މާލޭގެ ގެއެއްގެ ތެރޭގައި މަރުވެފައި އޮއްވައި ފެނުނު މީހާގެ އޮޓޮޕްސީ ހަދަން ނިންމައިފި
ރައްޔިތުންގެ ނޫސް
ލިޔުންތެރިޔާ
ފުލުހުންގެ އިދާރާ -- ފޮޓޯ؛ ރައްޔިތުންގެ ނޫސް
މާލެ، ފާށަނާކިލެގެފާނު މަގުގައި ހުރި ގެއެއްގެ ތެރޭގައި މަރުވެފައި އޮއްވައި މިއަދު ފެނުނު މީހާގެ މަރުވި ސަބަބު ދެނެގަތުމަށް އޮޓޮޕްސީ ހެދުމަށް ނިންމާފައިވާ ކަމުގައި ފުލުހުންގެ އިދާރާއިން ވިދާޅުވެއްޖެއެވެ.
ފުލުހުންގެ އިދާރާއިން ވިދާޅުވީ، އެމީހާ މަރުވެފައި އޮއްވައި ފެނިގެން ފުލުހުންނަށް ރިޕޯޓްކޮށްފައި ވަނީ މިއަދު 13:10 ހާއިރުގައި ކަމަށެވެ.
ފުލުހުންގެ އިދާރާއިން ވިދާޅުވީ، ނިޔާވި މީހާގެ ހަށިގަނޑު ބޭރުފުށުން ބެލިބެލުމުން، އެހެން ފަރާތަކުން ދީފައިވާ އަނިޔާއެއްގެ ނިޝާނެއް ފެންނަން ނެތް ކަމަށެވެ. އެހެން ނަމަވެސް، ހަށިގަނޑު އޮތް ހާލަތަށާއި، މަރުވިތާ ގިނަ އިރުތަކެއް ވެފައިވުމުގެ އިތުރުން، މި ހާދިސާއާ ހިނގާފައިވާ ތަނާ ގުޅޭގޮތުން ފުލުހުންނަށް ލިބިފައިވާ މައުލޫމާތަށް ރިއާޔަތްކުރާއިރު، މަރުގެ ސީދާ ސަބަބު ދެނެގަތުމަށްޓަކައި ފޮރެންސިކް ތަހުލީލުތަކެއް ކުރަންޖެހޭ ކަމަށް ފުލުހުންގެ ތަހުގީގަށް ގަބޫލުކުރެވޭ ކަމަށެވެ. އެހެންކަމުން، އޮޓޯޕްސީ ހެދުމަށް ބޭނުންވާ އިންތިޒާމުތައް ހަމަޖެއްސުމުގެ މަސައްކަތް ފުލުހުން މިހާރު ދަނީ ކުރަމުން ކަމުގައި ފުލުހުންގެ އިދާރާއިން ވިދާޅުވިއެވެ.
ފުލުހުންގެ އިދާރާއިން ވިދާޅުވީ، މި މައްސަލަ ފުލުހުން ދަނީ އިތުރަށް ތަހުގީގު ކުރަމުން ކަމަށާއި، އަދި މި މައްސަލައިގެ ތަހުގީގަށް ކުރިއެރުން ލިބެމުންދާ މިންވަރަކުން މީޑިއާ އަށް ހާމަކުރެވެން ހުރި މައުލޫމާތު ހާމަކުރަމުން ގެންދާނެކަމަށެވެ.
މަރުގެ މިހާދިސާ އާއި ގުޅިގެން މިއަދު މީޑިއާގައި އެކި ގޮތްގޮތަށް ވާހަކަތައް ފެތުރުނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް