Post banner
ރާއްޖެ

ވޭވަށު ސްކޫލުގެ ކަރަންޓް މައްސަލަ ހައްލު ނުވުމުން ދަރިވަރުން ކިޔަވަން ފޮނުވުން ހުއްޓާލައިފި

ރައްޔިތުންގެ ނޫސް

ލިޔުންތެރިޔާ

ވޭވަށު ސްކޫލުގެ ކަރަންޓް މައްސަލަ ހައްލު ނުވުމުން ދަރިވަރުން ކިޔަވަން ފޮނުވުން ހުއްޓާލައިފި

ވޭވަށު ސްކޫލް --

މުލަކަތޮޅު ވޭވަށު ސްކޫލުގައި ދިމާވެފައިވާ ކަރަންޓްގެ މައްސަލަ ހައްލުނުވެ ދިގުލައިގެން ގޮސް ދަރިވަރުންނަށް ސްކޫލުގައި ކިޔަވަން ތިބުމަށް ދިމާވަމުން އައި ދަތިތަކާއި ގުޅިގެން އިޙްތިޖާޖު ކުރުމުގެ ގޮތުން، ވޭވަށު ސްކޫލުގެ ބެލެނިވެރިން ދަރިވަރުން ސްކޫލަށް ފޮނުވުން މިއަދުން ފެށިގެން ހުއްޓާލައިފިއެވެ.

Uploaded image

ވޭވަށު ކައުންސިލްގެ ރައީސް މަމްދޫޙް ވަހީދު ވިދާޅުވީ، ވޭވަށު ސްކޫލަށް ދިމާވެފައިވާ ކަރަންޓްގެ މައްސަލަތައް ހައްލުނުވެ 4 އަހަރަށް ވުރެ ގިނަ ދުވަސް ވޭތުވެގެން ގޮސްފައިވާ ކަމަށެވެ. އަދި ސްކޫލުގެ ކަރަންޓް މައްސަލަ ދިމާވެގެން އުޅެނީ، ފެނަކައިގެ ސަބަބުން ނޫން ކަމަށާއި، އެއީ އެ ސްކޫލުގެ ކަރަންޓް ވަޔަރިން ބާވެ، ބްރޭކަރުތައް ނުހިފަހައްޓާ މައްސަލައެއް ކަމަށާއި އެކަން ހައްލުކޮށްދެވޭނީ މިނިސްޓްރީ އޮފް އެޑިޔުކޭޝަނަށް ކަމުގައިވެސް އޭނާ ވިދާޅުވިއެވެ.

މަމްދޫހް ވިދާޅުވީ، އިއްޔެވެސް ކުދިން ކިޔަވަން ތިބިއިރު 14 ފަހަރު ސްކޫލުން ކަރަންޓް ކެނޑުނު ކަމަށާއި މިއަދުވެސް 8 ފަހަރު ކަރަންޓް ކެނޑުނު ކަމަށެވެ. އަދި ސްކޫލުގައި ކިޔަވައިދޭން ބޭނުންކުރާ އިމާރާތްތަކަކީ ކުރީގެ އިމާރާތްތަކަށް ވެފައި، ކަރަންޓް ނެތި ގަދަ ހޫނުގައި ކުދިންނަށް ކިޔަވަން ނުތިބެވޭނެތީ، މިއަދުގެ ސެޝަންގެ މެދުތެެރެއިން ބެލެނިވެރިން އައިސް ކުދިން ގެއަށް ގެންގޮސްފައިވާ ކަމަށެވެ. އަދި ބެލެނިވެރިންގެ ނިންމުމަކީ، ކަރަންޓްގެ މައްސަލަ މިނިސްޓްރީ އޮފް އެޑިޔުކޭޝަނުން ހައްލުކޮށް ނުދޭނަމަ ކުދިން ނުފޮނުވުންކަމުގައިވެސް އޭނާ ވިދާޅުވިއެވެ.

Uploaded image

މަމްދޫހް ވިދާޅުވީ، ވޭވަށު ސްކޫލު އޭސީ ކުރުމަށް މިހާރު ހުރީ އޭސީތައްވެސް އަޅުވާފައި ކަމަށާއި، އެކަމަކު ކަރަންޓްވިއުގަ ބަދަލުނުކޮށް އޭސީތައްވެސް ބޭނުންކުރެވެން ނެތްކަމަށެވެ. އެސްކޫލުގައި ހުރި ޓޫފޭސް ނެޓްވޯކް ތްރީފޭސް ކަރަންޓް ނެޓްވޯކަކަށް ބަދަލުކުރަން ޖެހޭއިރު އެކަން ނުކުރެވި އެތައް އަހަރެއް ފާއިތުވެެގެން ދިޔުމަކީ ދަރިވަރުންނަށާއި މުދައްރިސުންނަށްވެސް ވަރަށް ބޮޑެތި ތަކުލީފުތަކެއް އުފުލަންޖެހި، ސީދާ ގޮތުން ދަރިވަރުންގެ ކިޔެވުމަށްވެސް އަސަރުކުރާ ކަމެއް ކަމުގައި މަމްދޫހް ވިދާޅުވިއެވެ.

ވޭވަށު ސްކޫލަކީ، ފަސްދޮޅަހަށް ވުރެ ގިނަކުދިން، ކިޔަވާ، ގުރޭޑް 1އިން 10އަށް ކިޔަވައިދޭ ސްކޫލެކެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް