ރާއްޖެ

ކެބިނެޓަށް ބޮޑު ބަދަލެއް: 2 މިނިސްޓަރަކު ވަކި ކުރައްވާފައި ވާއިރު ގިނަ މިނިސްޓަރުންތަކެއް ވަނީ އިސްތިއުފާދެއްވާފައި

ރައްޔިތުންގެ ނޫސް

ލިޔުންތެރިޔާ

ކެބިނެޓަށް ބޮޑު ބަދަލެއް: 2 މިނިސްޓަރަކު ވަކި ކުރައްވާފައި ވާއިރު ގިނަ މިނިސްޓަރުންތަކެއް ވަނީ އިސްތިއުފާދެއްވާފައި

ކެބިނެޓުން އިސްތިއުފާ ދެއްވި މިނިސްޓަރުންނާއި ވަކިކުރެއްވި މިނިސްޓަރުން ---

ލޯކަލް ކައުންސިލް އިންތިޚާބާއި ޚިޔާލުހޯދުމުގެ ވޯޓުގައި ސަރުކާރަށް ކުރިމަތިވި ބޮޑު ނާކާމިޔާބީއަށް ފަހުގައި، ކަންކަން އިސްލާޙް ކުރައްވާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ހާމަކުރައްވާފައި ވާއިރު، މިއަދު އެމަނިކުފާނު ކެބިނެޓަށް ބޮޑު ބަދަލެއް ގެންނަނަވަން ވަނީ ފައްޓަވާފައެވެ. މިހާތަނަށް 2 މިނިސްޓަރަކު ވަކިކުރައްވާފައި ވާއިރު، 5 މިނިސްޓަރުން ވަނީ އިސްތިއުފާ ދެއްވާފައެވެ.

އެހެންނަމަވެސް މި ބަދަލުތަކާއި ގުޅޭ ގޮތުން ސަރުކާރުން ރަސްމީ ސިފައެއްގައި އެއްވެސް މައުލޫމާތެއް ހާމައެއް ނުކުރެއެވެ. އެކަމަކު އިސްތިއުފާ ދެއްވި ބައެއް ވަޒީރުންގެ ފަރާތްޕުޅުން ވަނީ އެބޭފުޅުން އިސްތިއުފާދެއްވިކަން ކަށަވަރުކޮށްދެއްވާފައެވެ.

ކެބިނެޓުން ވަކިކުރެއްވި ބޭފުޅުންނަކީ؛

1- މިނިސްޓަރ އޮފް ފޮރިން އެފެއާޒް - ޑޮކްޓަރ ޢަބްދުﷲ ޚަލީލް

2- މިނިސްޓަރ އޮފް ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމަންޓް - ޑޮކްޓަރ ޢާއިޝަތު ޝިހާމް

ކެބިނެޓުން އިސްތިއުފާ ދެއްވި މިނިސްޓަރުން:

1- މިނިސްޓަރ އޮފް ހެލްތް - ޢަބްދުﷲ ނާޡިމް އިބްރާހީމް

2- މިނިސްޓަރ އޮފް ޑިފެންސް - މުޙައްމަދު ޣައްސާން މައުމޫން

3- މިނިސްޓަރ އޮފް ސިޓީސް، ލޯކަލް ގަވަރމަންޓް އެންޑް ޕަބްލިކް ވަރކްސް - އާދަމް ޝަރީފު ޢުމަރު

4- މިނިސްޓަރ އޮފް އެގްރިކަލްޗަރ އެންޑް އެނިމަލް ވެލްފެއަރ - ޑޮކްޓަރ މަރްޔަމް މާރިޔާ

5- މިނިސްޓަރ އޮފް ޔޫތު އެމްޕަވަރމަންޓް، އިންފޮމޭޝަން އެންޑް އާޓްސް - އިބްރާހީމް ވަޙީދު

6 - މިނިސްޓަރ އޮފް ޓޫރިޒަމް އެންޑް އެންވަޔަރަންމަންޓް - ޠާރިޤު އިބްރާހީމް

އިއްޔެ ވަނީ، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ މިނިސްޓަރ ޢަލީ އާރިފްވެސް އިސްތިއުފާ ދެއްވާފައެވެ. އޭނާވެސް މަޤާމުން އިސްތިއުފާ ދެއްވީ، ރައީސުލްޖުމްހޫރިއްޔާ އަންގަވައިގެން ކަމުގައި އެނގިފައިވެއެވެ.

މިއީ 2010 ވަނަ އަހަރުގެ ފަހުން، ރާއްޖޭގައި މިހާ ގިނަ ކެބިނެޓް މިނިސްޓަރުންތަކެއް އެއްފަހަރާ މަޤާމުން ވަކިކުރައްވައި، އަދި މަޤާމުތަކުން އިސްތިއުފާ ދެއްވި ދުވަހެވެ. އެމްޑީޕީގެ ސަރުކާރުގައި މަޖިލީހުގެ އަޣުލަބިއްޔަތު ނެތުމާއި، ކެބިނެޓްގެ މެންބަރުންނަށް މަޖިލީހުން ރުހުން ނުދިނުމުގެ މައްސަލަކާއި ގުޅގެން، ބޮޑު ރަސްމިއްޔާތެއް ބާއްވައި، ލައިވްޓީވީގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފިޔަވައި، ކެބިނެޓްގައި ހިމެނިވަޑައިގަންނަވާ ހުރިހާ މިނިސްޓަރުން އެކީ އެއްފަހަރާ އިސްތިއުފާ ދެއްވާފައި ވަނީ 2010 ވަނަ އަހަރުގެ ޖޫން މަހުގައެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް