މައްކާ އާއި ޖިއްދާ އަދި ޠާއިފަށް ހަމަލާއެއް އަތުވެދާނެތީ ސަމާލުވާން އަންގައި އިންޒާރުދީފި
ރައްޔިތުންގެ ނޫސް
ލިޔުންތެރިޔާ
ސަޢޫދީ އަރަބިއްޔާގެ ޖިއްދާ -- ފޮޓޯ: ރައްޔިތުންގެ ނޫސް
މުސްލިމުންގެ އެންމެ މުޤައްދަސް ރަށް، މައްކާ އަށާއި، އަދި ސަޢޫދީ ޢަރަބިއްޔާގެ ވިޔަފާރީގެ މަރުކަޒީރަށް ޖިއްދާގެ އިތުރުން ޠާއިފަށް، ނުރައްކަލެއް ކުރިމަތިވެދާނެ ކަމަށް އަންގައި ސަޢޫދި ޢަރަބިއްޔާގެ ސިވިލް ޑިފެންސްއިން އިންޒާރު ނެރެފިއެވެ.
ސަޢޫދީ ޢަރަބިއްޔާގެ ސިވިލް ޑިފެންސްއިން މި އިންޒާރު ނެރެފައި ވަނީ މީގެ ކުޑައިރުކޮޅެއް ކުރިންނެވެ. މި އިންޒާރު ފޮނުވާފައި ވަނީ، ސަޢޫދީ ސަރުކާރުން ޤާއިމްކޮށްފައިވާ ނޭޝަނަލް އާލީ ވޯނިންގ ޕްލެޓްފޯމް ފޯރ އެމާޖެންސީސް މެދުވެރިކޮށެވެ.
އެ އިންޒާރުގައި އާއްމުން ހަމަހިމޭން ކަމުގައި ތިބުމަށާއި، ރަސްމީ އިދާރާތަކުން އަންގާ އެންގުންތަކަށް ތަބާވުމަށް ވަނީ އިރުޝާދު ދީފައެވެ. އަދި ހަމަލާއެއް އަތުވެދާނެ ކަމުގެ އިންޒާރުތައް ލިބޭ ވަގުތު އިމާރާތްތަކުގެ ފުރާޅުމަތީގައި ނުތިބުމަށާއި، އިމާރާތްތްތަކުގެ ކުޑަދޮރުތަކާއި ކައިރީގައި ނުތިބުމަށްވެސް ވަނީ އިރުޝާދު ދީފައެވެ.
މީގެ އިތުރުން ހަމަލާއެއްގެ އިންޒާރު ލިބޭ ވަގުތު މަގުމަތީގައި ނުތިބުމަށާއި އެންމެ ކައިރީގައި ހުންނަ އިމާރާތަކުން ހިޔާވަހިކަން ހޯދުމަށްވެސް ވަނީ އިރުޝާދު ދީފައެވެ.
އަދި އާއްމުން އެއްވެ ނޫޅުމަށާއި، ނުރައްކާތެރި ސަރަހައްދުތަކަށް ނުދިޔުމަށާއި، ހާދިސާއެއްގެ ވަގުތުގައި ފޮޓޯ ނަގަން އެތަންތަނަށް ނުދިޔުމަށްވެސް އިރުޝާދު ދީފައިވެއެވެ.
ސަޢޫދީގެ ސިވިލްޑިފެންސްއިން މިފަދަ އިންޒާރެއް ނެރެފައި މިވަނީ، ސީދާ ކޮންކަމަކާއި ގުޅިގެން ކަމެއް ހާމަކޮށްފައެއް ނުވެއެވެ. އެހެން ނަމަވެސް މިވަގުތަކީ، ސަޢުދީގެ މުހިއްމު ސިޓީތަކާއި އިންފްރާސްޓްރަކްޗަރތަަކަށް އަމާޒުކޮށް، ޔަމަނުގެ ހޫތީން ވަރުގަދަ ހަމަލާތަކެއް ދެމުން އަންނަ ދަނޑިވަޅެކެވެ. ޢަރަބިބަހާރުގެ ތެރޭގައި، ޔަމަނުގެ ރައީސް ޢަލީ ޢަބްދުﷲގެ ވެރިކަން 2011 ވަނަ އަހަރު ވައްޓާލުމަށް ފަހުގައި، 2014 ވަނަ އަހަރު ހޫތީ ހަނގުރާމަވެރިން ވަނީ، ޔަމަނުގެ ވެރިރަށް ސަންޢާ ހިފާފައެވެ. އަދި ހޫތީންގެ އަތްމައްޔަށް ޔަމަނުގެ ބާރުތައް ފުރޮޅުގެން ދިއުމާއިއެކު ސަޢޫދީ ޢަރަބިއްޔާއިން އިސްވެ އޮވެ 2015 ވަނަ އަހަރުންފެށިގެން ޔަމަނަށް ހަމަލާދޭން ފަށާފައިވެއެވެ. މިގޮތުން ޔަމަނުގެ ހުދައިދާ ޕޯޓުގެ އިތުރުން ޔަމަނުގެ މުހިއްމު އިންފްރާސްޓްރަކްޗަރ ތަކަށް ސަޢޫދީ ކޯލިޝަނުން ހަމަލާދީ ހަލާކުކޮށްލުމުގެ ސަބަބުން، ޔަމަނުގެ އެތައް މިލިއަން ބަޔަކު ބަނޑަށްޖެހި އެތައް މިލިއަން ކުޑަކުދިންނެއް މިފާއިތުވި 12 އަހަރުގެ ތެރޭގައި ވަނީ މަރުވެފައެވެ.
މެދުއިރުމަތީގައި އިޒްރޭލާއި އެމެރިކާ ގުޅިގެން މިއަހަރުގެ ފެބުރުއަރީ މަހުގެ 29 ވަނަ ދުވަހު އިޜާނާއި ދެކޮޅަށް ފެށި ހަނގުރާމައިގައި އީރާނުން ވަނީ، މެދުއިރުމަތީގެ ޤައުމުތަކުގައި އެމެރިކާއިން ޤާއިމްކޮށްފައިވާ ދިފާޢީ ނިޒާމްތަކަށް ހަމަލާދީ ސުންނާފަތިކޮށްލާފައެވެ. އެކަމުގެ ސަބަބުން އޮމާނާއި ސަޢޫދީޢަރަބިއްޔާ އާއި ޔޫއޭއީ އާއި ޤަތަރާއި ކުވޭތާއި އަދި އުރުދުންއަށް ވަނީ ނުރައްކާތައް ބޮޑުވެފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް