ކޮންމެ މީހަކަށްވެސް ބޭރުން ފައިސާ ހޯދޭނެ ގޮތް ބީއެމްއެލްއިން ކިޔައިދީފި
ރައްޔިތުންގެ ނޫސް
ލިޔުންތެރިޔާ
ބީއެމްއެލްއިން މިއަދު ބޭއްވި ރަސްމިއްޔާތުގެ ތެރެއިން ---
ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން އެ ބޭންކުގެ ޑިޖިޓަލް ވޮލެޓް، ސްވައިޕް މެދުވެރިކޮށް ބައިނަލްއަގުވާމީ އެކައުންޓްތައް ހުޅުވޭނެ ގޮތާއި ބޭރުން ފައިސާ ގެނެވޭ ޚިދުމަތުގެ ތަފްސީލުތައް އެބޭންކުން ހާމަކޮށްފިއެވެ.
ބީއެމްއެލްއިން ބުނީ، ި ޚިދުމަތާއެކު އަމިއްލަ 'އިންޓަރނޭޝަނަލް ބޭންކް އެކައުންޓް ނަންބަރު' (IBAN) އެއް ހިމެނޭ އިންޓަރނޭޝަނަލް އެކައުންޓެއް ހުޅުވައި، ބޭރުގެ އެކައުންޓްތަކުން ފަސޭހަކަމާއެކު ފައިސާ ލިބޭނެ މަގުފަހިކުރެވިގެންދާނެ ކަމަށެވެ.
އިންޓަރނޭޝަނަލް އެކައުންޓްގެ ހިދުމަތް ލިބޭނީ ޑޮލަރު، ޔޫރޯ އަދި ޕައުންޑް އިންނެވެ. މިއީ ކަސްޓަމަރުންނަށް ތަފާތު ފައިސާއިން މުއާމަލާތް ކުރުމަށް ލިބޭ ބޮޑު ލުޔެއް ކަމުގައިވެސް ބީއެމްއެލްއިން ހާމަކުރެއެވެ. ބައިނަލްއަގުވާމީ ފައިސާގެ ޓްރާންސްފާއެއް ހިންގުމާއެކު، ވަގުތުން ކަސްޓަމަރުގެ 'ސްވައިޕް' ވޮލެޓަށް އެ ފައިސާ ޖަމާވާނެއެވެ. މިއީ ލިބޭ ފައިސާ އަވަހަށް އަދި ފަސޭހައިން ބޭނުންކުރުމަށް މަގުފަހިކޮށްދޭ ކަމެއް ކަމަށާއި، ސްވައިޕްއަށް ލިބޭ ޕީ-ޓު-ޕީ ފައިސާގެ ޓްރާންސްފަރތަކުން އެއްވެސް ފީއެއް ނުނަގާނެކަމުގައިވެސް ބީއެމްއެލްއިން ވަނީ ބުނެފައެވެ.
ބައިނަލްއަޤްވާމީ ފައިސާ ލިބޭނެ ގޮތް ހަމަޖެހުމަކީ ކަސްޓަމަރުން ވަރަށް ބޮޑަށް އިންތިޒާރު ކުރަމުން އައި ކަމެއް ކަމަށާއި، މީގެ ސަބަބުން ފްރީލާންސް މަސައްކަތްކުރާ ފަރާތްތަކާއި، އަމިއްލަ ވިޔަފާރިވެރިން އަދި ބޭރުގެ ބައިވެރިންނާއެކު މުޢާމަލާތްކުރާ ވިޔަފާރިތަކަށް ބޮޑެތި ފައިދާތަކެއް ކުރާނެ." ބޭންކުގެ ސީއީއޯ އަދި މެނޭޖިންގ ޑައިރެކްޓަރ މުޙައްމަދު ޝަރީފް ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ، މި ޚިދުމަތުގެ ސަބަބުން ކަސްޓަމަރުންނަށް ބޭރު ގައުމެއްގައި ބޭންކް އެކައުންޓެއް ހުޅުވައިގެން އެ ގައުމެއްގެ ލޯކަލް ޕޭމަންޓެއްހެން ވަގުތުން އިންސްޓަންޓްކޮށް ފައިސާ ޖަމާވެގެންދާނެ ކަމަށެވެ. އަދި 'ސްވައިޕް' އަކީ ފުރިހަމަ ޑިޖިޓަލް ޕޭމަންޓް ޕްލެޓްފޯމަކަށް ހެދުމަށާއި، ރާއްޖޭގެ އިގްތިސާދީ ހަރަކާތްތަކާއި އީޖާދީ މަސައްކަތްތަކަށް އެހީތެރިވުމަށް އެޅުނު މުހިންމު ފިޔަވަޅެއްކަމުގައިވެސް ޝަރީފް ވިދާޅުވިއެވެ.
މިއަހަރުގެ ކުރީކޮޅު ރަސްމީކޮށް ތައާރަފްކުރި 'ސްވައިޕް' ބޭނުންކުރާ ކަސްޓަމަރުންގެ އަދަދު މިހާރު ވަނީ 20،000 އަށްވުރެ މައްޗަށް އަރާފައެވެ.
ފަސޭހަކަމާއެކު ފައިސާ ދެއްކޭ މި ޚިދުމަތަށް ބީއެމްއެލްގެ ކަސްޓަމަރުންގެ ރަނގަޅު ތަރުހީބެއް ދަނީ ލިބެމުންނެވެ. އަދި 3,300 އަށްވުރެ ގިނަ މާޗަންޓުން މިހާރުވެސް މި ޚިދުމަތް ބޭނުންކުރަމުންދާއިރު، މިއީ ރާއްޖޭގައި އެންމެ ހެޔޮ އަގުގައި އަދި އެންމެ އަވަހަށް ފައިސާ ސެޓްލްކޮށްދޭ އެއް ޑިޖިޓަލް ޕޭމަންޓް ޚިދުމަތް ކަމުގައިވެސް ބީއެމްއެލްއިން ވަނީ ބުނެފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް