ޕެރޯލް ބޯޑުގެ މެމްބަރުން ވަކިކުރީ ކުށެއް އޮވެގެނެއް ނޫން: މިނިސްޓަރ އިޙްސާން
ރައްޔިތުންގެ ނޫސް
ލިޔުންތެރިޔާ
ހޯމް މިނިސްޓަރ ޢަލީ އިޙްސާން -- ފޮޓޯ: ރައީސް އޮފީސް
މަސްތުވާތަކެތީގެ މައްސަލައެއްގައި އުމުރުދުވަހުގެ ޖަލު ހުކުމެއް ތަންފީޒު ކުރަމުން ދިޔަ ކުށްވެރިއަކު ޤާނޫނާއި ޚިލާފަށް ޕެރޯލްގެ ދަށުން ދޫކޮށްލުމާއި ގުޅިގެން، އެނިންމުން ބަދަލުކޮށް ޕެރޯލް ބޯޑުގައި ހިމެނޭ މެމްބަރުން ވަކިކުރީ އެބޭފުޅުންގެ ކުށެއް އޮވެގެން ނޫންކަމުގައި ހޯމް މިނިސްޓަރ ޢަލީ އިޙްސާން ވިދާޅުވެއްޖެއެވެ.
މިނިސްޓަރ އިޙްސާން މިހެން ވިދާޅުވީ، މަސްތުވާތަކެތީގެ މައްސަލައިގައި، 25 އަހަރުގެ ޖަލުޙުކުމެއް ތަންފީޒު ކުރަމުންދިޔަ، އަބްދުﷲ އިބްރާހިމް (އަބުޗާ) ޕެރޯލްގެ ދަށުން ދޫކޮށްލުމާއި ގުޅިގެން އަމާޒުވި ފާޑު ކިޔުންތަކާއި އެކު އެނިންމުން ބަދަލުކޮށް، އޭނާ އަލުން ހައްޔަރުކުރުމަށް ފަހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައެވެ. ހޯމް މިނިސްޓަރ ޢަލީ އިޙްސާން ވިދާޅުވީ، އަބުޗާ ދޫކޮށްލުމަކީ، (ސީދާ އަބުޗާއަށް ވީތީ) ގަސްދުގައި ނިންމާފައިވާ ނިންމުމެއް ނޫންކަމަށެވެ. އަދި ޕެރޯލްގެ ދަށުން އޭނާ ދޫކުރުމަށް ބަލާ ކަންކަމުގެ ތެރެއިން މުއްދަތު ގުނާފައި ވަނީވެސް ރަނގަޅަށް ނޫންކަން މިނިސްޓަރ އިޙްސާން ފާހަގަކުރެއްވިއެވެ.
މިނިސްޓަރ އިހްސާން ވިދާޅުވީ، ޕެރޯލްބޯޑުގެ މެމްބަރުން ވަކިކޮށް ބޯޑުގެ މަސައްކަތްތައް މިވަގުތު އޮތީ މަޑުޖައްސާލާފައި ކަމަށެވެ.
"ޕެރޯލްބޯޑަކީ، ދައުލަތުގެ އެކި އިދާރާތައް ރަމްޒުކުރާ ތަންތަން. އަޅުގަނޑުމެން މިހާތަނަށް ބެލި ބެލުމަކުން އަޅުގަނޑުމެންނަށް ޤަބޫލެއް ނުކުރެވޭ، އިންޓެންޝަނަލީ (ގަސްތެއް އޮވެގެން) އެއިންވެސް ފަރާތަކުން ގޯހެއް ހަދާފައި އޮތް ކަމަކަށް އިނގޭތޯ؟ އެހެންވީމާ، އަޅުގަނޑުމެން ގަސްތެއް ނުކުރަން އެބޭފުޅުންގެ ނަންތަކާއި މިއެއްޗެހި ހާމަކުރާކަށް." މިނިސްޓަރ އިހްސާން ވިދާޅުވިއެވެ.
މިނިސްޓަރ އިޙްސާން އިތުރަށް ވިދާޅުވީ، ޤަބޫލުފުޅު ކުރައްވަނީ މިފަދަ ޤައުމީ ބޮޑެތި މައްސަލަތަކުގައި ބަލަންޖެހޭ ކަންކަން ބަލަންޖެހޭ ވަރަށް ނުބެލި އޮތް ކަމަށެވެ. އަދި ބޯޑުގެ އެޑިސިޝަންގައި ބައިވެރިވި ފަރާތްތައް ބަދަލުކުރަން ރައީސުލްޖުމްހޫރިއްޔާ ނިންމަވާފައިވާ ކަމަށްވެސް މިނިސްޓަރ އިޙްސާން ވިދާޅުވިއެވެ.
"އެއީ ކޮންމެހެން އެބޭފުޅުން ކުއްވެރިވެގެނެއް ނޫން. ޤާނޫނުގައި މިފަދަ ކަންކަން އިންޓަރޕްރިޓްކުރާއިރުގައި ސުވާލު އުފެދޭ ހާލަތުގައިވެސް އެ އަހަންޖެހޭ، ސާފު ކުރަންޖެހޭ ފަރާތްތަކުން ސާފުކޮށްފައި ކަމަށް އަޅުގަނޑުމެން ޤަބޫލުކުރަނީ، އެކަންކަން ކުރައްވަން ވާނީ." މިނިސްޓަރ އިހްސާން ވިދާޅުވިއެވެ.
މިނިސްޓަރ އިޙްސާން ވިދާޅުވީ، ޕެރޯލް ބޯޑާއި، ޕެރޯލް ނިޒާމަށް ގެންނަ ބަދަލުތަކަށް ފަހުގައި، ހަފްތާއެއްގައި ދުވަހުގެ ތެރޭގައި ޕެރޯލް ބޯޑަށް މެމްބަރުން ޢައްޔަނުކުރުމަށް މަސައްކަތްތައް ކުރެވެމުންދާ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް