ރާއްޖެ

މެންބަރު ސިނާންގެ ގޮނޑި ގެއްލިއްޖެކަމަށް ސުޕްރީމް ކޯޓުން ހުކުމްކޮށްފި

ރައްޔިތުންގެ ނޫސް

ލިޔުންތެރިޔާ

މެންބަރު ސިނާންގެ ގޮނޑި ގެއްލިއްޖެކަމަށް ސުޕްރީމް ކޯޓުން ހުކުމްކޮށްފި

ގާނޫނު އަސާސީގެ 73 ވަނަ މާއްދާގައި ބަޔާންކުރާ ޝަރުތުތަކުން ޝަރުތެއް އުނިވެއްޖެނަމަ، އެ ގޮނޑި ގެއްލޭނެއެވެ. --- ގްރެފިކްސް: ރައްޔިތުންގެ ނޫސް

ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާއަށް ނިސްބަތްވާ މެންބަރު ސިނާންގެ ގޮނޑި ގެއްލިއްޖެކަމަށް ސުޕްރީމް ކޯޓުން ހުކުމްކޮށްފިއެވެ.

ސުޕްރީމް ކޯޓުގައި މިއަދު ކުރިއަށް ދިޔަ އަޑުއެހުމުގައި ހިތަދޫ ކޯޓުގެ ގަޒިއްޔާއިން މުހައްމަދު ސިނާނުގެ މައްޗަށް ސާބިތުވި ދަރަނި އެ ހުކުމާ އެއްގޮތަށް ދައްކާފައި ނުވުމުގެ ސަބަބުން ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަމުން މުހައްމަދު ސިނާނު ވަކިވެއްޖެ ކަމަށް ވަނީ ކަނޑައަޅާ ހުކުމްކޮށްފައެވެ.

ސުޕްރީމް ކޯޓުގައި މި މައްސަލަ ބައްލަވާފައިވަނީ ފަސް ފަނޑިޔާރުންނެވެ. އަދި ހުކުމްކޮށްފައިވަނީ ވެސް ފަސް ފަނޑިޔާރުންގެ އިއްތިފާގުންނެވެ. ބެންޗުގެ ރިޔާސަތުގައި އިންނެވީ ފަނޑިޔާރު އައިޝާ ޝުޖޫން މުހައްމަދެވެ.

ސިނާންއާ ދެކޮޅަށް މި މައްސަލަ ހުށައެޅީ ޣާލިބް ސަލީމް ކިޔާމީހެކެވެ. އެއީ ސިނާން ހިމެނޭހެން އިތުރު ތިން މީހާކު އެކުގައި އިސްލާމިކް ބޭންކުން ނެގި 3.8 މިލިއަން ރުފިޔާގެ ލޯނުގެ ނުދައްކާ އޮތް ފައިސާ ހަލާސްކުރުމަށް 2024 އޮކްޓޯބަރުގައި ހިތަދޫ ކޯޓުން ކުރި ހުކުމާއި އެއްގޮތައް ފައިސާ ދައްކާފައިނުވާތީއެެވެ. އެއީ 2.5 މިލިއަން ރުފިޔާއެވެ.

މެންބަރެއްގެ ގޮނޑި ގެއްލިއްޖެ ނަަމަ ހުސްވި ގޮނޑިއަށް މެންބަރަކު އިންތިހާބު ކުރުމަށް 60 ދުވަހުގެ ތެރޭގައި ބައި-އިލެކްޝަން ބާއްވަން ޖެހޭނެއެވެ.

ރައްޔިތުންގެ މަޖިލީހުގައި ހިމެނިވަޑައިގަންނަވާ މެންބަރުންގެ ޝަރުތުތަކުގެ ތެރޭގައި އަދާކުރާންޖެހޭ ސާބިތު ދަރަންޏެއް އޮތް މީހަކު ނަމަ، ހުކުމާ އެއްގޮތަށް އެ ދަރަނި އަދާކުރަމުން ނުދާ މީހަކު ކަމުގައިވެގެން ނުވާނެ ކަމަށް އޮވެއެވެ. އެގޮތުން ގާނޫނު އަސާސީގެ 73 ވަނަ މާއްދާގައި ބަޔާންކުރާ ޝަރުތުތަކުން ޝަރުތެއް އުނިވެއްޖެނަމަ، އެ ގޮނޑި ގެއްލޭނެއެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް