތުންގެ ނޫސް

ލިޔުންތެރިޔާ

ހަމަނުޖެހުމަށް ހިތްވަރު ލިބޭގޮތަށް ހަރަކާތްތައް ހިންގާކަމަށް ފާހަގަކުރެވޭ ބުނެ އީސީން އިކޮޅުޕާޓީތަކަށް ސިޓީ ފޮނުވައިފި

ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ އަދި ޕީޕަލްސް ނޭޝަނަލް ފްރަންޓް އިން މިހާރު މާލޭގައި ސިލްސިލާކޮށް ކުރިއަށް ގެންދާ ސިޔާސީ ޙަރަކާތްތަކުގައި ޢާންމު އިޖުތިމާއީ މިންގަނޑުތަކާ ޚިލާފު ވާހަކަ ދައްކައި، ޢާންމުންގެ މެދުގައި ނަފުރަތު އުފެދޭ ގޮތަށް، ހަމަނުޖެހުމަށް ހިތްވަރު ލިބޭގޮތަށް ޙަރަކާތްތައް ހިންގަމުންދާކަމަށް ފާހަގަކުރެވޭ ކަމަށްބުނެ އެމްޑީޕީއާއި ޕީއެންއެފަށް އިލެކްޝަންސް ކޮމިޝަނުން ސިޓީ ފޮނުވައިފިއެވެ.

އިލެކްޝަންސް ކޮމިޝަނުން ފޮނުވި ސިޓީގައި ވަނީ، ޤާނޫނުތަކާއި ގަވާއިދުތަކުގެ ހުދޫދުގެ ތެރެއިން ސިޔާސީ ޙަރަކާތްތައް ކުރިއަށް ގެންދިޔުމަށް ޕާޓީތަކަށް އަންގާފައެވެ. އިލެކްޝަންސް ކޮމިޝަނުން މިއަދު ފޮނުވި ސިޓީގައި، ސިޔާސީ ޕާޓީތަކުން ކުރިއަށް ގެންދާ ސިޔާސީ ޙަރަކާތްތައް ހިންގަންވާނީ ޞުލްޙަވެރިކަމާއެކު އެއްވެއުޅުމުގެ މިނިވަންކަމުގެ ޤާނޫނު ގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން ކަމަށް ބަޔާންކޮށް، އެ ދެޕާޓީން މިދުވަސްވަރު ހިންގަމުންދާ ޙަރަކާތްތަކާއި އެއްވުންތައް ބޭއްވުމުގައި ޤާނޫނުތަކާއި ގަވާއިދުތަކާއި އެއްގޮތަށް ޢަމަލުކުރުމަށް ވަނީ އަންގާފައެވެ.

މީގެ އިތުރުން، ސުލޫކީ މިންގަނޑާ ޚިލާފަށް، ޕާޓީތަކުގެ ވެރިންނާއި މެންބަރުންނާއި ޕާޓީތަކަށް މަސައްކަތްކުރާ މީހުންގެ އަމިއްލަ ދިރިއުޅުމުގެ ކަންކަމަށް ފާޑުނުކިޔުމާއި، މުޖުތަމައުގައި ރުޅިވެރިކަމާއި ނަފުރަތު އުފެދޭ ގޮތަށް ޙަޤީޤަތާ ޚިލާފު ސާބިތުނުހިފޭ ވާހަކަތައް ނުދެއްކުމަށާއި އަދި ޤާނޫނަކުން ހުއްދަކުރާ ދާއިރާއިން ބޭރުގައި، މަގުތަކާއި ޢާންމު މައިދާންތަކުގައި ސިޔާސީ ޕާޓީގެ ޢާންމު ބައްދަލުވުންތަކާއި، ޙަރަކާތްތައް ނުބޭއްވުމަށް އިލްތިމާސްކޮށް ނަސޭޙަތްތެރިވާކަމަށްވެސް އެސިޓީގައި ވަނީ ބުނެފައެވެ.

އިދިކޮޅު ފަރާތްތަކުން މިހާރު ކުރަމުން އަންނަ މުޒާހަރާތަކުގެ ތެރޭގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒަށް އަންހެނަކު ތުހުމަތުކޮށްފައިވާ ނުހަމަގުޅުންތަކާއި ގުޅޭ ވާހަކަތައް ދައްކައި އެކަމަށް އަންނަނީ ހަޖޫވެސް ޖަހަމުންނެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް