Post banner
ރާއްޖެ

ކުޑަކުއްޖަކު ވެއްޓުނު ހާދިސާގެ ވީޑިއޯ ދައުރު ނުކުރަން ފުލުހުން އިލްތިމާސްކޮށްފި

ރައްޔިތުންގެ ނޫސް

ލިޔުންތެރިޔާ

ކުޑަކުއްޖަކު ވެއްޓުނު ހާދިސާގެ ވީޑިއޯ ދައުރު ނުކުރަން ފުލުހުން އިލްތިމާސްކޮށްފި

ފުލުހުންގެ އިދާރާ --

މިއަދު ހުޅުމާލެ ފޭސް 2ގައި މީހުން ދިރިއުޅޭ ޓަވަރަކުން ކުޑަކުއްޖަކު ވެއްޓުނު ހާދިސާގެ ވީޑިއޯ، ސޯޝަލް މީޑިއާ އާއި އެނޫން މަންސަތަކުގައި ދައުރު ނުކުރުމަށް ފުލުހުން އިލްތިމާސްކޮށްފިއެވެ.

ފުލުހުން މިކަމަށް އިލްތިމާސްކުރީ ކުއްޖާ ވެއްޓިފައި އޮއްވައި ނަގާފައިވާ މަންޒަރުތަކެއް ބައެއް މީޑިއާތަކުންނާއި، ސޯޝަލް މީޑިއާގެ އެކި ޕްލެޓްފޯމްތަކުގައި ދައުރުކުރަމުންދާތީ، އެކަމާއި މެދު ކަންބޮޑުވުންފާޅުކޮށް ނެރެފައިވާ ބަޔާނުގައެވެ.

ފުލުހުންގެ އިދާރާއިން ނެރުނު ބަޔާނުގައި ވިދާޅުވީ، ކުޑަ ކުއްޖަކު އިމާރާތަކުން ވެއްޓިފައިވާ ހިތްދަތި މަންޒަރު ފެންނަ ވީޑިއޯއެއް ސޯޝަލް މީޑިއާގައި މިހާރު ދަނީ ދައުރުވަމުންނެވެ. މި ވީޑިއޯ އިތުރަށް ދައުރުނުކުރުމަށާއި، ސޯޝަލް މީޑިއާގެ އެކައުންޓްތަކާއި، ޕޭޖުތަކާއި ގްރޫޕުތަކުން މި ވީޑިއޯ ނެގުމަށް އެންމެހާ ފަރާތްތަކަށް އިލްތިމާސްކުރާކަމަށެވެ.

މިފަދަ ވީޑިއޯތައް ދައުރުކުރުމަކީ އެ ކުއްޖާގެ ޒާތީ މިނިވަންކަމާއި ކަރާމާތަށް އަރައިގަނެވި، އާއިލާއަށް އިތުރު ހިތާމައާއި ނުތަނަވަސްކަން ލިބިގެންދާނެ ކަމެއް ކަމުގައިވެސް ފުލުހުން ފާހަގަކޮށްފައި ވެއެވެ. އަދި މި މަންޒަރުތައް ބަލާ ކުޑަކުދިންނަށާއި ވަލްނެރަބްލް އެހެން ފަރާތްތަކުގެ ނަފްސާނީ ދުޅަހެޔޮކަމަށްވެސް މީގެ ސަބަބުން ބޮޑެތި ނޭދެވޭ އަސަރުތަކެއް ކޮށްފާނެކަމަށްވެސް ފުލުހުން ވަނީ ވިދާޅުވެފައެވެ. ވީމާ، އެ ވީޑިއޯ ޑައުންލޯޑް ނުކުރުމަށާއި، ރީޕޯސްޓް ނުކުރުމަށާއި، މި ހާދިސާއާ ގުޅޭގޮތުން ކޮމެންޓްކުރުމާއި ހަގީގަތާ ޚިލާފު ވާހަކަތައް ނުފެތުރުމަށް އެދޭ ކަމުގައިވެސް ފުލުހުންގެ އިދާރާއިން ވަނީ ވިދާޅުވެފައެވެ. އަދި، ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކުން މި ވީޑިއޯ ނެގުމަށް ރިޕޯޓްކުރުމަށާއި، އެހެން ފަރާތްތަކުންވެސް މި ވީޑިއޯ ފޮހެލުމަށް ބާރުއެޅުއްވުން އެދޭ ކަމުގައި ފުލުހުންގެ އިދާރާއިން ވިދާޅުވެފައި ވެއެވެ.

މި ހާދިސާއާ ގުޅިގެން އަޅަންޖެހޭ އެންމެހާ ފިޔަވަޅުތައް ދިވެހި ފުލުހުންގެ ޚިދުމަތުން ދަނީ އަޅަމުންކަމުގައިވެސް ފުލުހުންގެ އިދާރާއިން ވަނީ ވިދާޅުވެފައެވެ.
މިހާދިސާ ހިނގާފައި ވަނީ، މިއަދު ހެނދުނު 11:35 އެހައިކަންހާއިރުގައެވެ. ކުއްޖާ ވެއްޓިފައި ވަނީ، ހުޅުމާލެ ފޭސް 2، އަމާން އުދަރެސް 2 ގެ 3 ވަނަ ފަންގިފިލާއިން ކަމުގައި ފުލުހުންގެ އިދާރާއިން ވިދާޅުވެފައި ވެއެވެ. އެކުއްޖާއަށް ލިބުނު އަނިޔާތަކަށް ހޮސްޕިޓަލުގައި މިހާރު އަންނަނީ ފަރުވާދެމުންނެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް