އިންނަމާދޫއިން ފެނުގެ ޚިދުމަތް މެދުކެނޑުން ރައްޔިތުންނަށް ތުރާލަކަށްވެފައި
ރައްޔިތުންގެ ނޫސް
ލިޔުންތެރިޔާ
އިންނަމާދުގައި ފެނުގެ ޚިދުމަތް ދިނުމަށް ބަހައްޓާފައިވާ ޕްލާންޓް ---
އިންނަމާދޫގެ ފެނުގެ ޚިދުމަތް މެދުކެނޑޭތީ ރައްޔިތުން ކަންބޮޑުވުން ފާޅުކޮށްފިއެވެ
. ރ. އިންނަމާދޫގައި ޤާއިމުކޮށްފައިވާ ފެނުގެ ނިޒާމުން ދެމުންދާ ޚިދުމަތް އެކި ގަޑިތަކުގައި މެދުކެނޑެމުންދާތީ، އެ ރަށުގެ ރައްޔިތުންނަށް ދިރިއުޅުމުގެ ޒަރޫރީ ބޭނުންތައް ފުއްދުމުގައި ބޮޑެތި ގޮންޖެހުންތަކަކާއި ކުރިމަތިވަމުން އަންނާތީ ރައްޔިތުން އަންނަނީ އެކަމުގެ ކަންބޮޑުވުންފާޅުކުރަމުންނެވެ.
ރައްޔިތުންގެ ނޫހަށް މަޢުލޫމާތު ދިން އިންނަމާދޫގެ ރައްޔިތަކު ބުނި ގޮތުގައި، ފާއިތުވި ދުވަސްތަކުގައި އެކި ސަރަހައްދުތަކުން ފެނުގެ ޚިދުމަތް މެދުކެނޑުމަކީ އާންމު ކަމަކަށް ވަނީ ވެފައެވެ. ވަކި ތަރުތީބެއް ނެތި، ދުވަހުގެ އެކި ގަޑިތަކުގައި ފެން ކެނޑެމުންދާތީ ކެއްކުމާއި، ސާފުތާހިރުވުމުގެ އިތުރުން ގޭތެރޭގެ އެހެނިހެން މަސައްކަތްތައް ފުރިހަމަކުރުމަށްޓަކައި ރައްޔިތުންނަށް ވަނީ ވަރަށް ބޮޑަށް ދަތިވެފައިވާކަން އޭނާ ފާހަގަކުރިއެވެ.
ފެނަކަ ކޯޕަރޭޝަނުން އިންނަމާދޫގައި ފެނުގެ ޚިދުމަތް ރަސްމީކޮށް ދޭން ފަށާފައި ވަނީ 2023 ވަނަ އަހަރުގެ ތެރޭގައެވެ. ނަމަވެސް، ޚިދުމަތް ފެށިތާ ތިން އަހަރެއްހާ ދުވަސްވީއިރުވެސް، ފެނުގެ ނިޒާމަށް ދިމާވާ މައްސަލަތަކަށް ދާއިމީ ހައްލެއް ލިބިފައި ނުވާތީ ރައްޔިތުން ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. އެ ރަށުން ވާހަކަ ދެއްކި މީހަކު ކިޔައިދިން ގޮތުގައި، ބައެއް ފަހަރު ކުއްލިއަކަށް ފެން ކެނޑުމުގެ ސަބަބުން ގޭބިސީތަކުގެ ދުވަހީ މަސައްކަތްތައް މުޅިން ހުއްޓުމަކަށް އާދެއެވެ.
"އެކި ދުވަސްތަކުގެ އެކި ގަޑިތަކުގައި މިހެން ފެން ކެނޑޭތީ ވަރަށް ބޮޑު ތަކުލީފަކަށް މިކަން މިވަނީ. ވަކިން ހާއްސަކޮށް ބައެއް ސަރަހައްދުތަކަށް މި މައްސަލަ މާ ބޮޑަށް ކުރިމަތިވޭ،" އޭނާ ބުންޏެވެ.
މި މައްސަލައާ ގުޅިގެން ރައްޔިތުން އެދެނީ، ފެނަކައިގެ ފަރާތުން މިކަން ހައްލުކޮށް، މެދުކެނޑުމެއްނެތި ފެނުގެ ޚިދުމަތް ލިބޭނެ އިންތިޒާމެއް ވީ އެންމެ އަވަހަކަށް ހަމަޖައްސައިދިނުމަށެވެ.
ފެނުގެ ޚިދުމަތަކީ ދިރިއުޅުމުގެ އެންމެ އަސާސީ އެއް ބޭނުން ކަމަށްވާއިރު، މިފަދަ ދަތިތަކެއް ޤާއިމުވެފައިވާ ނިޒާމަކުން ދިމާވުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށްވެސް ރަށުގެ ރައްޔިތުން ފާހަގަކުރެއެވެ. ފެނަކަ އިންނަމާދޫ ބުރާންޗްގެ ކޮމިއުނިޓީ ވައިބަރ ގްރޫޕްގައި އެކަނި ވެސް މިއަހަރުގެ މިހާތަނަށް 26 ފަހަރު ފެނުގެ ޚިދުމަތް މެދުކެނޑުނު ކަމަށް ލިޔެފައިވެއެވެ.
މިކަމަށް ދާއިމީ ހައްލެއް ހޯދައި ދިނުމަށް ރައްޔިތުން އަންނަނީ އެދެމުންނެވެ.
ޚަބަރުލިޔުނީ : ޙަސަން ސާތިޢު - ރަށުރިޕޯޓަރ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް