ރަނގަޅު ފެންވަރުގެ ޓްރެކެއް އަޅައި މަޑުއްވަރީ ކައުންސިލުން ލައިސަންސް ނެގުމުގެ ޚިދުމަތްދޭން ފަށައިފި
ރައްޔިތުންގެ ނޫސް
ލިޔުންތެރިޔާ
ހަތަރު ފުރޮޅުލީ އެއްގަމު އުޅަނދު ފަހަރު ދުއްވުމުގެ ލައިސަންސް ނެގުމުގެ ޚިދުމަތް ރ. މަޑުއްވަރީ ކައުންސިލުން ދޭން ފަށައިފިއެވެ.
އެކައުންސިލުން މި ޚިދުމަތް ފަށާފައި ވަނީ މިއަދުން ފެށިގެންނެވެ.
މީގެ ކުރިންވެސް މަޑުއްވަރީ ކައުންސިލް މެދުވެރިކޮށް އެއްގަމު އުޅަނދުފަހަރު ދުއްވުމުގެ ލައިސަންސް ދޫކުރަމުން އައި ނަމަވެސް، ލައިސަންސް ނަގާ ފަރާތްތަކުން ފަރިތަކުރުމަށާއި ޓެސްޓް ހެދުމަށް، ރަނގަޅު ފެންވަރެއްގެ ޓްރެކެއް ނެތުމާއި އެކު ކައުންސިލްގެ މާލިއްޔަތުން ޚަރަދުކޮށްގެން ރަނގަޅު ފެންވަރެއްގެ ޓްރެކެއްވެސް މިހާރު ވަނީ ހަދައި ނިންމާފައެވެ.
ކޮންމެ ހަފްތާއަކު ހޯމަ އަދި ބުދަ ދުވަހު ޚިދުމަތް ދޭގޮތަށް ކުރިޔަށް ގެންދިއުމަށް ހަމަޖެހިފައި ވާއިރު، ދުވާލަކު 15 މީހުންނަށް ޚިދުމަތް ދެވޭނެކަމަށް މަޑުއްވަރީ ކައުންސިލުން މަޢުލޫމާތު ދެއެވެ.
ޚިދުމަތްތަކަށް އަގު ނެގުމަށް ކަނޑައެޅިފައިވަނީ ތިއަރީ ޓެސްޓު ހަދާ ކޮންމެ ފަހަރަކަށް 50 ރުފިޔާ، ޕްރެކްޓިކަލް ޓެސްޓު ހަދާ ކޮންމެ ފަހަރަކަށް 50 ރުފިޔާ އަދި ކެޓެގަރީ އިތުރުކުރުމަށް ދުއްވާ ކޮންމެ ފަހަރަކު 100 ރުފިޔާއެވެ.
މިޚިދުމަތަށް އެދޭނީ އީފާސް މެދުވެރިކޮށް ޓްރާންސްޕޯޓް މިނިސްޓްރީގެ ސިމްސް ޕޯޓަލް މެދުވެރިކޮށް ކަމަށާއި ހަފްތާގެ ކޮންމެ ދުވަހަކު ވެސް ޚިދުމަތަށް އެދެވޭނެ ކަމަށް މަޑުއްވަރީ ކައުންސިލުން މަޢުލޫމާތުދެއެވެ. މިކަމުގެ ސަބަބުން މަޑުއްވަރީ ރައްޔިތުންގެ އިތުރުން ކައިރި އެހެން ރަށްރަށުގެ ރައްޔިތުންނަށް ވެސް ލައިސަންސް ނެގުމަށް ކުރާ ހޭދަ ކުޑަވެގެން ދާނެކަމަށް މަޢުލޫމާތުދެއެވެ.
ޚަބަރު ލިޔުނީ: ޙަސަން ސާތިޢު - ރަށު ރިޕޯޓަރ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް