ރާއްޖެ

ގޯތަމް ސިންހގްހާނިއާ ރާއްޖެއިން ފުރައިގެން ދިޔައީ ފަރުވާއަށް - ފުލުހުން

ރައްޔިތުންގެ ނޫސް

ލިޔުންތެރިޔާ

ގޯތަމް ސިންހގްހާނިއާ ރާއްޖެއިން ފުރައިގެން ދިޔައީ ފަރުވާއަށް - ފުލުހުން

ވ. ފެލިދޫ ކައިރީގައި 2026 މާރިޗު 19ވީ ބުރާސްފަތި ދުވަހުރޭ ލޯންޗެއް ފުރޮޅާލައި އޭގައި ތިބި 5 މީހުން ވިއްސައިގެން ގޮސް ދެމީހަކު ކަނޑަށް ގެއްލިފައި ވަނިކޮށް، އެ ލޯންޗުގައި އެވަގުތު އިން އޭގެ ވެރިމީހާ ގޯތަމް ސިންގހާނިއާ ރާއްޖެއިން ފުރައިގެން ދިޔައީ އިތުރު ފަރުވާއަށް ކަމުގައި ފުލުހުންގެ އިދާރާއިން ވިދާޅުވެއްޖެއެވެ.

ގޯތަމް ސިންހގްހާނިއާ ރާއްޖެއިން ފުރާފައި ވަނީ ހުކުރު ދުވަހުގައިކަން ފުލުހުން ހާމަކުރި މައުލޫމާތުންވެސް އެނގިފައި ވެއެވެ. އޭނާއަށް ބައެއް ތަންތަން މަށައިގެން ދިޔުން ފިޔަވައި އިތުރު އަނިޔާއެއް ލިބިފައެއް ނުވެއެވެ. އަދި ހާދިސާގައި އަނިޔާވި މީހުންނަށް، ވ. އަތޮޅު ހޮސްޕިޓަލުގައި ފަރުވާދިން އިރު، އެ ހޮސްޕިޓަލުގައި އެޑްމިޓްވުމަށްވެސް އޭނާވަނީ ދެކޮޅު ހަދާފައެވެ. ގޯތަމް ސިންހގްހާނިޔާ މާލެ އައީ ހުކުރުދުވަހުގެ ހެނދުނު 6:30ގައިކަމަށާއި ހަމަ އިއްޔެ އޭނާ ވަނީ ރާއްޖެއިން ފުރައިގެން ގޮސްފައެވެ.

ފުލުހުންގެ އިދާރާއިން ވިދާޅުވީ، ހާދިސާގައި ލޯންޗުގައި ތިބި އެންމެނަށްވެސް އެކިވަރުގެ އަނިޔާތައް ލިބިފައިވާއިރު، އެ މީހުންނަށް ފުރަތަމަ ފަރުވާ ދީފައިވަނީ ވ. އަތޮޅު ހޮސްޕިޓަލުގައި ކަމަށެވެ. އޭގެ ތެރެއިން ރަޝިއާގެ އަންހެނަކަށާއި އިންޑިއާގެ ފިރިހެނަކަށް މިހާރު ދަނީ ހުޅުމާލޭ ޓްރީ ޓޮޕް ހޮސްޕިޓަލުގައި އިތުރު ފަރުވާ ދެމުންނެވެ. އަދި މި ހާދިސާގައި އަތެއް ބުރިވެ، ސީރިއަސް އަނިޔާތަކެއް ލިބުނު އިންޑިއާގެ ފިރިހެނަކު، އިތުރު ފަރުވާ ހޯދުމަށްޓަކައި މިއަދުގެ ވަގުތެއްގައި ވަނީ އިންޑިއާއަށް ފޮނުވާފައި ކަމުގައިވެސް ފުލުހުންގެ އިދާރާއިން ވިދާޅުވިއެވެ.

ފުލުހުންގެ އިދާރާއިން ވިދާޅުވީ، މި ހާދިސާ ހިނގިއިރު އެ އުޅަނދުގައި ޖުމްލަ ހަތް މީހުން ތިއްބެވެ. އޭގެ ތެރޭގައި ހިމެނެނީ އިނގިރޭސިވިލާތާއި ރަޝިޔާއަށް ނިސްބަތްވާ ދެ އަންހެނުންނާއި، އިންޑިއާއަށް ނިސްބަތްވާ ފަސް ފިރިހެނުންނެވެ. މި ހާދިސާގައި އުޅަނދުން ކަނޑަށް ވެއްޓިފައިވަނީ ފަސް މީހުންނެވެ. އެއީ ރަޝިޔާގެ އަންހެން މީހާގެ އިތުރުން އިންޑިއާއަށް ނިސްބަތްވާ ހަތަރު ފިރިހެނުންނެވެ.

މި ހާދިސާގައި ކަނޑަށް ގެއްލުނު އިންޑިއާގެ ދެ މީހަކު ހޯދުމުގެ މަސައްކަތް ކަމާބެހޭ އިދާރާތަކުން އަދިވެސް ދަނީ ކުރަމުން ކަމަށާއި އަދި މި ހާދިސާ ދިވެހި ފުލުހުންގެ ހިދުމަތުން ދަނީ ތަހުގީގު ކުރަމުން ކަމުގައިވެސް ފުލުހުންގެ އިދާރާއިން ވިދާޅުވިއެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް